ކުރިން ހުއްދަ ހޯދުމަކައި ނުލައި މުޒާހަރާތައް ނުބޭއްވޭނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން ނެރުނު އެންގުމަކީ ގާނޫނު އަސާސީ އާއި ހިލާފު އެންގުމެއް ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.
ހޯމް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި މާލޭގައި އެއްވުން ބާއްވަން ޖެހޭނީ ފުލުހުންނަށް ހުށަހަޅައިގެން ލިޔުމުން ހުއްދަ ހޯދައިގެން ކަމަށެވެ. އެ އިއުލާނުގައި ހަވާލާދީފައިވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) އަށެވެ.
ބާ ކައުންސިލުން ބުނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ގާނޫނު އަސާސީގެ 18 ވަނަ މާއްދާ އިން ދައުލަަތަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭން ސޮއިކޮށްފައިވާ އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް) އިން ހައްގުތައް ކަށަވަރުކޮށްދޭން ގޮވާލާކަމަށެވެ.
އެ ގާނޫނުގައި ކުރިން އޮތް ގޮތުން ކުރިން އެންގުމަކައި ނުލައި މާލޭގައި މުޒާހަރާ ކުރެވޭނެ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުގެ މުޒާހާރަތާތައް ގިނަވާން ފެށުމުން މަޖިލީސް މެދުވެރިކޮށް އެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައި އެވެ.
އޭރުގެ ޕީޕީއެމްގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވީ މާލޭގައި އެއްވުން ބާއްވަން ބޭނުން ނަމަ ފުލުހުން މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި މާލޭގައި އެއްވުންތަކާއި މުޒާހަރާތައް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް