އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ 2019، 30 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ހަވީރު 04:00 ގައި، މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ބޭއްވުމަށް ނިންމައިފިއެވެ.
އެގޮތުން، މި ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، 29 އޮގަސްޓް 2020 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ކުރިން ކުންފުނީގެ ވެބްސައިޓްގައި ހޮސްޓް ކޮށްފައިވާ agm.sto.mv ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެ ކަމަށާއި ޖަލްސާގެ އެޖެންޑާ އަދި ޖަލްސާއާއި ގުޅުންހުރި އެހެނިހެން މަޢުލޫމާތު، މި ވެބްޕޭޖުން ފެންނަން ހުންނާނެ ކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.
އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހަޅާ އައިޓަމްތައް
އެސްޓީއޯއިން ބުނެފައިވާގޮތުގއި 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމަށް ވަނީ އެޖެންޑާކުރެވިފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވައެވެ. އަދި 2020 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސްކޫޕަރސް ޢައްޔަންކުރުމަށްވެސް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވައެވެ.
ކުރިޔަށް އޮތް ދައުރު ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރައްވާ ޑިރެކްޓަރުންނަށް، އަހަރީ އާންމު ޖަލްސާގައި، ބަދަލެއް ނުގެންނަވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ ކުންފުންޏަށް އަންގަވާފައެވެ. ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި 2 ފަރާތާއި އިންޓަވިއުކޮށް، އިވެލުއޭޓްކުރުމަށްފަހު އަލްފާޟިލާ އާމިނަތު ރުޝްމާ، ހ.މޮސްކޯގެ އިންތިޙާބްކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ. މި ފަރާތްތަކުގެ ވަނަވަރު agm.sto.mv ވެބް ޕޭޖުން ފެންނަން ހުންނާނެއެވެ.
ވޯޓު ދިނުން
މި އަހަރުވެސް ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ކަމަށާއި މި ސިސްޓަމް ވަނީ ކޭޕީއެމްޖީއިން ވެލިޑޭޓް ކުރައްވާފައި ކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.
ޚިޔާލާއި ސުވާލު ހުށަހެޅުން
މި އަހަރުގެ ޖަލްސާ ބާއްވަންޖެހޭ ހާލަތަށް ރިޢާޔަތްކޮށް، ކުންފުނީގެ ކަންކަމާމެދު ހިއްސާދާރުން ދޭން ބޭނުންވާ ޚިޔާލުތަކާއި ޑިރެކްޓަރުންގެ ބޯޑާއި ކުރައްވަން ބޭނުންވާ ސުވާލުތައް، ޖަލްސާގެ ކުރިން، ކުންފުންޏަށް ހުށަހަޅަންވާނެ ކަމަށާއި އެގޮތުން ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން، ޖަލްސާއަށް ރަޖިސްޓަރީ ކުރެއްވުމުން، "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ ކަމުގައި އެސްޓީއޯއިން ބުނެއެވެ. އަދި އެކި ސަބަބުތަކާއެކު ޖަލްސާގައި ބައިވެރިނުވާ، އެހެންނަމަވެސް ކުންފުނީގެ ކަމަކާމެދު ޚިޔާލެއް ނުވަތަ ސުވާލެއް ހުށަހަޅަން ބޭނުންވާ ހިއްސާދާރުން، [email protected] އީމެއިލް އެޑްރެސްއަށް ސުވާލުތައް ހުށަހެޅިދާނެ ކަމަށާއި މިހެން ހުށަހަޅުއްވާނަމަ ހިއްސާދާރުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހިމަނަންވާނެ ކަމުގައިވެސް ބުނެފައިވެއެވެ.
ސުވާލު ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޮގަސްޓް 2020 ވަނަ ދުވަހުގެ ހަވީރު 04:00 ކަމަށާއި މި ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަލްސާގައި ޖަވާބުދެއްވާނެކަމަށެވެ.
ފާއިތުވި އަހަރުގެ ހިސާބުތައް
ނިމިދިޔަ 2019 ވަނަ އަހަރަކީ އެސް.ޓީ.އޯގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރުކަން އެސްޓީއޯއިން ފާހަގަކުރެއެވެ. މިގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ހަމަ މިއާއެކު ކުންފުނީގެ ސާފު ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު ވަރަށްބޮޑުތަން އިތުރުވެފައިވާކަމަށާއި 2018 ވަނަ އަހަރު 14 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނުއިރު، 2019 ވަނަ އަހަރުގެ ސާފު ފައިދާއަކީ 303 މިލިއަން ރުފިޔާ ކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.
މުޅި އެސް.ޓީ.އޯ ގްރޫޕްގެ ފައިދާވެސް ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައި ކަމާއި ނިމިދިޔަ 2019 ވަނަ އަހަރު އެސް.ޓީ.އޯ ގްރޫޕް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ވަނީ ލިބިފައިކަންވެސް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.
އެސްޓީއޯއިން ބުނެފައިވާގޮތުގައި އިތުރު މަޢުލޫމާތު agm.sto.mv ، އޭ.ޖީ.އެމްގެ ނޯޓިސް އިން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް