ރައްޔިތުންގެ މަޖިލީސް ކުރާ ގޭދޮށުގައި އަންނަ ހޯމަ ދުވަހު މުޒާހަރާ ކުރުމަށް ތައްޔާރުވަމުން އެބަދެ އެވެ.
މި މުޒާހަރާ އިންތިޒާމް ކުރަނީ "ނަވާރަވައި" ކިޔާ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ބައެކެވެ. މުޒާހަރާއަށް ނަމެއްގެ ގޮތުގައި ދީފައިވަނީ "މަޖިލީސް ހޭލައްވާ" މުޒާހަރާ އެވެ.
މި މުޒާހަރާ އާއި ގުޅޭގޮތުން އެ ހަރަކާތުން ބުނެފައިވަނީ ކޯވިޑް-19 ގެ މިދަނޑިވަޅުގައި އާމްދަނީއެއް ނުލިބި ގިނަ ރައްޔިތުންތަކެއް ހާލުގައި ޖެހިފައިވާއިރު އެއްވެސް މަސައްކަތެއް ނުކޮށް މަޖިލީސް މެމްބަރުން ސިޔާސީ ސަކަރާތް ޖަހަން ތިބޭތަން ބެލެން ނެތް ކަމަށެވެ. މި މުޒާހަރާ ކުރަނީ އާމްދަނީއެއް ހޯދައިދޭނެ ކަމަށް ބުނާތާ ދެ މަސްވީއިރުވެސް މަސައްކަތްތެރިންނަށް އެހީތެރިކަމެއް ނުދީ ތިބޭތީ ޖަވާބުދާރީ ކުރުވަން ކަމަށެވެ.
https://twitter.com/navaanavai/status/1272817940090564609
އެ މުޒާހަރާ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އޮގަނައިޒަރުންގެ ބައްދަލުވުމެއް އޮންލައިންކޮށް، މާދަމާ ރޭ ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
މުޒާހަރާ ކުރާނެ ގަޑި އަދި ހާމައެއް ނުކުރެ އެވެ.
ނަވާނަވައި އިން މީގެކުރިން ވަނީ މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރަން ގޮވާލައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ކުރިމަތީގައި ވެސް މުޒާހަރާ ކޮށްފަ އެވެ. އޭރު އެ މުޒާހަރާ ކުރީ ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުމަކަށް ފަހު ޖެން ހޮޓެލް ބޭރުގައި ރައީސާއި ލީޑަރުން ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް