ބޮލީވުޑްގައި މި ދުވަސްވަރު އެންމެ ބޮޑަށް ފިލްމު އުފައްދާ ފަރާތްތަކާއި މެދު ދެބަސްވުމާއި ހިތްހަމަ ނުޖެހުން އުފެދިފައިވަނީ ބަތަލާ ކަންގަނާ ރަނާވަތާއި އެވެ.
ކަންގަނާގެ މައްސަލައަކީ ބުނަން ބޭނުންވާ ކޮންމެ އެއްޗެއް އެއްވެސް ހިފެހެއްޓުމެއް ނެތި ވަކި މީހެއް ބެލުމެއް ނެތި ބުނުމެވެ. އެކުގައި މަސައްކަތް ކުރާ މީހަކަށް، ސިޔާސީ މީހަކަށް، ފިލްމު އުފައްދާ ފަރާތަކާއި ދިމާލަށް ކަންގަނާ އެއްޗެއް ބުނަން ބޭނުންވީމަ ނުބަލަ އެވެ.
އަމިއްލައަށް ދަންޖެހިގެން މަރުވި ބޮލީވުޑްގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓުގެ މަރާއި ގުޅުގެން ކަންގަނާ އާއި މެދު މަޝްހޫރު ފަރާތްތަކުން ދެކޭގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި އެވެ. ހާއްސަކޮށް ފިމްލު އުފައްދާ މަޝްހޫރު ޑައިރެކްޓަރުންނާއި ސުޝާންތުގެ މަރާއި ގުޅުވައިގެން ކަންގަނާ ދައްކާ ވާހަކަތަކާއި ގުޅިގެން ކަންގަނާގެ ބޮލީވުޑް ކެރިއަކާއި މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މިކަމާއި ގުޅޭގޮތުން މީޑީއާގައި ވާހަކަދައްކަމުން ފިލްމު ޑައިރެކްޓަރު ވިކްރަމް ބަޓް ބުނީ ކަންގަނާ ދައްކާ ވާހަކަތަކާއި ގުޅިގެން އޭނާގެ ބޮލީވުޑް ކެރިއަރަށް އަސަރު ކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ވިކްރަމް ބުނީ ކަންގަނާއަކީ ހުނަރުވެރި ކުޅަދާނަ ބަތަލާއެއް ކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.
އަދި ސުޝާންތުގެ މައްސަލައިގަ އޭނާ ބަހުގެ ހަމަލާތައް ރައްދު ކުރި މަޝްހޫރު ޑައިރެކްޓަރުންގެ ޕްރޮޖެކްޓުތައް ނުލިބުނަސް ކަންގަނާ ފަހަތަށް ޖެހި ފަނޑުވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އޭނާއަށް ފިލްމެއް ކުޅެން ދީގެން އެ ފިލްމުގައި އޭނާ ދައްކާ އެކްޓިން އާއި މެދުސުވާލު އުފައްދާނެ އެއްވެސް ޑައިރެކްޓަރަކު ނުހުންނާނެ ކަމަށް ވިކްރަމް ބުނެފައިވެ އެވެ.
އިތުރަށް ބުނެފައިވަނީ ކަންގަނާ ބޮލީވުޑްގައި މިހާތަނަށް ހޯދި ބޮޑު ކާމިޔާބީގެ ފަހަތުގައި ޔަޝްރާޖް ފިލްމްސް ބައިވެރިވުމެއް ނުވާނެ ކަމަށެވެ. އެކަމަކު އޭނާ ކަރަން ޖޯހަރާއި އެކު މަސައްކަތް ކޮށްފައިވާ ކަމަށާއި މިހާރުގެ މަޝްރަހަށް ބަލާއިރު ކަރަން ޖޯހަރުގެ ފިލްމެއް ކަންގަނާއަށް ދެން ނުދޭނެ ކަން ޔަގީންވާ ކަމަށެވެ.
ވިކްރަމް ބުނީ އިންޑިއާއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާކޮށް ދީފައިވާ ގައުމެއް ކަމުން ކަންގަނާ ދައްކާ ވާހަކަ ހަޖަމް ކުރުމުގެ ގާބިލްކަން އެ ވާހަކަތައް ރައްދުވާ މީހުންގެ ހުންނަން ވާނެ ކަމަށެވެ. އަދި އެމީހުން ދޭ ރައްދަކުން އެއަށް ދޭނެ ޖަވާބެއް އޮވެގެން ނޫނީ ކަންގަނާ މީހުންގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުވައިގެން ނުވާނެ ކަމަށްވެސް ގަބޫލް ކުރަ ކަމަށެވެ.
މި ހުރިހާ ވާހަކައެއް ދެއްކުމަށް ފަހު ވިކްރަމް ބުނެފައިވަނީ އޭނާގެ ފިލްމެއް ކަންގަނާއަށް ދޭން މާބޮޑު ޝައުގުވެރިކަމެއް ދެން ނެތްކަމަށެވެ. އެއީ ކަންގަނާގެ ބަހުގެ ހަމަލާތައް ސިޔާސީ ފަރާތްތަކަށް އަމާޒު ކުރުމަކީ އޭނާ އާއި އެކު މަސައްކަތް ކުރާ މީހުންނަށް އޭގެ ގެއްލުން ވާނެ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް