އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ފަރާތުން ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލު ދިރާސާ ކުރަމުން ދަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އެކުލަވާލާފައިވާ ސަބް ކޮމިޓީއަކުންނެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ އެ ބިލާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރަން ނިންމާފައިވަނީ މި ބިލާ ގުޅޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޕަބްލިކް ފޯރަމް އޮންނަ ދުވަހުގެ ނިޔަލަށެވެ. އެ ފޯރަމް ބާއްވާނެ ދުވަހެއް އަދި މަޖިލީހުން ހާމައެއް ނުކުރެ އެވެ.
ބިލަށް ހިޔާލު ހުށަހަޅަން ޖެހެނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.
މި ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
މި ބިލުގެ ބޭނުމެއްގެ ގޮތުގައި ވަނީ ޖެނުއަރީ 2012 އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުވާލުން ކަމަށެވެ.
އެ މުއްދަތަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި، އަލުން އެ ޕާޓީއަށް ވެރިކަން ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގައި ދިޔަ މުއްދަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް