ހިތް އެދޭވަރުން... 23 ވަނަ ބައި...

ކުރީގެ އަދަދާއި ގުޅޭ... މިހާރަކަށް އައިސް ނަވީލް ކޮންމެދުވަހަކު ހެނދުނު ތެދުވެގެން ސައިބޯލައިގެން ކޮންމެވެސް ދާކަށް ދާން ފަށައިފިއެވެ. އޭނަ ކޮންމެ ދުވަހަކު އެދަނީ ކޮންތަނަކަށް ކަމެއް އަދި ކުރަނީ ކީއްކ...

16 Oct 2017 | 03:20

ކުރީގެ އަދަދާއި ގުޅޭ...

މިހާރަކަށް އައިސް ނަވީލް ކޮންމެދުވަހަކު ހެނދުނު ތެދުވެގެން ސައިބޯލައިގެން ކޮންމެވެސް ދާކަށް ދާން ފަށައިފިއެވެ. އޭނަ ކޮންމެ ދުވަހަކު އެދަނީ ކޮންތަނަކަށް ކަމެއް އަދި ކުރަނީ ކީއްކަމެއް ވެސް އިނގޭ އެކަކުވެސް އެގެއަކު ނޫޅެއެވެ. ޒީޝާނަށް އެކަން ފާހަގަ ކުރެވުނު ނަމަވެސް އިސްވެ ނަވީލް ގާތު އެއްޗެށް އަހަން މިހާރު އޭނާ ޖެހިލުންވެއެވެ. އަމުދުން ޝާހިލް އާއި ރައްޓެހިވީ ފަހުން ނަވީލް އޭނާ އާއި މެދު ކުރިން ދެކޭގޮތް ވަނީ ބަދަލުވެފައި ކަން އޭނާއަށް ޔަޤީނެވެ. މިހާރު ނަވީލް އޭނާ އާއި ވާހަކަ ދައްކަނީ ކޮންމެހެން ދައްކަން ޖެހޭ ވާހަކަ އެއް އެކައްޏެވެ. ގިނަ ފަހަރަށް ކޮންމެވެސް ވަށްބަހަކުން ޖަހާލާ މަލާމާތުގެ ބަހެއް ނޫނީ ނުބުނާނެއެވެ.

ޒީޝާނަށް ޑިއުޓީ ނިއްމާލާފައި ގެއަށް އާދެވުނު އިރު ހަވީރު ފަހެއް ޖަހަނީއެވެ. އޭރު އޭނާހުރީ ބަނޑުހައިވެގެން ގޮސް ހާންތިވާވަރު ވެފައެވެ. ހެނދުނު ޑިއުޓީއަށް ދަމުން ގެއިން ބޯލި ކޮފީތައްޓެއް ފިޔަވައި އިތުރު އެއްޗެށް ކާލާނެ ވަގުތެއް އޭނާއަކަށް މިއަދަކު ނުލިބުނެވެ. ދެފަހަރަކު ޝާހިލްވެސް ކޮންމެވެސް އެއްޗެށް ކާލަން ދާންވީ ނޫންހޭ ކިޔާ ގުޅަންވެސް ގުޅިއެވެ. ނަމަވެސް ތަންކޮޅެއް ބިޒީ ދުވަހެއް ކަމުން އޭނާ ބިޒީއޭ ބުނެފައި ފޯނު ބޭއްވީއެވެ.

ޒީޝާނުގޮސް ކާގެއަށް ވަން އިރު ކާގޭ މޭޒު ދޮށުގައި ނަވީލްވެސް އިނެވެ.ނަވީލް ގާތު ބޮޑުދައިތަވެސް އިނެވެ. ނަމަވެސް ޒީޝާން ފެނުމާއެކު ބޮޑުދައިތަ ފާޑަކަށް ޒީޝާނަށް ބަލާލާފައި ކާގެއިން ނިކުތުމަށް ހިނގައިގަތެވެ. މިހާރަކަށް އައިސް ބޮޑުދައިތަ ހުންނަނީ ޒީޝާން ދެކެ ފާޑަކަށް ރުޅިއައިސްފައި ޒީޝާނަށް ހީވަމުންދާތާ ދުވަސް ކޮޅެއް ވެއްޖެއެވެ.

''ކޮބާތަ ދޮންބެ.'' ނަވީލް ޒީޝާނަށް ބަލާލަމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ''ހޮސްޕިޓަލުގަ އެއްނު ވާނީ.'' ޒީޝާން ވާހަކަ ދެއްކީ ކޮފީތައްޓެއް ގިރަމުންނެވެ. ''އަހަރެން ހީކުރީ ޒީ އާއި އެކު ގެއަށް އަންނާނެ ކަމަށް.'' ''ޑިއުޓީ ނުނިމުނަސް އަހަންނާއި އެކު ގެއަށް އާދޭތަ؟'' ޒީޝާން ނަވީލަށް ބަލާލަމުން ބުއްޏެވެ. ''އާނ. އެވަރަށް ލޯބި ވަންޏާ ހަމަ އައިސް ފާނެއެއްނު.'' ނަވީލް ހަމަލައެއް ދޫކޮށްލިއެވެ.

''ނަވީލް. ބުނަށް ތިއުޅޭ އެއްޗެށް ރީތިކޮށް ބުނެބަލަ. އަހަރެން ޝާހިލް އާއި ވާހަކަ ދެއްކުމަކީ ނަވީލް  ރުހޭ ކަމެއް ނޫން ހެން ހީވަނީ.'' ޒީޝާން ނަވީލަށް ބަލާލަމުން ބުއްޏެވެ. ''އަހަންނަށް ކީއްތަ ޒީ ކޮންމެ މީހަކާއި ވާހަކަ ދެއްކިއްޔާ.'' ނަވީލް ބުނެލިއެވެ. ''ކީއް ނުވާތީއެއްނު އަހަރެން ޝާހިލާއި ވާހަކަ ދައްކަން ފެށިފަހުން އަބަދު ތިގޮތަށް ތިދިމާކުރަނީ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ.

''މައްސަލައަކީ ވަގަށް އުޅޭތީއޭ. ހީވަނީ ކަން ނޭނގެ އެހެން މީހަކަށް ނޭނގޭނެޔޭ. އެކަމަކު ބުނަށް. ތިގުޅުން މާބަދަހި ގުޅުމަކަށް ނަހަދާތި.'' ނަވީލް ބުނެލި ޖުމުލައަކުން ޒީޝާން ލިބުނީ ހައިރާންކަމެވެ. ''އެއީ ކީއްވެ ކަން އަހަންނަށް ބުނެދީފާނަށްތަ؟'' ޒީޝާން އަވަސް އަވަހަށް އަހާލިއެވެ. ''އެކަމެއް ވެސް ހަމަ ބުނަށް ޖެހޭތަ؟ އަހަރެން ހީކުރީ އަހަރެން ގަމާރަސް ޒީއަށް ވިސްނޭނެކަމަށް.'' ނަވީލް ތެދުވަމުން ބުނެލިއެވެ. ''ކާކުތަ ބުނީ ނަވީލްތީ ގަމާރެކޭ.ގައިމުވެސް އަހަރެން ނުބުނަށް.''

''އާނ. އަދި ތިދުލަކުން އެހެންވާ ނުބުނޭ. އެކަމަކު ކުރިއަށް އޮތްތާގައި ބުނެފާނެކަން ނޭނގެ.'' ނަވީލް ކާގެއިން ނިކުތުމަށް ހިނގައިގަތީ ވަރުގަދަ ހަމަލައެއް ދޫކޮށްލުމަށް ފަހުގައެވެ.

ޒީޝާންގެ އިނީ ނަވީލްގެ އެންމެ ފަހު ޖުމުލައިގެ ސަބަބުން ބިރުގަންނަ ގޮތްވެފައެވެ. ނަވީލް އޭނާގެ ހިތުގެ އެދުން ފުރިހަމަ ކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަން ޔަޤީނެވެ. އެއީ ޒީޝާނަށް އިނގޭ ކަމެކެވެ. އަނެއްކާ ނަވީލް ކުރަން އެއުޅެނީ ކޮން ފަދަ ކަމެއް ބާއެވެ. އެކަމުން އަހަންނާއި ޝާހިލްގެ ގުޅުމަށް ކިހާވަރެއްގެ އަސަރެއް ކުރާނެބާއެވެ. ޒީޝާނުގެ ހިތުގައި ތަފާތު ޚިޔާލުތަކެއް ދިޔައީ އުފެދި އާލާވަމުންނެވެ.ވާން މިއުޅެނީ ކީއްބާއެވެ. އަނެއްކާ................................................................

ކުއްލިއަކަށް އުޑުމަތީގައި ވިލާތައް ގިނަވެއްޖެއެވެ. ކުލަކުލައިގެ ވިލާތަކުން މުޅި އުޑު ފުރާލައިފިއެވެ. ފަޟާއަށް ދުންފިނީގެ އަސަރު ވެރިވާން ފަށައިފިއެވެ. ދުވާލުގެ އަލިކަން މިފިނިކަމުގެ ތެރެއަށް ގެއްލިއްޖެއެވެ. ހީވަނީ މުޅި ދުނިޔެއަށް ވެސް މިތެތްފިނިކަމުގެ އަސަރުކުރަމުންދާ ހެންނެވެ. ފިނިކަމުގެ ސަބަބުން ޝާހިލަށް މަޖުބޫރުވީ އެއަރކޮންޑިޝަން ވެސް ކަނޑާލާށެވެ. ހީކެރުވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި ދިޔައީ މަޑުމަޑު ތުރުތުރެއް އުފެދެމުންނެވެ. ވުމާއެކު އޭނާ ފައިން ފެށިގެން ބޮލާއި ހަމައަށް ދާންދެން ރަޖާއަޅާލައިގެން އޮތީއެވެ. ބޭނުންވަނީ އެފިނި ދުވަސް އެއްކޮށް ނިދާލުމަށްށެވެ.

ރޭވެސް އޭނާގެ ވަގުތުތައް ހޭދަކުރީ ނުހަނު ހާލު ބޮޑުބަލި މީހަކާއި އެކު ހޭލާހުރުމުގައެވެ. އޭނާއަށް ގެއަށް އާދެވުނީ ރޭދެބައިވެ ދިޔަފަހުންނެވެ. ވުމާއެކު އޭނާބޭނުންވަނީ މުޅިދުވަސް އެކުގައި ނިދާލާށެވެ. ވެފައިވާ ވަރުބަލިކަން ފިލުވާލުމަށްށެވެ. ސިކުނޑީގެ ބުރަކަމަށް ލުޔެއް ހޯދުމަށްޓަކައެވެ.

މިހާރު ޝާހިދާވެސް ދެތިން ފަހަރަކު ޝާހިލަށް ގޮވާލަންވެސް އައިސްފިއެވެ. ނަމަވެސް ޝާހިލް ނިދާފައި އޮތުމުން ކޮންމެ ފަހަރަކުވެސް އޭނާ އެނބުރި ދަނީ ގޮވާލަން ނުކެރިގެންނެވެ. އެންމެ ފަހުން އޭނާ އޮފީހަށް ދިޔައީ ޒީޝާނު ގާތު ޝާހިލު ހޭލާ އުޅޭތޯ ބަލާލުމަށް ބުނެފައެވެ. އަދި ޝާހިލް ހޭލުމުން އޭނާއަށް ސައިހަދައި ދޭން ވެސް ބުނެފައެވެ. ވުމާއެކު ޒީޝާންވެސް މަޑުމަޑުން ގޮސް ޝާހިލްގެ ކޮޓަރިއަށް ވަނެވެ.އޭނާ އެކޮޓަރިއަށް ވަނީ ނުހަނު ޖެހިލުންވެ ހުރެއެވެ.

ޒީޝާނަށް ހުރެވުނީ ޝާހިލް އޮތް އެނދާއި ދާދި ގާތުގައެވެ. ބޮލާއެއް ކޮށް ރަޖާގަނޑު އަޅައިގެން އޮތް ޝާހިލް ކުއްލިއަކަށް ފޮރޮޅިލައިފައެވެ. ނަމަވެސް އޭނާ ފޮރޮޅިލީ ނިދީގައިކަން ޒީޝާނަށް އެނގުނީ އޭނާ އެތާހުރި އިރުވެސް ޝާހިލަށް ހިލަމެއް  ވެސް ނުވީމައެވެ. ވުމާއެކު އޭނާ މަޑުމަޑުން ޝާހިލަށް ގޮވާލިއެވެ.

''ޝާހިލް. ޝާހިލް. ދެން ތެދުވެބަލަ.''

''ހޫނ...........''ޝާހިލް ކުޑަކޮށް ލޯހުޅުވާލުމާ އެކު ބަލާލާފައި އަނެއްކާވެސް ނިދައިފިއެވެ.

އެތައް އިރެއް ވެއްޖެއެވެ. ޒީޝާނު މިހާރު ކޮޓަރިތެރެވެސް ރީތިކޮށް ނިއްމާލައިފިއެވެ. އެންމެ ފަހުން އޭނާ އަނެއްކާވެސް ޝާހިލް އޮތް އެނދާއި ގާތަށް ޖެހިލުމަށް ފަހު ލޯތްބާއެކު ޝާހިލަށް ގޮވާލިއެވެ. ''ޝާހިލް. ދެން އަޅެ ތެދުވެބަލަ.'' މިފަހަރު ހަމަ ޒީޝާން ގޮވާލުމާއެކު ޝާހިލް ދެލޯ ހުޅުވާލައިފިއެވެ. އެއަށް ފަހު ދެލޯބޮޑުކޮށްލާފައި ޒީޝާނާއި ދިމާއަށް ބަލާލައިފިއެވެ. ކޮޓަރީގެ ހަތަރު ފަރާތަށް ހޯދާބަލާލިއެވެ. އަދި ހުރިހާ ޙިއްސުތައް ހަމައަކަށް އެޅުމުން ދިގު މޯޅިއަކަށް ދެމިލިއެވެ.

''ދެން ތެދުވޭ. މިހާރު ޝާހިދައްތަ ޝާހިލް ނުތެދުވީމަ ޓެކުސީއެއްގަ އޮފީހަށް ގޮސްފި. ''ޒީޝާން ޝާހިލަށް ބަލާލަމުން ބުއްޏެވެ. ''ކީކޭ؟ ތިއްތަ އޮފީހަށް ދިޔައީ ޓެކުސީއެއްގައޭ. ދެން ކީއްވެތަ ޒީ މަށަށް ނުގޮވީ. ''ޝާހިލް ޒީޝާނަށް ބަލާލަމުން އަވަސް އަވަހަށް ބުއްޏެވެ. ''ކިހާވަރަކަށް ޝާހިދައްތަ ވެސް ޝާހިލް ހޭލައިފިތޯ ބެލީ. މާއަރާމުކޮށް ނިދާލާފަ އޮތީމަ ޝާހިދައްތައަށް ވެސް ގޮވާލަން ނުކެރުނީކަން ނޭނގެ. ދެން ތެދުވަން އުޅޭ. މިހާރު އެއޮއްގެން ނުވަގަޑި ބައިވަނީ. މިހާރު ނިދިފަ އޮންނާނީ.'' ޒީޝާން ރަޖާގަނޑު ދަމައިގަންނަމުން ބުއްޏެވެ. ''އެކަމަކު ޒީ ވާރަނގަޅު.ތިއްތަ ދިޔައިރުވެސް ނުގޮވީމަ ދެރައީ.'' ޝާހިލް އިނީ ތިއްތަ ގޮވައިގެން އޮފީހަށް ލައިދޭން ނުދެވުމުން ވަރަށް ދެރަވެފައެވެ.

''ދެން އެކަމާއި އަޅާނުލާ. ދެންވެސް މޫނުދޮވެލާ ހަދާލައިގެން ސައިބޯން އާދޭ. އަހަރެން މިދަނީ ސައިތައްޔާރު ކުރަށް.'' ޒީޝާން ހިނގައިގަތެވެ.''ޒީ މަޑުކޮށްބަލަ. ''ޝާހިލް އެނދުން ފައިބަމުން ބުނެލިއެވެ. ''ކިހިނެއްވީ؟'' ޒީޝާން އެހުރިތާ ހުއްޓުމަށް ފަހު އެނބުރި ޝާހިލާއި ދިމާއަށް ބަލާލަމުން ބުއްޏެވެ. ''މިއަދު ޒީ ވަރަށް ލޯބި އިނގޭ.''ޝާހިލް ލާނެތް ވައްތަރެއް ޖައްސާލަމުން ބުއްޏެވެ.''މިއަދު އެކަނިތަ.'' ''ނޫނޭ އަބަދުވެސް ވަރަށް ލޯބި.އެކަމަކު މިއަދު ތަންކޮޅެއް ލޯބި ވައްތަރު ޖަހާ.''ޝާހިލް އައިސް ޒީޝާން ގާތަށް ހުއްޓެމުން ބުއްޏެވެ. ''ޝުކުރިއްޔާ އިނގޭ.'' ޒީޝާން ހިނިތުންވެލަމުން ބުއްޏެވެ. ''ތިވަރަކުން ނުފުދެއޭ.''

''ދެން ކިހާވަރަކުން ފުދެނީ.'' ޒީޝާން ޝާހިލަށް ބަލާލަމުން ބުއްޏެވެ. ''ބޭނުމީ....................................'' ޝާހިލް އިގިލިން އިޝާރާތް ކޮށްލީ އޭނާގެ ކަނާތު ކޮލަށްށެވެ. ''ދެން ޝާހިލް އުޅޭވައްތަރެއް.'' ޒީޝާންގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ.  ''ޒީ. ޕުލީޒް.....................''ޝާހިލް ކުޑަކޮށް ގުދުވެލަމުން ބުއްޏެވެ.

ޒީޝާން ހުރީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައެވެ. އެންމެފަހުން ޝާހިލް ނުބަލާ ހުރި ދަނޑިވަޅު ބަލާ ޝާހިލްގެ ކޮލަށް ދޮނެއް ދިނުމަށް ފަހު ކޮޓަރިން ނިކުތުމަށް ދުއްވައި ގަތެވެ. ޝާހިލަށް އެވަގުތު ލިބުނީ ކުއްލި ސިހުމެކެވެ. ޝާހިލަށް ހުރެވުނީ ލިބުނު ފޮނި އުފަލެއްގެ ސަބަބުން ބުނާނެ އެއްޗެށް ވެސް ނޭނގިފައެވެ. އޭނާ އަމިއްލަ ނަފުސަށް ހިނިތުން ވެލުމަށް ފަހު ފާޚާނާ އާއި ދިމާއަށް ހިނގައިގަތެވެ.

ޒީޝާނަށް ދޮރުހުޅުވާލާފައި ނިކުމެވުނީ ބޮޑުދައިތަ ކުރިމައްޗަށެވެ. އެވަގުތު ބޮޑުދައިތަ ބަލާލި ގޮތުން ޒީޝާން ބިރުގަންނަ ގޮތްވިއެވެ.

''ޝާހިލް ކޮޓަރީގަ ޒީޝާން ކީއްތިކުރަނީ.'' ބޮޑުދައިތަ ޒީޝާނާ ދިމާއަށް ބަލާލީ ނަފުރަތުން ފުރިގެންވާ ފަދަ ގޮތަކަށްށެވެ. ''ކަ....ކަ..ކަމެއް ނުކުރަން. ޝާހިދައްތަ އޮފީހަށް ދަމުން ޝާހިލަށް ގޮވާލާށޭ ބުނީމަ ޝާހިލަށް ގޮވަން އައީ.'' ޒީޝާން ވާހަކަ ދެއްކީ އިސްދަށަށް ޖަހާލައިގެން ހުރެވެ.

''އެކަމަކު މިހާރު ޒީޝާނަށް ތިއުޅެވެނީކީ ރަނގަޅަކަށް ނޫންކަން ހަނދާން ކުރާތި.'' ބޮޑުދައިތަ ހިނގައިގަތީ ޒީޝާނަށް ވަރުގަދަ އިންޒާރެއް ދީފައި ކަހަލައެވެ. އޭނާއަށް ހުރެވުނީ ބޮޑުދައިތަ ގޮސް އޮބާލަން ދެންވެސް އެދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ސިކުނޑީގައި ގުގުމަމުންދަނީ ބޮޑުދައިތަގެ އެންމެ ފަހު ޖުމުލައެވެ.

******** ނުނިމޭ ********

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް