މީރާގެ ހިދުމަތްތައް އަންނަ މަހު އަލުން ދޭން ފަށަނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހިދުމަތްތައް އަންނަ މަހު ދޭން ފަށާނެ ކަމަށް ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަތާ ތިން މަހާއި ގާތްވެފައިވާއިރު މީރާގެ ކައ...

16 Jun 2020 | 09:02

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހިދުމަތްތައް އަންނަ މަހު ދޭން ފަށާނެ ކަމަށް ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަތާ ތިން މަހާއި ގާތްވެފައިވާއިރު މީރާގެ ކައުންޓަރުތަކުން ދެމުން ދިޔަ ހިދުމަތްތައް އޮތީ ހުއްޓިފައި އެވެ.

މީރާގެ ހިދުމަތްތައް އަލުން ދޭން ފަށަން ނިންމާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. ނިއު ނޯމަލްގައި އޮފީސް ހުޅުވައި ހިދުމަތް ދޭން ފަށާނީ މުވައްޒަފުންނާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ރައްކާތެރި ކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅަކާއި އެކު ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ނިންމާފައިވަނީ ހިދުމަތް ދޭން ފަށާ ފުރަތަމަ ހަފުތާގައި ކައުންޓަރުތަކުން ހަމައެކަނި ބަލައިގަންނާނީ ޓެކްސް ނޫން ފީއާއި ކުއްޔާއި އެހެނިހެން ފައިސާ ކަމަށެވެ. ދެވަނަ ހަފުތާއިން ފެށިގެން ޓެކުހަށް ނުވާ ފައިސާގެ އިތުރުން އޮންލައިންކޮށް ހުށަހެޅުން ލާޒިމު ކޮށްފައި ނުވާ ޓެކްސް ބަޔާނާއި އޮންލައިންކޮށް ދެއްކުން ލާޒިމު ކޮށްފައި ނުވާ ޓެކުހުގެ ފައިސާ ބަލައި ގަންނަން ފަށާނެ އެވެ.

މީރާއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން ޓެކްސް ދެއްކުމުގެ ސުންގަޑިތައް ފަސްކޮށްދީފައިވާނެ ކަމަށެވެ. މީރާ އިން ދީފައިވާ ލުއިތަކާއެކު މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ފަހުން އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް އަންނަ މަހުގެ 23 ވަނަ ދުވަހަށް ވަނީ ފަސް ކޮށްދީފަ އެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތު ވަރަށް ބޮޑަށް ދައްވެފައިވާއިރު ދައުލަތަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައި އެވެ. އެގޮތުން މިދިޔަ މަހު މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ ވަނީ81 ޕަސެންޓު ދަށްވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް