ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ދިވެހި ރުފިޔާ އެކައުންޓުން ރާއްޖެ އިން ބޭރުގައި ޑޮލަރުގެ މުއާމަލާތު ކުރެވޭނެ މިންވަރަށް ގެނައި ބަދަލާއި އެކު ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް ހޭދަ ކުރެވޭނީ 250 ޑޮލަރެވެ. ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރެވެ.
ބީއެމްއެލްއިން ބުނީ ބޭސް ފަރުވާ އާއި ތައުލީމަށް ޑޮލަރުން ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް ކަނޑައަޅާފައިވާ ލިމިޓު އިތުރު ކުރުމަށް އިންޓަނެޓް ބޭންކު މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށެވެ.
- އިންޓަރނެޓް ބޭންކިންގެ ސަރވިސް ޓައިޕް މެނޫގައި ހިމެނޭ ' ޓެމްޕޮރަރީ ކާޑް ލިމިޓް' ހިޔާރުކުރުމަށްފަހު ވީސާގެ ކޮޕީއަކާއެކު ބޭންކަށް ހުށަހަޅާށެވެ.
- ލިބޭ ހުށަހެޅުން 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށްފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެއެވެ.
އެ ބޭންކުން ބުނީ މިހާރެކޭ އެއްގޮތަށް ކޮލެޖް، ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެ ކަމަށެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ކޮންމެ މީހަކަށް 500 ޑޮލަރު ގަނެވޭނެއެވެ. އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރ ޕޯރޓަލް އިން ގަންނަ ޑޮލަރުގެ އަދަދަށް ބަދަލެއް ނާދެއެވެ.
މިހާރެކޭ އެއްގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮަލަރު ނެގޭނެއެވެ. އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރު އެޓީއެމް އިން ނެގޭ ފައިސާގެ އަދަދަށް ބަދަލެއް ނާދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް