އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފަ: މިނިސްޓަރ

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން ވަނީ ބޮޑުކާމިޔާބީއެއް ހޯދާފައިކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ....

16 Sep 2020 | 09:57

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން ވަނީ ބޮޑުކާމިޔާބީއެއް ހޯދާފައިކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އޯޒޯން ދުވަހުގެ މުނާސަބުތަގައި ދެއްވި ޚިތާބުގައި ވިދާޅުވީ "ކްލޮރޯ ފްލޮރޯ ކަރބަން" (ސީ.އެފް.ސީ) ގޭސް ބޭނުންކުރުން ހުއްޓާލި ފުރަތަމަ ގައުމަށް 2008 ވަނަ އަހަރު ދިވެހިރާއްޖެ ވެފައިވާ ކަމަށެވެ. އަދި މިއީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލުމަށް ގައުމުތަކުން އެއްބަސްވެފައިވާ މުއްދަތަށްވުރެ 2 އަހަރުދުވަސް އަވަސް ތާރީޚެއް ކަމަށެވެ.

މީގެ އިތުރުން ފިނިކުރާ ނިޒާމްތަކުގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދާ "ހައިޑްރޯ ކްލޮރޯ ފްލޮރޯ ކާރބަން" (އެޗް.ސީ.އެފް.ސީ) ބޭނުން ކުރަން ހުއްޓާލުމަށް ޕްލޭނެއް އެކުލަވާލި ފުރަތަމަ ގައުމަކީވެސް ދިވެހިރާއްޖެކަން ފާހަގަކުރައްވާ މިޕްލޭނަށް، މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން އުފައްދާފައިވާ މަލްޓިލެޓަރަލް ފަންޑުން އެހީ ލިބުނު ފުރަތަމަ ގައުމަކީވެސް ދިވެހިރާއްޖެކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ދުނިޔޭގެ އޯޒޯން ދުވަހަކީ، އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފާހަކަކުރަމުން އަންނަ ދުވަހެކެވެ.

މިދުވަސް ފާހަގަކުރެވެނީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ބޭނުންކުރުން ހުއްޓުމަށްޓަކާ 1994 ވަނައަހަރުން ފެށިގެން ފާހަގަ ކުރެވެމުން އަންނަށް ދުނިޔޭގެ އޯޒޯން ދުވަސް، ފާހަގަ ކުރެވެމުން އަންނަނީ މޮންޓްރިއަލް ޕްރޮޓޮކޯލް ތަސްދީޤު ކުރެވެނު ތާރީޚް ކަމަށްވާ 16 ސެޕްޓެމްބަރ 1987 ގުޅުވައިގެން ނެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލްއަކީ، ތިމާވެށި ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ދުނިޔޭގައި މިހާތަނަށް އަމަލުކުރެވެމުންދާ އެންމެ ކާމިޔާބު، އެންމެ ރަނގަޅު ނަތީޖާ ޙާސިލްކޮށްފައިވާ، އަދި ހުރިހާ ގައުމުތަކުން ބައިވެރިވާ މުޢާހަދާއެވެ.

197 ގައުމުން ބައިވެރިވެފައި މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވެފައިވަނީ 1989 ވަނަ އަހަރު އެވެ. މި އަހަރަކީ އޯޒޯން ފަށަލަ ޙިމާޔަތް ކުރުމަށް ހަދާފައިވާ މުޢާހަދާ، 'ވިއެނާ ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ދަ އޯޒޯން ލޭޔަރ' އަށް 35 އަހަރު ފުރޭ ދުވަހެވެ.

މިއަހަރުގެ ދުނިޔޭގެ އޯޒޯން ދުވަހުގެ ޝިއާރަކީ "އޯޒޯން ފަށަލަ ހިމާޔަތްކުރުމުގައި 35 އަހަރު". އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް