މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނައިގެ ނީލަމެއް ފަށައިފި

މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ މާކެޓަށް ނެރުމަށްޓަކައި އާންމުކޮށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނީލަން ކިޔަން ފަށައިފިއެވެ. މިނިސްޓްރީން ބުނީ ކަސް ފާނަ މާކ...

16 Aug 2020 | 08:54

މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ މާކެޓަށް ނެރުމަށްޓަކައި އާންމުކޮށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނީލަން ކިޔަން ފަށައިފިއެވެ.

މިނިސްޓްރީން ބުނީ ކަސް ފާނަ މާކެޓަށް ނެރުމަށްޓަކައި، އާންމުކޮށް ހުޅުވާލައިގެން ބާއްވާ ނީލަން މިއަދުން ފެށިގެން 19 އޮގަސްޓުގެ ރޭގަނޑު 8:00 ގެ ނިޔަލަށް ކުރިޔަށް ދާނެކަމަށެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން، ދިވެހިރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގާ މަޝްރޫއެއްކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީއިން ބުނީ މިފަހަރު ނީލަންކިޔާ ފާނައަކީ އަރިއަތޮޅު ދެކުނުބުރީ ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ރަށު ކައުންސިލްތަކާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން އެ ހަތަރު ރަށުގައި ޖަނަވަރީން 2020 އިން ފެށިގެން ހިންގަން ފެށުނު ޕައިލެޓް ޕްރޮޖެކްޓެއްގެ ތެރެއިން، މަހިބަދޫން ހޮވާލެވުނު ޖުމްލަ 7 ގޭބިސީއަކުން ބޮޑުކޮށްފައިވާ ފާނަ ކަމަށެވެ.

މި ފަރާތްތަކަށް ޕްރޮޖެކްޓްގެ ފަރާތުން މޫދުކޮށްޓާއި، ކުދި ފާނައާއި، މަސްކާނާގެ އިތުރުން މި މަސައްކަތަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދީފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އާލާކުރުމުގެ މަރުހަލާގައި ފަންނީ ލަފާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ މެރިކަލްޗަރ ޓީމުން ފޯރުކޮށްދީފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެެެއެވެ.

ހިބަދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުން ޖުމްލަ 19 ފަރާތަކުން މި ޕައިލެޓް ޕްރޮޖެކްޓްގައި ބައިވެރިވެފައިވާއިރު، މިހާތަނަށް ތަކެތި ދެވިފައިވަނީ މަހިބަދޫގެ 7 ގޭބިސީގެ އިތުރުން އޮމަދޫއިން ހޮވާލެވުނު 4 ފަރާތަކަށްކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނީލަން ކުރިޔަށް ދަނީ އޮންލައިންކޮށް "auction.mmri.gov.mv" ވެބްސައިޓް މެދުވެރިކޮށެވެ. އަދި މިނީލަމުގައި ބައިވެރިވެވޭނީ 11 އޮގަސްޓު 2020 ގައި ހުޅުވާލި ރަޖިސްޓަރީވުމުގެ ފުރުސަތުގައި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރި 6 ފަރާތަށްކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް