ނ. މަނަދޫއަށް ކޯވިޑް-19 ދިޔަގޮތް އަދިވެސް ހޯދިފައި ނުވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މަނަދޫއިން އެންމެ ފުރަތަމަ ޕޮސިޓިވްވެފައިވަނީ ބަނޑުގައި ރިއްސާތީ މާލެ ގެނައި އުމުރުން ދުވަސްވީ އަންހެނެކެވެ. އެމީހާ ޕޮސިޓިވްކަން އެނގުނީ އައިޖީއެމްއެޗުގައި އެޑްމިޓް ކުރާ އެންމެން ޓެސްޓު ކުރުމުގެ އުސޫލލުގެ ތެރެއިން ޓެސްޓު ކުރުމުންނެވެ. އެމީހާގެ ނަތީޖާ ޔަގީން ކުރުމަށް ތިން ފަހަރު ޓެސްޓު ކުރަން ޖެހުނެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ އެމީހާއަށް ބަލި ޖެހުނު ގޮތް ނުވަތަ މަނަދޫއަށް ބަލިދިޔަ ގޮތް އަދި ހޯދިފައި ނުވާކަމަށެވެ. އެކަމަކު އެ ރަށުގައި ބަލި ފެތުރެމުންދާކަން އަދި ޔަގީން ކުރެވިފައިނުވާ ކަމަށެވެ.
ސަބަބެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް އެ ރަށުން ޕޮސިޓިވްވި ނުވަ މީހުންނަކީ ފުރަތަމަ ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރެގެން އައިސޮލޭޝަންގައި ބައިތިއްބާފައި ތިބި ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމީހުން ޕޮސިޓިވްވެފައިވަނީ އައިސޮލޭޝަންގެ މުއްދަތު ކަމަށްވާ14 ދުވަސް ހަމަވެގެން ދޫކޮށްލުމުގެ ކުރިން ޓެސްޓު ކުރުމުން ކަމަށެވެ.
އެމީހުންގެ ފުށުން ބަލި އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މަނަދޫގައި އައިސޮލޭޝަންގައި ބޭތިއްބި މީހުން ވަނީ ބޭރަށް ނުކުމެ ބައެއް ފިހާރަތަށްވެސް ގޮސް ހަދާފައި އެވެ.
މިހާތަނަށް މަނަދޫއިން10 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު އެންމެންގެ ހާލުވެސް ރަނގަޅެވެ.
އެޗްޕީއޭއިން ބުނީ އަތޮޅު ތެރެއިން ފެނިފައިވާ ވައިރަސްގެ ކޭސްތަކަށް ބަލާއިރު ދެ ރަށަކަށް ބަލި ދިޔަ ގޮތް ދެނެގަނެވިފައިވާ ކަމަށެވެ. އެއީ ށ. ނަރުދޫ އާއި ހއ. އުލިގަމެވެ. އެ ދެ ރަށަށް ބަލި ގޮސްފައިވަނީ މާލެއިން ކަމަށް ބުނެ އެވެ. އެހެން ރަށްރަށުން ޕޮސިޓިވްވެފައިވަނީ އެ ކޭސްތަކާއި ގުޅުން ހުރި މީހުންނެވެ.
ކޯވިޑް-19 އަށް ރާއްޖެއިން1،078 މީހަކު ޕޮސިޓިވްވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ. އަދި މި ބަލިން59 މީހަކު ވަނީ ރަނގަޅުވެފައި އެވެ.
އެޑިޓަރުގެ ނޯޓް: މި ޚަބަރުގައި ކުރިން ބޭނުން ކުރެވުނު ފޮޓޯއަކީ ނ. މަނަދޫގެ ފޮޓޯއެއް ނޫނެވެ. އެހެންކަމުން އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް