ބޭ އޮފް ބެންގޯލުގައި އުފެދޭ ތޫފާން: ނަމަކީ "އަމްޕަން" ނުރައްކާ ބޮޑީ އިންޑިއާއަށް

ބޭ އޮފް ބެންގޯލުގައި އުފެދުނު "ޑިޕްރެޝަން" މިރޭ 11:00 ހާއިރު ތޫފާނަކަށް ބަދަލުވާނެކަމަށް ބެލެވޭއިރު މި ތޫފާނަށް ދޭނެ ނަމަކީ ތޫފާން "އަމްޕަން" އެވެ. މިއީ މި ސަރަހައްދުގައި ތޫފާނުތަކަށް ނަންދޭން ގެންގުޅ...

16 May 2020 | 13:10

ބޭ އޮފް ބެންގޯލުގައި އުފެދުނު "ޑިޕްރެޝަން" މިރޭ 11:00 ހާއިރު ތޫފާނަކަށް ބަދަލުވާނެކަމަށް ބެލެވޭއިރު މި ތޫފާނަށް ދޭނެ ނަމަކީ ތޫފާން "އަމްޕަން" އެވެ. މިއީ މި ސަރަހައްދުގައި ތޫފާނުތަކަށް ނަންދޭން ގެންގުޅޭ ތާވަލުން މިހާރު ބާކީ އޮތް ހަމައެކަނި ނަންވެސް މެއެވެ. މި ތޫފާނުގެ ގެއްލުން ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވެނީ އަވަށްޓެރި އިންޑިއާއަށެވެ. މިހާރު އިންޑިއާގެ ބައެއް ސަރަހައްދުތައް އެލާޓަށްވެސް މިވަނީ ގެނެސްފައެވެ.

މި ތޫފާނަށް ދޭ މި ނަމަކީ ބަންގްލަދޭޝް ނަމެކެވެ. 2008ގައި ބަންގާޅު ކަނޑުގައި އުފެދުނު ތޫފާނަކަށްވެސް މި ނަން ދީފައިވެއެވެ.

މިހާރު މި ކޮޅިގަނޑުގެ ލެވެލަކީ "ޑިޕްރެޝަން" ލެވެލް އެވެ. މިއަދު ހަވީރު 05:30 ހާއިރު މި ކޮޅިގަނޑު "ޑީޕް ޑިޕްރެޝަން" އަކަށް ބަދަލުވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. އެހެންކަމުން މިހާރު "ޑީޕް ޑިޕްރެޝަން" އަކަށް ބަދަލުވެފައިވުން އެކަށީގެންވެއެވެ.

ދެކުނު އޭސިގެ ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން އަންދާޒާކޮށްފައިވާގޮތުގައި މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނީ މިރޭ11:00 ހާއިރުގައެވެ. އޭރަށް އެވީ "ސައިކްލޯނިކް ސްޓޯމް" އަކަށެވެ. އަދި މާދަމާ ހެނދުނު 11:00 ހާއިރު "ސިވިއަރ ސައިކްލޯނިކް ސްޓޯމް" ނުވަތަ ބާރުގަދަ ތޫފާނަކަށް ވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު އަނެއް ދުވަހު ހެނދުނު 11:00 ހާއިރު "ވެރީ ސިވިއަރ ސައިކްލޯނިކް ސްޓޯމް" ނުވަތަ ވަރަށް ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ އަންގާރަ ދުވަހުގެ ރޭ 11:00 ހާއިރު "އެކްސްޓްރީމްލީ ސިވިއަރ ސައިކްލޯނިކް ސްޓޯމް" އަކަށް ބަދަލުވެ، ތޫފާނުގެ ބާރު ދަށްވާން ފަށާނީ ބުދަ ދުވަހު ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މި ކޮޅިގަނޑުގެ މިސްރާބު ހުރީ އާންމު ގޮތެއްގައި ބަންގާޅުކަނޑުގައި އުފެދޭ މިފަދަ ތޫފާންތަކުގެ މިސްރާބު ހުންނަހެން އިންޑީއާގެ އައްސޭރިފަށުންގޮސް އިންޑިއާގެ އޮޑީޝާ ސްޓޭޓާއި ދިމާއަށެވެ. ނަމަވެސް އިންޑިއާއާއި ހަމައަށް ތޫފާން ފޯރާއިރު ތޫފާނުގެ ބާރު ކޮންމެވެސް ވަރަކަށް ދަށްވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ބައެއް ވަގުތުތަކުގައި ވައި ވަރަށް ގަދަވާއިރު މި ކޮޅިގަނޑުގެ އިތުރުން އިންޑިއާގެ އަނެއް ބިތުގައި ލޯ ޕްރެޝަރެއް އުފެދިފައިވާކަމުގައިވެސް ބެލެވެއެވެ. އަދި ރާއްޖެއަށް އަސަރު މި ކުރަނީ އެ ކޮޅިގަނޑާއި އެ ލޯ ޕްރެޝަރާއި ދެ ދިމާއިންކަންވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ރޭގައި ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބޮޑުބަޔަކަށް މިދަނީ ގަދަވަޔާއެކު ވިއްސާރަ ކުރަމުން ކަމަށެވެ.

މީގެ އިތުރުން ރާއްޖެއާއި ދުރުން، އިރު ދެކުނު ބޭއޮފް ބެންގޯލުގައި ހުރި ކޮޅިގަނޑު ބާރުގަދަވެ މިއަދު ތުފާނަކަށް ބަދަލުވުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ލަފާކޮށްފައިވެއެވެ. މެޓް އޮފީހުންވެސް ލަފާކޮށްފައިވަނި އެ ތޫފާން ޖެހެމުންދާނީ ރާއްޖެއާއި ދުރަށް ކަމަށެވެ. އަދި ހުޅަނގު މޫސުން ކުރިއަށް ޖެހެމުންދާ ވަރަކަށް ރާއްޖެއަށް މޫސުމީ ވިއްސާރަ ކުރަމުންދާނެ ކަމުގައި ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް