ކެރެލާ އާއި މަލިކުގެ 588 މީހުންނާއި އެކު އިންޑިއާގެ މަނަވަރު ފުރައިފި

ރާއްޖޭގައި ތިބި އިންޑިއާގެ ކެރެލާ ސްޓޭޓާއި އެ ސްޓޭޓްގެ ދަށުން ހިންގާ މަލިކަށް ނިސްބަތްވާ މީހުން ގޮވައިގެން އިންޑިއާގެ އަސްކަރިއްޔާގެ މަނަވަރު އައިއެންއެސް ޖަލަޝްވާ ފުރައިފި އެވެ. މި ދަތުރުގައި ރާއްޖެއ...

16 May 2020 | 08:20

ރާއްޖޭގައި ތިބި އިންޑިއާގެ ކެރެލާ ސްޓޭޓާއި އެ ސްޓޭޓްގެ ދަށުން ހިންގާ މަލިކަށް ނިސްބަތްވާ މީހުން ގޮވައިގެން އިންޑިއާގެ އަސްކަރިއްޔާގެ މަނަވަރު އައިއެންއެސް ޖަލަޝްވާ ފުރައިފި އެވެ.

މި ދަތުރުގައި ރާއްޖެއިން ފުރަން ހަމަޖެހިފައި އޮތީ އިއްޔެ އެވެ. އެކަމަކު މޫސުން ގޯސްވެ ދަރުކުރެވޭ ވަރަށް މޫސުން ތަން ނުދިނުމުން ރާއްޖޭގައި މަޑު ކުރުމަށް ފަހު މަނަވަރު ފުރާފައިވަނީ މިއަދު ހެނދުނު އެވެ.

މި ދަތުރުގައި ރާއްޖޭގައި ތިބި588 އިންޑިއާ މީހަކު ގެންގޮސްފައިވެ އެވެ. މިދަތުރުގައި މަނަވަރު މަޑުކުރާނީ ކެރެލާ ސްޓޭޓްގެ ކޮޗިން ސިޓީއަށެވެ. އެ ސިޓީގައި މި މަނަވަރުގައި ދަތުރު ކުރި އެންމެން14 ދުވަހަށް ކަރަންޓީން ކުރާނެ އެވެ. އެމީހުން ނިސްބަތްވާ ސިޓީތަކަށް ދެވޭނީ އޭގެ ފަހުގައި އެވެ.

މިއީ ކަނޑުމަގުން އިންޑިއާ މީހުން ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން ބޭއްވި ތިން ވަނަ މަނަވަރެވެ. ފުރަތަމަ މަނަވަރުގައި698 މީހުން ގެންދިޔަ އިރު ދެވަނަ މަނަވަރުގައި200 މީހުން އަނބުރާ ގައުމަށް ގެންގޮސްފައިވެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އަނބުރާ ގައުމަށް ގެންދިއުމުގައި ބަލާނީ ވަޒީފާ ގެއްލިފައިވާ މީހުންނާއި، މާބަނޑު މީހުންނާއި ސިއްހީ ހިދުމަތް ހޯދުމަށް އިންޑިއާއަށް ދިއުން މުހިންމު މީހުންނަށެވެ. މިގޮތަށް މީހުން ގެންދާއިރު ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުން ނުދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ބާކީ ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވައިގެ މަގުންނެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޗެންނާއީ، ބެންގަލޫރު، މުމްބާއި އަދި ނިއު ދިއްލީ އަށެވެ. އެ ދަތުރުތަކުގައި އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި އެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންވެސް އެ ގައުމުތަކުން ދަނީ އަނބުރާ ގެންދަމުންނެވެ. މިހާތަނަށް ރާއްޖެއިން އިނޑިއާގެ99 މީހަކަށް ވަނީ ކޯވިޑް ޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް