ރައްޔިތުންނަށް ހާމަކުރީ ހެލްތުން ދިން މައުލޫމާތު، ޒިންމާ އެ މިނިސްޓްރީން ނަގަން ޖެހޭނެ: މަބްރޫކް

ހެލްތު މިނިސްޓްރީން ކޯވިޑާއި ގުޅިގެން ކުރި ހަރަދުތަކުގެ އޯޑިޓް ރިޕޯޓްގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވާއިރު، ވެންޓިލޭޓަރު ތަކާއި ގުޅޭގޮތުން ރައްޔިތުންނަށް ހާމަކުރީ ހެލްތު މިނިސްޓްރީން ދިން ...

16 Aug 2020 | 17:49

ހެލްތު މިނިސްޓްރީން ކޯވިޑާއި ގުޅިގެން ކުރި ހަރަދުތަކުގެ އޯޑިޓް ރިޕޯޓްގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވާއިރު، ވެންޓިލޭޓަރު ތަކާއި ގުޅޭގޮތުން ރައްޔިތުންނަށް ހާމަކުރީ ހެލްތު މިނިސްޓްރީން ދިން މައުލޫމާތު ކަމަށާއި ޒިންމާ، ހެލްތު މިނިސްޓްރީން ނަގަން ޖެހޭނެ ކަމުގައި ނޭޝަނަލް ހެލްތު އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނުގެ މަގާމު އަދާކުރެއްވި މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވެފައިވަނީ އެންއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން ރައްޔިތުންނަށް މައުލޫމާތު ހިއްސާ ކުރަމުންދިޔައިރު، އެ މައުލޫމާތުތައް ދެނީވެސް، އަދި މައުލޫމާތު ވެރިފައި ކުރަންވެސް އޮންނަނީ ހެލްތު މިނިސްޓްރީ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ހަމަ އެކަނި މަބްރޫކްގެ އަރިހުގައި ހެލްތު މިނިސްޓްރީން ދެއްކެވި ވާހަކަ ނޫން ކަމަށާއި މީޓިން ތަކުގައްޔާއި ދާދި ފަހުން މަޖިލީހުގައިވެސް ހެލްތު މިނިސްޓްރީން އެ މައުލޫމާތުތައް ދީފައިހުރީ އެހެންކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، އޮޑިޓް އޮފީހުން މިއަދު ނެރުނު އޮޑިޓް ރިޕޯޓުން ފާހަގަވިގޮތުގައި ދުބާއީ ކުންފުންޏާ ހަވާލުކޮށްގެން ގެންނަ ވެންޓިލޭޓަރުތަކާއި ބެހޭގޮތުން ބޮޑެތި ދޮގުތަކެއް ހަދާފައި ވެއެވެ. އެގޮތުން އެ ކުންފުނި ހިޔާރު ކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރެކޮމެންޑޭޝަނަކަށް ކަމުގައި ހެލްތުން ބުނަމުންދިޔަ ނަމަވެސް އޮޑިޓް ރިޕޯޓްގައި އެއީ ދޮގުކަން ބުނެދީފައިވެއެވެ. އަދި މިކަމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.

މި އޮޑިޓް ރިޕޯޓާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާހަގަ ކުރަމުން އަންނައިރު، ސަރުކާރުން މިރޭ ބުނެފައިވަނީ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް