މޫސުން ގޯސްވެ ކަނޑު ގަދަވެފައިވާއިރު މާލެއަށް އެރި އުދައިގާ ރަސްފަންނަށް ބޮޑެތި ގެއްލުންތަކެއް ލިބި ސުނާމީ ބިނާ މައިޒާނަށްވެސް ގެއްލުންތަކެއް ލިބިއްޖެއެވެ.
ރަސްފަންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ސަރަހައްދުގައި ޖަހާފައިހުރި ގިނަ ކުޑަތައް ހުރީ ވެއްޓިފައެވެ. ޖޯލިތައް ވެސް ހުރީ ވިއްސި ވިހާލިވެފައެވެ. އަދި އުދައިގެ އޮއެ ދެމުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ބިންގަނޑު ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފައި ހުއްޓެވެ.
ރާއްޖެއަށް މިހާރު ކުރަމުން މި އަންނަނީ ބޭ އޮފް ބެންގާލް ސަރަހައްދުގައި އުފެދިފައިވާ ވެލް ފޯމްޑް ޑިޕްރެޝަނަކުންނާއި ރާއްޖެއާއި ދުރުނޫން ހިސާބެއްގައި އުފެދިފައިވާ ލޯ ޕްރެޝަރެއްގެ ސަބަބުންނެވެ.
މިހާލަތުގައި ވައި ވަރަށް ގަދަވާނެ ކަމަށްލަފާކޮށް އިއްޔެ އޮރެންޖް އެލާޓް (އިންޒާރުގެ އެލާޓް)ވެސް ނެރުނެއެވެ.މިއީ ކްރިޓީރިއާތަކަށް ބަދަލުގެނައިފަހުން މޫސުމީ ކަމެއްގައި ރާއްޖޭގައި އޮރެންޖް އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ. ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ސަލާމަތީ މުއައްސަސާތަކުން އުލްތިމާކޮސްފައިވެއެއެވެ.
މޫސުން މި ވަގުތު ފެންނަނީ ކޮންމެވެސް ވަރަކަށް ސާފުކޮށެވެ. ނަމަވެސް ބެލެވޭގޮތުގައި ބޭ އޮފް ބެންގާލް ސަރަހައްދުގައިވާ ވެލް ފޯމްޑް ޑިޕްރެޝަން މިއަދުގެ ވަގުތެއްގައި ތުފާނަކަށް ބަދަލުވެގެންދާނެއެވެ. އެހެންވެއްޖެނަމަ އެ ތޫފާނަށް ކިޔާނެ ނަމަކީ ތޫފާން "އެމްފަން" އެވެ. މިއީ ބަންގްލަދޭޝް އިން ދޭ ނަމެކެވެ.
ތޫފާން އުފެދި ތޫފާނުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމުގައި ބެލެވެއެވެ. ނަމަވެސް މިސްރާބު ހުރީ ރާއްޖެއާއި ދުރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް