ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި އެތަންތަނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީން ފަށައިފިއެވެ.
ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ. މި ފަސް މަރުކަޒަކީ ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ތ.ވޭމަންޑޫ، ގދ.ތިނަދޫ އަދި ވިލިމާލޭ އަމާން ހިޔާއެވެ.
މި މަރުކަޒުތަކުގައި ހުރި އަމާން ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތްތައް އެންމެ ފުރިހަމަ އަށް ދެވޭ ވަޞީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއަރ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ވަނީ ލިބިފައެވެ.
"ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު"، ޤާނޫނު ނަމްބަރު (2012/3)ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުޞޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރ ކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް