ކޯވިޑް-19 އާއި ގުޅިގެން ހުޅުމާލޭގައި ހަދަމުންދާ ކޯވިޑް ފެސިލިޓީއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެ ގެނެސްފި އެވެ.
މި ސާމާނު ގެނެސްފައިވަނީ ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބީމާން އެއާލައިނުންނެވެ. އެ ފްލައިޓުގައި ރާއްޖެ ގެނައި ތަކެތީގެ ތެރޭގައި ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމެންޓާއި ބޭހުގެ ބާވަތްތައް ހިމެނެ އެވެ.
300 މީހުންނަށް ފަރުވާ ދެވޭގޮތަށް ހުޅުމާލޭގައި ހަދާ މި ފެސިލިޓީއަކީ ތިން އިމާރާތް ހިމެނޭ ގޮތަށް ހަދާ ތަނެކެވެ. އެއް އިމާރާތް ބަލި މީހުންނަށް ހާއްސަކޮށްފައިވާއިރު އަނެއް ދެ އިމާރާތަކީ ކެއުމާއި ދޮވެ އިސްތިރި ކުރުމުގެ އިތުރުން އެ ތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި މުވައްޒަފުން ތިބުމަށް ހަދާ ތަނެކެވެ.
މި ފެސިލިޓީ ހަދަން40 މިލިއަން ރުިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. މިދިޔަ މަހުގެ15 ވަނަ ދުވަހަށް ނިންމަން އޮތް މި ފެސިލިޓީގެ މަސައްކަތް ނިމޭނީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށް ފަހުން ބުންޏެވެ. އެކަމަކު އެހާތަނަށް ޖެހެންވީއިރު އެ ފެސިލިޓީގައި މަސައްކަތް ކުރި އާރުސީސީ ކުންފުނީގެ ދެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވި އެވެ.
އޭގެ ފަހުން ހެދި ޓެސްޓު ތަކުން މިހާތަނަށް އެ ފެސިލިޓީގައި މަސައްކަތް ކުރި99 މީހަކަށް ކޯވިޑް ޖެހިފައިވާކަން އެނގުނެވެ. އެހެންވެ އެ މަސައްކަތް އޮތީ ހުއްޓިފައި އެވެ. މިހާރު ލަފާ ކުރަނީ މިމަހުގެ ނިޔަލަށް އެ ފެސިލިޓީގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ،
މިހާތަނަށް ރާއްޖެއިން1،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާއިރު ބަލިން ރަނަގޅުވީ49 މީހެކެވެ. މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް