ބީއެމްއެލް ކާޑުތަކަށް ލިމިޓެއް: ރާއްޖޭން ބޭރުގައި 750 ޑޮލަރު، ރާއްޖޭގައި 250 ޑޮލަރު

ދުނިޔޭގެ އެހެނިހެން ގައުމުތަކާ އެއްފަދައިން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށްވެސް މިވަނީ ވަރަށް ބޮޑު ހީނަރުކަމަކާ ކުރިމަތިވެފައެވެ. ފަތުރުވެރިކަމުގެ ޞިނާއަތުގެ ހަރަކާތްތަކަ...

16 Sep 2020 | 03:15

ދުނިޔޭގެ އެހެނިހެން ގައުމުތަކާ އެއްފަދައިން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށްވެސް މިވަނީ ވަރަށް ބޮޑު ހީނަރުކަމަކާ ކުރިމަތިވެފައެވެ. ފަތުރުވެރިކަމުގެ ޞިނާއަތުގެ ހަރަކާތްތަކަށް ހުރަސްއެޅި، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް މިވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ. ދާދި ފަހުން އެމްއެމްއޭ އިން ހަމައެކަނި ޒަރޫރީ ބޭނުންތަކަށް މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް ނިންމާފައިވާ ނިންމުމަކީ މިކަމަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ނިންމުމެއްކަމުގައި ވިޔަސް، ޑޮލަރުގެ ލިކިއުޑިޓީ ދެމެހެއްޓުމަށްޓަކައި މިވަނީ އިތުރު ފިޔަވަޅު އަޅަން ޖެހިފައެވެ.

ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށްވެސް މަޖުބޫރު އެހެނަސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް މިވަނީ އަޅަންޖެހިފައެވެ.

އެހެން ކަމުން މިއަދުން ފެށިގެން  ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު މިވަނީ ކަނޑައެޅިފައެވެ. ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މިވަނީ މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިފައެވެ. މި އަދަދުތައް ކަނޑައެޅިފައި މިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެއެވެ.

މި ގޮތަށް ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް ދަންނަވަމެވެ.

މި ބަދަލާ ގުޅިގެން ބޭންކުގެ %95 ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެއެވެ. އަދި ހަމައެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ވަގުތީ ފިޔަވަޅެކެވެ. ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއު ކުރާނެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިވަނީ މިހާތަނަށް ދިވެހިރާއްޖޭގެ އިތުރުން ދުނިޔެވެސް ނުދެކޭފަދަ އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ޑޮލަރ ލިކިއުޑިޓީ އަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަށްވާއިރު، ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ފަންޑިންގ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކެނޑިނޭޅި މަސައްކަތްކުރަމުންދާނެއެވެ. ގައުމީ ބޭންކުގެ ގޮތުގައި މިދަތި ހާލަތުގައިވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް