ޒިކުރުކުރުން ގިނަ ކުރޭ! އޭރުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ!

ދުޢާކުރުމަކީ ވަރަށްމާތް އަޅުކަމެކެވެ. ދުޢާކުރުމުގެ މާތްކަމާބެހޭގޮތުން ވަރަށް ގިނަ އާޔަތްތަކާއި ޙަދީޘްފުޅުތައް ވާރިދުވެގެން އައިސްފައިވެއެވެ. ފަހެ ދުޢާއަކީ ޒިކުރެކެވެ. މާތްﷲ މަތިން ހަނދުމަކުރުމެކެވެ. އ...

16 Oct 2020 | 02:24

ދުޢާކުރުމަކީ ވަރަށްމާތް އަޅުކަމެކެވެ. ދުޢާކުރުމުގެ މާތްކަމާބެހޭގޮތުން ވަރަށް ގިނަ އާޔަތްތަކާއި ޙަދީޘްފުޅުތައް ވާރިދުވެގެން އައިސްފައިވެއެވެ. ފަހެ ދުޢާއަކީ ޒިކުރެކެވެ. މާތްﷲ މަތިން ހަނދުމަކުރުމެކެވެ. އެކަލާނގެ މަތިން ހަނދުމަކުރާމީހާގެ މަތިން އެކަލާނގެ ހަނދުމަކުރައްވައެވެ. އަދި އެކަލާނގެ އެމީހެއްގެ މަތިން ހަނދުމަކުރެއްވުމުގެ ނަތީޖާއަކީ އޭނާގެ ބޭނުންތައް ފުއްދަވައިދެއްވުމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.  { فَاذْكُرُ‌ونِي أَذْكُرْ‌كُمْ وَاشْكُرُ‌وا لِي وَلَا تَكْفُرُ‌ونِ} )سورة البقرة  152 )  “ފަހެ ތިޔަބައިމީހުން ތިމަން ﷲ ހަނދުމަކުރާށެވެ. އޭރުން ތިމަން ﷲ ތިޔަބައި މީހުން ހަނދުމަކުރައްވާހުށީމެވެ. އަދި ތިޔަބައި މީހުން ތިމަން ﷲ އަށް ޝުކުރުވެރިވާށެވެ. އަދި ތިމަން ﷲއަށް ތިޔަބައިމީހުން ކާފިރުނުވާށެވެ.”

ޒިކުރުކުރުމަކީ ހިތްހަމަޖެހުމާއި އުފާވެރިކަން ހިތައް ގެނެސްދޭ ކަމެކެވެ. ހިތްތަކަށް ހިންހަމަޖެހުމާ އުފާވެރިކަން ޒިކުރުކުރުމުން މެނުވި ނުލިބޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ﴿أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ﴾ މާނައީ: ”ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟“

އަދި ޒިކުރުކުރުމަކީ، އަޅުކަންތަކުގެ ތެރެއިން ވަރަށް މަތިވެރި އަޅުކަމެކެވެ. މުސްލިމް އަޅާ ކެއުމާއި ބުއިމަށް ބޭނުންވާ ފަދައިން ޒިކުރުކުރުމަށް ބޭނުންޖެހިގެންވެއެވެ. އަދި އެކަމަކީ ރަޙްމާންވަންތަ ރަސްކަލާގެ ރުއްސެވުން އެމީހަކަށް ލިބޭނޭކަމެކެވެ. އަދި ޝައިޠާނާގެ އުނދަގުލުން އެމީހަކު ސަލާމަތްވާނޭކަމެކެވެ. އަދި ކަންބޮޑުވުމާއި މާޔޫސްކަމުން ސަލާމަތްވެ، އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. އަދި ﷲ ހަނދުމަކޮށް އުޅޭ މިހުންގެ މަތިން އެކަލާނގެ ހަނދުމަކުރައްވާ ހުއްޓެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ  ވަޙީކުރައްވާފައިވެއެވެ.  ﴿فَاذْكُرُونِي أَذْكُرْكُمْ﴾ މާނައީ: ”ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ.“

رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްކުރެއްވިއެވެ.

“ތިޔަބައި މީހުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަމާއި، އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޠާހިރުކަންބޮޑު ޢަމަލަކީ ކޮބައިކަމާ، އަދި ތިޔަބައިމީހުން ދަރަޖަތަކުގައި އެންމެ އުފުލިގެންވާ ޢަމަލަކީ ކޮބައިކަން ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް ވިދާޅުވެދެއްވަންހެއްޔެވެ؟ އެކަމަކީ ތިޔަބައިމީހުންނަށް ރަނާއި ރިހި ހޭދަކުރުމަށްވުރެވެސް  ހެޔޮވެގެނވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ ޢަދުއްވުންނާއި ތިޔަބައިމީހުން ބައްދަލުކޮށް އެބައިމީހުންގެ ކަރުތައް ކަނޑައި އަދި އެބައި މީހުން ތިޔަބައިމީހުންގެ ކަރުތައް ކެނޑުމަށްވުރެވެސް ތިޔަބައިމީހުންނަށް ހެޔޮވެގެންވާކަމެކެވެ. ޞަޙާބީން ދެންނެވިއެވެ. އާދޭހެވެ! ވިދާޅުވެދެއްވާށެވެ! ޙަދީޘްކުރެއްވިއެވެ. އެއީ ﷲ އަށް ޒިކުރު ކުރުމެވެ. (رواه الترمذي وابن ماخه وصخحه اللأالباني)

އަދި މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސް ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން މީހަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން ދީނުގެ ޙުކުމްތައް އަހަރެމެންގެ މައްޗަށް  ގިނަވެގެންވެއެވެ. ފަހެ އަހަރެން އެކަމެއްގައި ވަރުގަދަޔަށް ހިފަހައްޓާނޭކަމެއް އަހަރެންނަށް ބުނެދެއްވާށެވެ. حديث ފުޅުކުރެއްވިއެވެ. “ތިބާ ގެ ދޫ އަބަދުވެސް ﷲ އަށް ޒިކުރުކުރުމުގައި ތެތްކޮށް ބަހައްޓާށެވެ.” (رواه الترمذي وابن ماخه وصخحه اللأالباني)

އަދިވެސް رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްފުޅުކުރެއްވިއެވެ. ” ﷲގެ ފޮތުން އެންމެ އަކުރެއް ކިޔައިފި މީހާއަށް އޭގެ ސަބަބުން ހެޔޮކަމެއް ވެއެވެ. އަދި ކޮންމެ ހެޔޮ ކަމަކީ ދިހަ ހެޔޮކަމެވެ. {الم}  އަކީ އެންމެ އަކުރެކޭ ތިމަންކަލޭގެފާނު ވިދާޅެއްނުވަމެވެ. އެކަމަކު އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ.” (رواه الترمذي وصخحه اللأالباني)

ދުޢާއަކީ، އަޅުގަޑުމެންގެ ހިތްތައް ﷲ ގެ ޒިކުރުކުރުމުން ޣާފިލުވެފައިވާ ހިތްތަކެއް ކަމުގައި ނުލެއްވުމެވެ. އަދި އަޅުގަނޑުމެންނަކީ އިޙުލާސްތެރި ކަމާއެކު ގިނަގިނައިން ﷲ އަށް ޒިކުރުކުރާ ބައެއްކަމުގައި ލެއްވުމެވެ.

މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނާއި ބައެއް ލިޔުންތެރިންގެ ލިޔުންތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް