ގްރީންލައިފް އިނީޝިއޭޓިވްގެ ދަށުން ސްޓެލްކޯއިން އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މަޝްރޫއުއަށް އާންމުންގެ ތަރުހީބު ލިބެމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.
"ދުވަސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ސްޓެލްކޯގެ ސީނިއާ މެނޭޖާރ އަޙްމަދު އިބްރާހިމް ވިދާޅުވީ، ސްޓެލްކޯ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރާ މަގްސަދަކީ މުވައްޒަފުންނަށް އަދި އާންމުނަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ. ސްޓެލްކޯއިން ހިންގާ ބޮޑެތި މަޝްރޫއުތަކާއި ޚިލާފަށް އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތު މީހާ ބޭނުންވާ އަދަދަކަށް ސޯލާ ޕެނަލް އެ ގެއެއްގައި ޖެހޭނެ އެންމެ މަތީ އަދަދަކަށް ޖަހައިދީގެން ކަމަށްވެސް އަޙްމަދު އިބްރާހިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްޓެލްކޯއިން މި ސޯލާ ސިސްޓަމްތައް ފުރާޅުގައި އަޅުވައިދީ ނެޓް މީޓަރ ރެޖިސްޓްރޭޝަންގެ ހިދުމަތްވެސް ފޯރުކޮށްދޭނެކަމަށެވެ. މި ސިސްޓަމްތައް ލެގޯ ބްލޮކްސްތަކެއް ގޮތަށް އަތުރާލެވޭ މޮޑެލްއަކަށް ވާއިރު ކޮންމެ ޕެކޭޖަކީ 1.32 ކިލޯގެ ސޯލާ ކަމަށާއި، އެއީ އާދައިގެ ގެއަކަށް ބަލާއިރު މަހެއްގެ މައްޗަށް 150 ޔުނިޓް އުފެއްދޭ ވަރުގެ ސިސްޓަމެއް ކަމަށްވެސް އަޙްމަދު އިބްރާހިމް ވިދާޅުވިއެވެ. އަދި އޭތި ތަކުރާރު ކުރެވެމުން ގެންދެވޭނެ ކަމަށާއި، މަހަކު 600 ޔުނިޓް ބޭނުންވާ ގެއެއްނަމަ އޭގެ 4 ސިސްޓަމް އެޅުވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނެޓް މީޓަރިންގ އަކީ އަވިން އުފައްދާ ހަކަތަ އަދި ގޭގައި ބެނުން ކުރެވުނު ހަކަތަ މިނުމާއި އަޅައިކެނޑުމުގައި ސްޓެލްކޯއިން ބޭނުންކުރާ ސިސްޓަމެކެވެ. ނެޓް މީޓަރިންގ ސަބަބުން ސްޓެލްކޯއިން ގޭގެ މީޓަރަށް ބިލުކުރާނީ އަވިން އުފައްދާ ހަކަތަ ކެނޑުމަށް ފަހުއެވެ.
ސްޓެލްކޯއިން މައުލޫމާތުދެއްވާގޮތުގައި ސްޓެލްކޯގެ މި ހިދުމަތަކީ އާންމުންނަށް ފަސޭހަ ވާނެ ގޮތަކަށް އިންސްޓޯލްމަންޓަށް ބަހާލެވިގެން އަގު ކުރެވޭނެ ހިދްމަތެކެވެ. އެގޮތުން ހަރުކުރެވޭ ކޮންމެ ސިސްޓަމަކަށް 5،000 ރުފިޔާ ދައްކާލުމަށްފަހު ބާކީ އިންސްޓޯލްމަންޓަށް ބަހާލެވޭނެ ކަމަށާއި އެއްކޮށް ލާރި ދެއްކުމަށްފަހު މި ސިސްޓަމް އަޅުވަނެ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މީގެ ކޮންމެ ސިސްޓަމެއްގެ އަގަކީ 30،000 ރުފިޔާއެވެ.
އަޙްމަދު އިބްރާހިމް ވިދާޅުވީ، އުންމީދުކުރި ވަރަށް ވުރެ ބޮޑަށް މި މަޝްރޫއުއަށް ކަސްޓަމަރުންގެ ފަރާތުން ތަރުހީބު ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މެދު ކެނޑުމެއް އައި ނަމަވެސް ފޯނުން ގުޅައިގެން މައުލޫމާތު ސާފުކުރަމުން ގެންދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހާރު ބައެއް ހިސާބުތަކުގައި ހަރުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ދެ ގެއެއްގައި ހަރުކުރެވިގެންދާނެ ކަމަށާއި، ހަރުކުރުމުގެ ކަންކަން ޔަގީންވާ ހިސާބުން 40 ދުވަސްތެރޭ ހަރުކުރުމުގެ ހުރިހާ ކަމެއް ނިމޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
ސޯލާ ޕެނަލް ހަރުކުރުމުން ހިދްމަތް ހޯދާ ފަރާތަށާއި، ތިމާވެއްޓަށްވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމުގައި ސްޓެލްކޯއިން ދެކެއެވެ. މިގޮތުން ކަރަންޓު ބިލަށް ދައްކަންޖެހޭ އަދަދު މަދުވެ، ސްޓެލްކޯއިން އުފައްދާ ވަރަށް އަމިއްލައަށް ކަރަންޓު އުފައްދާ ބޭނުންކުރެވި، ނުވަތަ އަމިއްލައަށް އުފައްދާ ކަރަންޓު ސްޓެލްކޯއަށް އަނބުރާ ވިއްކޭނެއެވެ. އެހެންކަމުން މިއީ ސްޓެލްކޯއަށް އެއްވެސް ފައިދާއެއް ނެތި، ކަސްޓަމަރު އަމިއްލައަށް ބެނުންވާ މިންވަރަށް އަމިއްލައަށް ކަރަންޓު އުފެއްދުމަށް ދެވޭ ފުރުސަތެއް ކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.
އަވިން ހަކަތަ އުފެއްދުމުން ތިމާވެއްޓަށް ލިބޭނެ ފައިދާތައް ވަރަށް ގިނައެވެ. މީގެ ތެރޭގައި ތިމާވެއްޓަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގެ އިތުރުން ނޭވާލާ ނިޒާމަށް ގެއްލުންދެނިވި ގޭސްތައް (ސަލްފަރ ޑައިއޮކްސައިޑް އަދި ވައި ތަޢައްޔަރުކުރާ ކަޅުދުން ފަދަ) މަދުކުރެއެވެ.
މި ސިސްޓަމްތައް އެޅުވުމަށްފަހު، ސިސްޓަމްތައް ބަލަހައްޓައި ދިނުމާއި، ވޮރެންޓީތަކެއް ދިނުމުގެ އިތުރަށް ޔަގީންކަމާއި އެކު އެގެއަށް ކަރަންކު ލިބޭތޯ ސްޓެލްކޯ އިން ބަލަމުން ގެންގޮސްދޭނެއެވެ.
ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރަން ބޭނުން ނަމަ އަންނަނިވި ކަންކަން ފުރިހަމަ ވާން ޖެހޭނެއެވެ.
01 ގޭގެ ވެރި ފަރާތަށް ވާންޖެހޭ ނުވަތަ ވެރިފަރާތުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭ
02 ފުރާޅުގެ ބޮޑުމިނުގައި 100 އަކަފޫޓު ހުރުން
03 ފުރާޅަކީ، އަވި ލިބޭ ފުރާޅަކަށްވުން
04 ފުރާޅުގައި ސޯލާ ސިސްޓަމްގެ ބަރުދަން ހިފަހައްޓާލެވޭނެ ބާރު ހުރުން
އަވިން ކަރަންޓު އުފައްދާ ޕެނަލްތަކަކީ ވަރަށް ގިނަ ދުވަހު ހަލާކުނުވެ، އަތްވާއި ވާރޭގައި ދެމިހުންނާނެ ގޮތަށް ފަރުމާކުރެވިފައިވާ އެއްޗެކެވެ. ބައެއް ބައިތައް ބަދަލު ކުރަން ޖެހުނަސް، މުޅި ސިސްޓަމުގެ އުމުރަކީ 20 އަހަރާއި 30 އަހަރާއި ދެމެދެވެ.
2019 ވަނަ އަހަރު ސަރުކާރުން ވަނީ ސޯލާ ޖަހަން ބޭނުންވާ ގެތަކުގެ ޓެރަސްގެ ތިން ބައި ކުޅަ ދެ ބައި މި ސިސްޓަމްތައް ހަރުކުރަން ބޭނުން ނަމަ ހިޔާކުރުމަށް ބުނެފައެވެ.
ސްޓެލްކޯގެ މި ޕްރޮޖެކްޓް އަދި ޚާއްސަކޮށްފައިވަނީ އާންމު ގޭތަކަށް ކަމަށާއި ވިޔަފާރިތަކަށް ސްޓެލްކޯއިން އިންސްޓޯލްމަންޓް ދޭ ފަދަ ވާހަކަތަކެއް ދެކެވިފައިނުވާ ކަމަށްވެސް އަޙްމަދު އިބްރާހިމްގެ ވާހަކައިގައި ފާހަގަ ކުރައްވާފައިވެއެވެ. ނަމަވެސް ބޭންކް ފައިނޭންސިންގ އެ ވިޔަފާރިތަކަށް ހަމަޖެއްސޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ބޭންކު ތަކާއި ވާހަކަ ދެކެވިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް މިކަމާއި ގުލުވައިގެން ފެހި ސިގްނަލެއް ލިބުނުކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ.
ގްރީންލައިފް އިނީޝިއޭޓިވްގެ ދަށުން ހިންގަން ނިންމާފައިވާ މި މަޝްރޫއު ފުރަތަމަ އިއުލާން ކުރެވިގެން ގޮސްފައިވަނީ 2016 ވަނަ އަހަރުއެވެ.
ސްޓެލްކޯގެ ސީނިއާ ސާވިސް އިންޖިނިއަރ ހަސަން ރަޝީދު ވިދާޅުވީ، 2016 ވަނަ އަހަރު މި މަޝްރޫއު ފެށިގެން ރާއްޖެގެ ބައެއް ރަށްރަށަށް ގޮސް ސާވޭތައްވެސް ކޮށްފައިވާނެ ކަމަށެވެ. އަދި ކުރި ސާވޭއިން މިކަމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ފާހަގަ ކުރެވިގެންދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އއ، އދ، އަދި ވ އަތޮޅުގައި މިހާރު ވާނީ ސާވޭ ހިންގައިފައެވެ.
ހަސަން ރަޝީދު ވިދާޅުވީ، ފުރަތަމަ ރައްޔިތުންނަށް މި ޚިދްމަތްދޭން ސްޓެލްކޯއިން މަސައްކަތްކޮށްފައިވަނީ ސަރުކާރުގެ އިމާރާތްތައް ބެނުން ކޮށްގެން ކަމަށާއި، އެއީ ކުރިން މައްސަލަތަކެއް ނިކުމެދާނެ ކަމަށް ލަފާކުރުމަށްފަހު ވިސްނުނު ގޮތެއް ނަމަވެސް މިހާރު އާންމުންނަށް މިވަނި ހުޅުވާލެވިފައި ކަމަށެވެ.
މީގެ ކުރިން ޕެނަލްތައް ހަރުކުރުމުން ދިމާވި މައްސަލަތަކަށްވެސް ހަސަން ރަޝީދު ވަނީ އަލި އަޅުވާލައިފައެވެ. މީގެ ކުރިން ޕެނަލް ހަރުކުރި ފުރާޅެއް ފޫގޮސްފައި ހުރުމުން ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، ވޯޓާ ޕްރޫފް ނުވެ ހުރުމުން ދުވަސްކޮޅެއްތެރޭ މައްސަލަ ޖެހިފައި ހުރިކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ސްޓެލްކޯގެ އިންޖީނުގެ ހުރި ރަށްރަށުގައި ހަރުކުރުމަށް މިވަގުތު ސަމާލުކަން ދެމުން އައި ނަމަވެސް ފެނަކައިގެ އިންޖީނުގޭ ތައް ހުރި ރަށް ރަށުންވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެފަދަ ރަށްރަށުގައި ހަރުކުރުމަށް ފެނަކައިގެ އެއްބާރުލުންވެސް ބޭނުން ވާނެކަން ފާހަގަ ކުރައްވާފައިވެއެވެ.
ރައްޔިތުން މިކަމަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާނެ ކަމަށާއި ސްޓެލްކޯއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ހަސަން ރަޝީދު ވިދާޅުވިއެވެ.
ސްޓެލްކޯ ކަރަންޓު ވިއުގާއާއި ގުޅާފައިވާ އަވިން ކަރަންޓު އުފައްދާ ސިސްޓަމް، ކަރަންޓު ކެނޑިއްޖެ ޙާލަތެއްގައި އަމިއްލަ ޒާތުގައި ނިވާލެވޭނެއެވެ. މިހެން ވާންޖެހޭނީ އެޙާލަތުގައި މަސައްކަތްކުރާ ޓެކްނިކަލް ޓީމުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އަދި ކަރަންޓު ލިބުމުން، އަވިން ކަރަންޓު އުފައްދާ ސިސްޓަމް ކުރިއެކޭ އެއްގޮތަށް މަސައްކަތްކުރަމުން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް