ކުރިއަރަމުން އައި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގ ރާޖްޕުޓް އަމިއްލައަށް މަރުވުމާއި ގުޅިގެން މުޅި ބޮލީވުޑް ވަނީ ހިލިފައި އެވެ.
އޭނާ ދިރިއުޅޭ ގޭގައި ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު އެވެ. ފުލުހުން ބުނެފައިވަނީ މީގެ ހައެއްކަ މަސް ކުރިން ފެށިގެން ސުޝާންތު ދިޔައީ ޑިޕްރެޝަނަށް ބޭސް ބޭނުން ކުރަމުން ކަމަށެވެ.
ސުޝާންތުގެ މަރާއި ގުޅިގެން އާއިލާއިން ބުނެފައިވަނީ އޭނާ އަމިއްލައަށް މަރުވާނެ ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ. އެކަމަކު އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވާގޮތުގައި މަރުވެފައިވަނީ ކަރަށް ބާރުވެ އޮކްސިޖަން ނުލިބިިގެންނެވެ. އެހެންވެ އޭނާ މަރުވީ ދަންޖެހިގެން ކަމަށް ވަނީ ނިންމާފައި އެވެ.
ސުޝާންތުގެ މަރާއި އެކު ބޮލީވުޑް ހިލި ގިނަ ބައެއްގެ ފާޑުކިޔުން ދަނީ ބޮލީވުޑްގެ މަޝްހޫރު އާއިލާތަކަށް އަމާޒުވަމުންނެވެ. ހާއްސަކޮށް ބޮލީވުޑްގެ ކުރީގެ ތަރިންގެ ދަރިން ބޮލީވުޑަށް ތައާރަފުކޮށް އެމީހުން ޕްރޮމޯޓު ކުރުމުގައި އިސްކޮށް އުޅޭ ޑައިރެކްޓާ ކަރަން ޖޯހަރަށް ވަނީ ސުޝާންތުގެ މަރާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި އެވެ.
އަމިއްލަ މަސައްކަތުން ބޮލީވުޑުން ޖާގަ ހޯދާފައިވާ ބައެއް މީހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވާގޮތުގައި ސުޝާންތަށް ރަނގަޅު މޮޅު ފިލްމުތައް ނުލިބުމުގައި ކަރަން ވަރަށް ބޮޑު ރޯލެއް އަދާކޮށްފައިވެ އެވެ. އޭނާގެ ގާބިލް ކަމާއި މެދު ކަރަން ސުވާލު އުފައްދައި ބައެއް މަޝްހޫރު ފިލްމުތަށް ސުޝާންތަށް ނުދިނުމަށް ކަރަން ޑައިރެކްޓަރުންނަށް ލަފާ ދީފައިވާ ކަމަށް ވެ އެވެ.
ސުޝާންތު މަރުވުމުން ކަރަން އާއި ބޮލީވުޑްގެ އެހެން ބޮޑެތި އާއިލާތަކަށް ނިސްބަތްވާ ތަރިން ހިއްސާކޮށްފައިވާ ޕޯސްޓުތަކަށް ގިނަ އާންމުން ވަނީ ފާޑުކިޔާފައި އެވެ. އެގޮތުން ސުޝާންތު މަރުވުމުން އޭނާއަށް ހަމްދަރުދީ އާއި ލޯބީގެ މެސެޖުތައްކޮށް އޭނާގެ ހުރިވެރިކަމާއި ބެހޭގޮތުން މޮޅެތި ވާހަކަ ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ދަނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށާއި އޭނާގެ މޮޅުކަން ދުނިޔޭގައި ހުއްޓަ އެމީހުންނަށް ނޭނގުނީ ކީއްވެތޯ އާންމުން ސުވާލުކޮށްފައިވެ އެވެ.
ސުޝާންތާއި މެދު ބޮލީވުޑްގައި ތަފާތު ކުރުން ގެންގުޅުނީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ނުވާތީ އެވެ. އިންޖިނިއަރިންގެ ދާއިރާއިން ކިޔެވުމަށް ފަހު ޑީވީ ސީރީސްތަކުން އާންމުންގެ މަގުބޫލުކަން ހޯދައި ބޮލީވުޑަށް ދިޔައީ އަމިއްލަ މަސައްކަތާއި ހުނަރު ދައްކައިގެންނެވެ.
ސުޝާންތުގެ މަރާއި ގުޅިގެން ބޮލީވުޑްގައި ތަފާތު ކުރުމާއި ދެކޮޅަށް އެންމެ ފާޅުގައި ވާހަކަދައްކާ ކަންގަނާ ރަނާވަތު ބުނެފައިވަނީ ސުޝާންތުގެ މަރަކީ ދުރާލާ ރާވައިގެން ބޮލީވުޑްގެ މަޝްހޫރު ނަން ހިނގާ މީހުން ކޮށްފައިވާ ކަމަށެވެ. އޭނާ މާނަ ކުރިގޮތުގައި ސުޝާންތައް ފިލްމުތައް ނުލިބޭނެ ގޮތަށް ބޮލޮކް ކުރުމާއި އޭނާގެ ކުޅަދާނަ ކަމާއި މެދު ސުވާޅު އުފެއްދުންފަދަ ކަންކަން ކޮށްގެން ސުޝަންތުގެ ހިތް ދުރާލާ މަރާލައި އަމިއްލައށް މަރުވާން މަޖުބޫރު ކުރުވީ އެވެ.
ސުޝާންތު ކުޅެފައިވާ ގިނަ ފިލްމުތަކެއް ކާމިޔާބު ވިޔަސް އޭނާ އެ ފިލްމުތަކުގައި ކޮށްފައިވާ މަސައްކަތަށް ތައުރީފު ކުރާނެ މަޝްހޫރު މީހަކު ނުވެ އެވެ. އެހެންވެ ކުރިޔަށް ފިލްމުތައް ލިބުމުގައި ހުރަސް އެޅެ އެވެ. ސުޝާންތު މަރުވި އިރު ކުރިޔަށް ކުޅޭނެ އެއްވެސް ފިލްމެއް ނެތެވެ. ހަމައެކަނި އޮތީ މަސައްކަތް ނިމި ކޯވިޑް-19 އާއި ގުޅިގެން ރިލީޒް ނުކުރެވި އޮތް ފިލްމެކެވެ،
ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ހަ މަސް ދުވަސްތެރޭގައި އޭނާއަށް ހަތް ފިލްމު ގެއްލިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް