ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު (ޤާނޫނު ނަންބަރު: 2008/9) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ 2020 އޮގަސްޓު 31 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެވޭ ފަރާތްތަކަށް، ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ތަޢައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެއެވެ.
މިގޮތުން މި ބިލުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، މަޞްލަޙަތު ފުށުއަރާ ވިޔަފާރި ނުކުރުމާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމާއި، ސިޔާސަތުތައް އެކަށައެޅުމާއި، ސުލޫކީ ހަމަތަކާއި ޚިލާފުވުން ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މާލީ ހިސާބު ހުށަހެޅުމާއި ސުލޫކީ ހަމަތަކާއި މުވައްޒަފުން ޚިލާފުވުމުން ޢަމަލުކުރާނެ ގޮތުގެ ތަފްޞީލު ވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤު ކުރެއްވުމާއި ގުޅިގެން، މި ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް