ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށާއި ކޯވިޑަށް ފަރުވާ ދިނުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އުފައްދަވާފައިވާ ކެއާ ފަންޑަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު200 ޑޮލަރު ހަދިޔާ ކުރައްވައިފި އެވެ.
ދުނިޔޭގެ ޖޫނިއާ ގޮލްފް ޗެމްޕިއަނެއް ކަމަށްވާ އިންޑިއާގެ އަރުޖުން ބާތީ އިސް ނަގައިގެން މޯދީ ކެއާ ފަންޑަށް އެހީ ހޯދަން ހިންގާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ފައިސާ ހަދިޔާ ކުރެއްވިކަން ހާމަކުރެއްވީ މަހުލޫފު ކުރެއްވި ޓުވީޓެއްގައި އެވެ. އެ ޓުވީޓުގައި ފައިސާ ދިން އަދަދު ހާމަނުކޮށް އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރިކަމުގެ ސްލިޕް ހިމަނާފައިވެ އެވެ.
މިއާއި އެކު ރާއްޖޭގެ ކުޅިވަރު ކުޅުންތެރިން މިވަގުތު ބިކަވަމުންދާއިރު އެމީހުންނަށް އެހީނުވެ ގައުމުން ބޭރުގެ ފަންޑަކަށް އެހީވި ކަމަށްބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަން ފެށި އެވެ.
އެހެންވެ އަނެއްކާވެސް މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ފަންޑަސް އެހީވީ ރަމްޒީ ގޮތުން ކަމަށެވެ. އަދި އެއީ ފަންޑްރައިޒިން ކެމްޕެއިނެއް ކަމަށާއި އެކަމުގައި މައްސަލައަކީ ކޮބައިތޯ މަހުލޫފު ސުވާލު ކުރައްވާފައިވެ އެވެ.
މީގެ އިތުރުން ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ކުޅިވަރަށް މިލިއަން ޑޮލަރުން ހަރަދު ކުރާ ކަމަށެވެ.
މަހުލޫފުގެ ޓުވީޓާއި ގުޅިގެން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ދަނީ މީޑިއާގައި މަހުލޫފަށް ފާޑުކިޔަމުންނެވެ. އެގޮތުން މިނިސްޓަރުގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ ރާއްޖޭގެ ކުޅުންތެރިންނާއި ކޯޗުންނަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބަލައި އެކަމަށް ގޮތެއް ހޯދައި ދެވޭތޯ އުޅުއްވުން ކަމަށް ބައެއް ކުޅިވަރު ކުޅޭ ފަރާތްތަކުން ބުނެފައިވެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދެމުން އައި އެލަވަންސް ދިނުން ވަނީ ހުއްޓާލާފައި އެވެ. މިކަމާ ނޫސްވެރިން ސުވާލު ކުރުމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސް ދެނީ އެމީހުންގެ ޕްރެކްޓިސްތަކަށް ބަލައިގެން ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގައި އިތުމުން އެއްވެސް ކުޅިވަރެއްގެ ޕްރެކްޓިސް ނޯންނާނެ ކަމަށާއި އެހެންވީމަ މި ދަނޑިވަޅު އެ އެލަވަންސް ދޭން ނުޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް