ހައްޖުގެ އަޅުކަން މިއަހަރު އޮންނަ ނަމަ ރާއްޖެއިން މީހުން ފޮނުވާނެ: މިިނިސްޓަރު

މިއަހަރުގެ ހައްޖުގެ އަޅުކަން އޮންނާނެ ކަމަށް އެންމެ ފަހު ވަގުތު ސައުދީ އަރަބިއްޔާ ސަރުކާރުން އެންގިޔަސް ރާއްޖެއިން މީހުން ހައްޖަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖ...

16 Jun 2020 | 04:18

މިއަހަރުގެ ހައްޖުގެ އަޅުކަން އޮންނާނެ ކަމަށް އެންމެ ފަހު ވަގުތު ސައުދީ އަރަބިއްޔާ ސަރުކާރުން އެންގިޔަސް ރާއްޖެއިން މީހުން ހައްޖަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މީހުން ހައްޖަށް ނޮފޮނުވުމަށް ބައެއް އިސްލާމީ ގައުމުތަކުން ނިންމާފައި ވީނަމަވެސް ސައުދީން އެފުރުސަތު ދީފި ނަމަ ރާއްޖެއިން ފުރުސަތުގެ ބޭނުން ހިފާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖުގެ އަޅުކަން ބާއްވާގޮތަށް ނިންމިއަސް އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އަޅުކަމަށް ދެވޭ މީހުންގެ އަދަދު މަދުވާނެ ކަމަށެވެ. އެހެން ކަމުން ރާއްޖެއިން މިއަހަރު ހައްޖަށް ދެވޭ މީހުންގެ އަދަދު ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ކޯޓާ ލިބޭ އަދަދަށް ބަލައި ގްރޫޕުތަކަށް ބަހާލާނީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޖުގެ އަޅުކަމަށް ފުރުސަތު ދިނުމާ ގުޅޭގޮތުން ސައުދީ ސަރުކާރުން އަންނަނީ ދިރާސާއެއް ކުރަމުންނެވެ. އޭގައި ވީހާ ވެސް މަދު ބަޔަކަށް ފުރުސަތު ދީގެން ކަންކަން ކުރިއަށް ގެންދާނެ ގޮތް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުން 2.4 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރި އެވެ. ނަމަވެސް ދިރާސާ ހަދަމުން އަންނަނީ އެ އަދަދު 270،000 އަށް މަދުކޮށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.

މި ހަފްތާ ތެރޭގައި ހައްޖުގެ އަޅުކަން ބޭއްވުމާއި ގުޅޭގޮތުން ސައުދީ ސަރުކާރުން ގޮތެއް ނިންމާނެ އެވެ. އެކަމަކު މީގެ ކުރިން އެ ގައުމުގެ ސަރުކާރުން ވަނީ ހައްޖަށް ވަމުންދާ ތައްޔާރީތައް މަޑުޖައްސާލުމަށް އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް