ކޯވިޑް-19 އާއި ގުޅިގެން 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް އާއި ހަވާލު ކުރީ ޑަބްލިއުއެޗްއޯއިން ލަފާ ދީގެން ނޫންކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓު އޮފީހުން މިހެން ބުނީ ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައެވެ. ހެލްތް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުންޏާއި ވެންޓިލޭޓަރު ގަންނަން ހަވާލު ކުރީ ޑަބްލިއުއެޗްއޯއިން ލަފާ ދިނުމުން ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިިވާ ގޮތުގައި ދުބާއީގެ އެ ކުންފުންޏާއި މުއާމަލާތްކޮށް ވެންޓިލޭޓަރު ގަންނަން ހަވާލު ކުރި އިރު ޑަބްލިއުއެޗްއޯއާއި އެކަމާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީން މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އެކަމަކު ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދް މާތޫރު އަމިއްލަ ހައިސިއްޔަތުން މިނިސްޓްރީގެ އެދުމަށް ވެންޓިލޭޓަރު ގަތުމާއ ގުޅޭގޮތުން މައުލޫމާތު ނުރަސްމި ހައިސިއްޔަތަކުން ފޯރުކޮށްދީފައިކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެކަމަކު ހެލްތު މިނިސްޓަރު އަމީން ވިދާޅުވި ފަދަ ވެންޓިލޭޓަރު ގަންނަން އެންމެ ރަނގަޅު ކުންފުނިތަކުގެ ލިސްޓެއް ޑަބްލިއުއެޗްއޯއިން ފޯރުކޮށްދީފައިނުވާކަން ފާހަގަ ކޮށްފައިވެ އެވެ. މީގެ އިތުރުން އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް އަދި އެހެންވެސް ކުންފުންޏަކުން ވެންޓިލޭޓަރު ގަތުމަށް ޑަބްލިއުއެޗްއޯއިން ލަފާދީފައިވާކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ވެންޓިލެޓަރު ގަތުމަށް ހެދުނު އެއްބަސްވުމުގައި ޕާފޯމަންސް ގެރެންޓީއެއް މިނިސްޓްްރީއިން ހޯދާފައިއެއް ނުވެ އެވެ. އެއީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޙިލާފްކަމެއްކަމަށް އޯޑިޓް ރިޕޯޓުގައި ފާހަގަކޮށްފަ ބުނެފައިވަނީ އެޑްވާންސްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއްވެސް ބަހައްޓާފައިނުވާކަމަށެވެ.
އަދި އެޑްވާންސް ޕޭމަންޓް ދިނުމުގައި އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް އިން ބުނި ބުނުމަކަށް ބަރޯސާވެ "އާންމު ބުއްދީގެ" ހަމަތަކާއި ޙިލާފަށް ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ވަޒަންނުކޮށް ބޭންކް ގެރެންޓީއެއް ނުލައި ފައިސާ އެޑްވާންސަށް ދޫކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް