މޫސުން ގޯސްވެ ވައިގަދަވަމުން އަންނައިރު މަތިން އެއްވެސް އެއްޗެއް ނުބެހެއްޓުމަށް އަދި އެފަދަ ގޮތަކަށް އެއްޗެއް ހުރި ނަމަ އެކަމެއް ރަނގަޅު ކޮށްލުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
އެ ކައުންސިލުން މިކަމަށް އިލްތިމާސްކޮށް ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން، ގްރޭޓާރ މާލޭ ހިމެނޭގޮތަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށް އާންމު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
އަދި މި ދުވަސްވަރު ގްރޭޓަރ މާލޭ އަށް ވައިގަދަވެ ގިނަ އަދަދެއްގެ ގެއްލުންލިބެމުންދާތީ، ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި ގްރޭޓަރ މާލޭ ސަރަޙައްދުގެ ކޮންސްޓްރަކްޝަން ސައިޓްތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭފަދަގޮތަކަށް ގަސްމުއްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ޖ) ދަށުން، ހަދާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމަށް ގްރޭޓަރ މާލޭގެ ގޭގެ ވެރިންނަށާއި ގްރޭޓަރ މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރަމުންދާ ކޮންސްޓްރަކްޝަން ކޮމްޕެނީތަކުގެ ވެރިންނަށް އިލްތިމާސް ކުރާކަމަށެވެ. އަދި މަތިން އެއްޗެހި ވެއްޓޭފަދަގޮތަކަށް ބެހެއްޓިފައި ހުރި ކޮންސްޓްރަކްޝަން ސައިޓްފަދަ ތަންތަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް ދަންނަވާކަމަށެވެ.
މޫސުން ގޯސްވާއިރު މިހާރު ކުރަމުންއަންނަ ވިއްސާރައިގާ ވައި ވަރަށް ގަދަވެއެވެ. ވައިގަދަވެ ކަނޑުގަދަވެ ހިތާމަވެރި ބައެއް ހާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް