ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ގައުމަށް ދާއިރު ކޯވިޑް-19 އަށް ޕޮޒިޓިވްތޯ ނުވަތަ ނެގެޓިވްތޯ ބެލުމަށް ޓެސްޓެއް ހަދަން ނުޖެހޭނެ ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، އެއްވެސް ބިދޭސީއަކު ރާއްޖެއިން ފުރުމުގެ ކުރިން އެ ދާ ގައުމަކުން ބޭނުންވާ ޓެސްޓުތަކާއި އެ ޓެސްޓު ކުރުމުގެ ކެޕޭސިޓީ ރާއްޖޭގައި ހުރިތޯ ބެލުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށެވެ.
ރާއްޖެއަށް 212 މީހުން އައިސްފައިވާ ކަމަށާއި އޭގެ ތެރޭގައި 104 ފަތުރުވެރިން ހިމެނޭ ކަމަށް ރޭގެ ބައްދަލުވުމައި ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ޖުމުލަ 32 ގައުމަކުން ފަތުރުވެރިން އައިސްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ޔޫރަޕުން ރާއްޖެ އައި ފަތުރުވެރިން ކަން ޑރ. އަފްޒަލް ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. އަފްޒަލް އިތުރަށް ފާހަގަކުރެއްވީ، ރާއްޖެ އަންނައިރު އަދި ރާއްޖެ ފުރާއިރު ހެލްތު ޑެކްލެރޭޝަން ފޯމެއް ފުރަން ޖެހުނު އިރުވެސް ދާއިރު ޓެސްޓެއް ނުހަދާނެ ކަމެވެ.
ނަމަވެސް އަމިއްލަ ބޭނުންވެގެން ނުވަތަ އަނބުރާ ދާ ގައުމުން ޓެސްޓެއް ބޭނުންވާނަމަ އެ ޓެސްޓު ހެދުމުގެ ފުރުސަތު އެ ފަތުރުވެރިއަކަށް އޮންނާނެ ކަމަށް އޭނާވެސް ވިދާޅުވިއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުމުގައި އެޗްއީއޯސީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ، އެމްއޭސީއެލް އަދި އެމްޕީއެލް ވަނީ ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް