ހުޅުމާލެ އިރުމަތީ ފަރާތު ޓްރެކް ސަރަހައްދު ސާފުކުރުން މާދަމާ (ހޮނިހިރު ދުވަހު) ކުރިއަށްދާނެ ކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިހެން ބުނެފައިވަނީ މިއަދު ކޮށްފައިވާ އިއުލާނެއްގައެއެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ހުޅުމާލެ އިރުމަތީ ފަރާތު ޓްރެކް ސަރަހައްދު ބޭނުންކުރައްވާ ފަރާތްތަކަށް އެ ސަރހައްދު އުފެދިފައިވާ ކުނި ބުންޏާއި މަރުވެފައިވާ ގައުތަކުގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާކަމަށާއި، މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ ނިޔާޒްގެ އިސް ނެންގެވުމާއެކު، އެ ކޯޕަރޭޝަންގެ ފަރާތުން 2020 އޮކްޓޯބަރު 17 ވާ ހޮނިހިރު ދުވަހު ހެނދުނު 07:00 އިން 10:00 އަށް ހުޅުމާލެ ޓްރެކް ސަރަހައްދުގައި އުފެދިފައިވާ ކުނިބުންޏާއި މަރުވެފައިވާ ގައުތައް ނަގާ ސާފުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
"މި ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑް 19 އާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅުއްވާފައިވާ ހާއްސަ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން، އާންމުން އެއްވެ އުޅުމުގެ މިންގަނޑުތަކާ ހިލާފުނުވާނެފަދަ ގޮތަށް ރާވައިގެންކަން އާންމުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." އެޗްޑީސީން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މިމަސައްކަތް ކުރިއަށްދާވަގުތު އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކޯޕަރޭޝަންގެ ފަރާތުން ނިހާޔަތަށް މާފަށް އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް