ދިވެހި ރާއްޖޭގައި ފުރަތަމަ ބާއްވާ ވާޗުއަލް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް2020 ޖުލައި 11 އަދި 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ހާމަކޮށްފި އެވެ. ދެދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
“Creating a Value-Driven Learning Culture” ތީމް ގެ ދަށުން ބޭއްވިގެންދާ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ޓްރިނިޑަޑް އެންޑް ޓޮބަގޯ އަދި ސިންގަޕޯރ ގެ މަޝްހޫރު ސްޕީކާސް އިން ސެޝަންތައް ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ރާއްޖޭގައި ފުރަތަމަ ބޭއްވިގެންދިޔަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މިދިޔަ އަހަރު ކާމިޔާބުކަމާއެކު ވާނީ ބޭއްވިގެން ގޮއްސައެވެ. މި ކޮންފަރެންސްގައި ސްމާޓް އެންޑް ކްރިއޭޓިވް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތައް އަދި ޗެލެންޖަސްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މައުލޫމާތު ދެވިފައެވެ.
މި ކޮންފަރެނަސް އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ މާޕްގެ ދެވަނަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް ދުނިޔެއަށް ދިމާވެފައިވާ މި ހާލަތުގައި އެންމެ ރަގަޅުވާނީ މި ކޮންފަރެންސް ވާޗުއްލް ކޮށް ބޭއްވުން ކަމަށް ވާތީ މުޅި ކޮންފަރެންސްގައި، ކީނޯޓް ތަކާއި ކޭސް ސްޓަޑީ އަދި ޕެނަލް ޑިސްކަޝަންތައްވެސް ބޭއްވިގެންދާނީ ވާޗުއަލް ޕްލެޓްފޯމްތަކުގައެވެ. އަދި މުޅި ކޮންފަރެންސް އަކީ ފްރީ އިވެންޓެއް ކަމުގައާއި މިއީ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމުގައިވެސް އަފީފް ފާހަގަ ކުރެއްވިއެވެ.
އަދި ވޭތުވެދިޔަ ކޮރޯނާ ވައިރަސް ލޮކްޑައުންގެ ތެރޭގައި މިހާހިސާބަށް ތަފާތު އަށް ސެޝަން އެއް ވާޗުއަލް / އޮންލައިންކޮށް ހިންގާފައިވާކަމަށާއި މިދުވަސްވަރަށް ޚާއްސަ ތަފާތު ދާއިރާތަކުން ބޭއްވިގެންދިޔަ މި ސެޝަންތައް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިޔަށްގެންދެވިފައިވާކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.
މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ ދެ އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.
މީގެ އިތުރުން މާޕްއިން ވަނީ ސަދާން ކޮމިއުނިޓީ އެންޕަވަމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ލީޑަޝިޕް އެންޑް ގްރޯތް ސަމިޓެއް މިއަހަރުގެ ނޮވެމްބަރ މަހު ބޭއްވުމަށް ކަނޑައަޅާފައެވެ. އަދި ދެވަނަ ނެޝަނަލް އެޗް.އާރ ކޮންވެންޝަން އެންޑް އެކްސްޕޯ ބޭއްވުންވެސް މިވަނީ މިއަހަރުގެ ނޮވެމްބަރ މަހަށް ލަސްކުރެވިފައެވެ.
ވާޗުއަލް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް2020 އަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން މި ކޮންފަރެންސް އާއި ބެހޭ އިތުރު މައުލޫމާތު ތައް ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް