މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގާނޫނީ ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް އަމުރު ކުރީ މިއަދު އެ ކޯޓުގައި ބޭއްވި ރައީސް ޔާމީންގެ މައްޗަށް ކުރ އިތުރު ދައުވާތަކެއްގެ ޝަރީއަތުގެ އަޑުއެހުމުގައި އެވެ. މިއަދު ކުރިޔަށް ގެންގޮސްފައިވަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއްގެ ޝަރީއަތެކެވެ.
ޔާމީންނަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ދޭން އަމުރު ކުރީ ދައުލަތުގެ ފަރާތުން ޔާމީނަށް ފޮނުވި ލިޔުންތައް ވަކީލުންނާއި ބައްދަލު ނުވާތީ އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާތީ އާއި ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ އެވެ.
ގައިދީން ބަލަހައްޓާ ކަރެކްޝަނަލް ސާވިސް އިން ދީފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ދައުލަތުން ބުނިގޮތުގައި، މި ދެ ދައުވާ ކޯޓަށް ފޮނުވި ފަހުން ޔާމީންގެ ވަކީލުން އެ މަނިކުފާނާ ބައްދަލުކުރަން ފޯމު ހުށަހެޅީ އެންމެ ފަހަރަކު އެވެ. މާފުށްޓަށް ވަކީލުން ވަޑައިގަތުމުން އެ ބައްދަލުވުން ހަމަޖެހޭނެ ކަމަށް ކަރެކްޝަންސް އިން ވަކީލުންނަށް އަންގާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
މިއަދުގެ ޝަރީއަތުގައި ނިންމާފައިވަނީ ވަކީލުންނާއި ބައްދަލު ކުރުމަށް10 ނުވަތަ15 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ޝަރިއަތުގެ އަޑުއެހުންތައް ފަށާށެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ވެސް މިހާރު ހައި ކޯޓުގައި ދަނީ ކުރިއަށެވެ. އެ މައްސަލާގެ އަޑުއެހުންތައް ވެސް މަޑުޖެހުނީ ވަކީލުންނާ ޖަލުގައި ބައްދަލު ނުކުރެވޭ ކަމަށް ޔާމީން ވިދާޅުވުމުން އެ ފުރުސަތު ދިނުމަށްޓަކަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް