ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އަންނަ މަހު އެކެއްގައި ސްކޫލްތައް ހުޅުވަނީ

އަންނަ މަހު އެކެއްގައި ސްކޫލްތައް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަލުން ސްކޫލްތައް ހ...

16 Jun 2020 | 04:06

އަންނަ މަހު އެކެއްގައި ސްކޫލްތައް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަލުން ސްކޫލްތައް ހުޅުވަން ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ކަމަށެވެ. އޭނާ ވިދާޅުވީ ގިނަ ދުވަހު ސްކޫލްތައް ބަންދުކޮށްފައި ބެހެއްޓުމުން އެކަމުގެ ނޭދެވޭ އަސަރު ކުދިންނަށް ކުރާނެ ކަމަށެވެ.

ސްކޫލަކީ ދަރިވަރުން ހަމައެކަނި ކިޔަވަން ދާ ތަނެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ބަދަލުގައި އިޖުތިމާއީ ކަންކަމާއި ރައްޓެހި ކުދިންނާ ދިމާވުމުގެ އިތުރުން ބައެއް ދަރިވަރުންނަށް ހަމައެކަނި ރައްކާތެރި މާހައުލު ފޯރުކޮށްދޭ ތަނަކީ ސްކޫލްކަމަށް ވިދާޅުވި އެވެ.

އަލަށް ސްކޫލްތައް ފެށުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް ލޮކްޑައުންގައި އޮންނަ ރަށްރަށާއި މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށާޢި އާންމު ހާލަތުގައި އޮންނަ ރަށްރަށެވެ.

މީގެ ތެރެއިން ފުލް ލޮކްޑައުންގައި އޮންނަ ރަށްރަށަކު އެއްގޮތަށްކަމަށްވެސް ސްކޫލްތަކުގައި ކިޔަވައެއް ނުދޭނެ އެވެ. މޮނިޓަރިންގައި އޮންނަ ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑް ނުވަޔަކުން މަތީގެ ގްރޭޑު ތަކަށެވެ. އާންމު ހާލަތުގައި އޮންނަ ރަށްރަށުގައި ހުރިހާ ގްރޭޑުތަކަށް ކިޔަވައިދޭނެ އެވެ.

މި އުސޫލުގެ ދަށުން މާލޭ ހުޅުމާލެ އަދި ވިލިމާލޭގައި ކިޔަވައިދޭނީ ގްރޭޑް ނުވަޔަކުން މަތީގެ ގްރޭޑުތަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކިޔަވައިދިނުމަށް ޔުނިސެފްގެ އެހީތެރިކަމާއެކު އިމަޖެންސީ ރެސްޕޮންސް ޕްލޭނެއް ވަނީ ތައްޔާރުކޮށްފަ އެވެ. ފުރަތަމަ ކަމަކީ ސްކޫލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ދެ ވަނައަށް، މެދުނުކެނޑި ކިޔެވުން ކުރިއަށްގެންދިއުމާއި ވަލްނަރަބްލް ކުދިންނާ ހަމަށް ވާސިލްވުމުގެ އިތުރުން ބަލިން ރައްކާތެރިވުމާއި ރެޒިލިއަންސް ބިލްޑުކުރުމާއި ފަސް ވަނަ ކަމަކަށް މި ހާލަތުގައި ސްކޫލު ހިންގުމާއި ކޯޑިނޭޓްކުރުމަށް އަލިއަޅުވާލާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ކޮވިޑް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑުތަކަށް ކިޔަވައިދޭނެ ކަމަށެވެ. ކިޔަވައިދިނުމުގެ އިތުރުން ތިން ވައްތަރެއްގެ ސްކޫލު އެބަ ގެންގުޅޭ ކަމަށް ވިދާޅުވި އެވެ. ފުރަތަމަ ކަމަކަށް، މިހާރު ވެސް ސިންގަލް ސެޝަނަށް ހިންގާ ސްކޫލުތަކާއި ދެވަނަ ބައިގައި ހިމެނެނީ ދެ ސެޝަނަށް ގެންދާ އަދި ތިން ވަނަ ބަޔަކީ ފިޒިކަލް ޑިސްޓެންސިިންގައި ދެ ދުވަހުން އެއް ދުވަހު ސްކޫލަށް ހާޒިރުވެގެން ހިންގާ ސްކޫލުތަކެވެ.

މިނިސްޓްރީން ނިންމާފައިވަނީ ހަފުތާގެ ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށް ކިޔަވައިދިނުމަށެވެ. ކޮންމެ ދުވަހަކު ވެސް ގިނަ ވެގެން ހަތަރު މާއްދާ ކިޔަވައިދޭއިރު ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައިވަނީ ބޭރަށް ނުކުތުމާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް