އެމްއެމްއާރްއައި އިން ފަރުތައް ދިރުވުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

ހަލާކުވަމުންދާ ރާއްޖޭގެ ފަރުތައް ދިރުވައި ދެމެހެއްޓުމާއި ގުޅޭގޮތުން ކަމާއިގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓ...

16 Aug 2020 | 09:11

ހަލާކުވަމުންދާ ރާއްޖޭގެ ފަރުތައް ދިރުވައި ދެމެހެއްޓުމާއި ގުޅޭގޮތުން ކަމާއިގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ނިންމަވައި މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން މަރުވެ ހަލާކުވަމުން އަންނަ ފަރުތަށް އަލުން ދިރުވައި ދެމެހެއްޓުމަށް، ފަރުގެ ދިރުންތައް މުއްސަނދިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް، މިކަންކަމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ބާއްވަން ނިންމާފައިވާ ބައްދަލުވުމެކެވެ. އަދި ފަރުތައް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ހަރަކާތަކާއި ގުޅޭގޮތުން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި، އޮސްޓްރޭލިޔާގެ ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަން (ސީ.އެސް.އައި.އާރ.އޯ) ގުޅިގެން މައުލޫމާތު ދިނުމަށްވެސް މި ބައްދަލުވުމުގައި ހަމަޖެހިފައި ވެއެވެ.

ބައްދަލުވުމުގެ ބައިވެރިން ހާޟިރުވެގެން ބައްދަލުވުން ބޭއްވުމަށް ކުރިން ނިންމި ނަމަވެސް، ކޯވިޑާއި ގުޅިގެން މިހާރު މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ އޮންލައިންކޮށެވެ. މި ބައްދަލުވުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހުއެވެ.

ބައްދަލުވުމުގައި ބައިވެރިވާން ބޭނުން ފަރާތްތައް ރެޖިސްޓްރީވުމަށް އެދޭ ފޯމް އެމް.އެމް.އާރް.އައިގެ ވެބްސައިޓުން ލިބެން ހުންނެކަމަށް އެ އިންސްޓިއުޓުން ވަނީ ބުނެފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ފަރުތަށް ޙިމާޔަތްކޮށް ދިރުވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރެވޭ މިންވަރާއި، މި މަސައްކަތްތަކުގެ ކާމިޔާބީ ދެނެގަތުމަށް މަޢުލޫމާތު ބަދަލުކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް