މުދާ ވިއްކާ ފިހާރަތަކަށް ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

މުދާ ވިއްކާ ފިހާރަތަކަށް ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. މާލޭގެ ލޮކްޑައުން އާއި ގުޅިގެން ވިޔަފާރި ކުރާ ފަރާތްތަކުން ޖެހެނީ ލޮކްޑައުންގެ މުއްދަތުގައި ވިޔަފާރި ކުރުމަށް ފުލުހުން ދޫކުރާ ވަ...

15 May 2020 | 20:31

މުދާ ވިއްކާ ފިހާރަތަކަށް ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މާލޭގެ ލޮކްޑައުން އާއި ގުޅިގެން ވިޔަފާރި ކުރާ ފަރާތްތަކުން ޖެހެނީ ލޮކްޑައުންގެ މުއްދަތުގައި ވިޔަފާރި ކުރުމަށް ފުލުހުން ދޫކުރާ ވަކި ހުއްދައެއް ނަގާށެވެ. އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ28 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން އެ ހުއްދަ ދިނުން ހުއްޓާލާފައިވާ ކަމަށެވެ.

އެކަމަކު މި މުއްދަތުގެ ތެރޭގައި މާލެ ޕޯޓުގައި، މުދާ ކްލިއަރކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑްއިން ކަނޑައަޅާ ފަރާތްތަކަށް ހުއްދަ ދޫކުރެވޭނެ އެވެ. މިގޮތަށް ނިންމި ސަބަބު އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައި އެއް ނުވެ އެވެ.

ބެލެވޭގޮތުގައި މިގޮތަށް ނިންމާފައިވަނީ މިމަހުގެ ފަހުކޮޅު ނުވަތަ ކުރިޔަށް އޮތް ދެ ހަފްތާއަކީ މާލޭގައި ކޯވިޑް-19 ގެ ސާޖަކަށް ދާނެ ދުވަސަރު ކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވާތީ އެވެ.

ފުލުހުންވެސް ވަނީ މިކަމަށް ތައްޔާރުވުމުގެ ގޮތުން ސިނަމާލޭ ބްރިޖު ރޭގަނޑު ދަންވަރު ބަންދު ކުރަން ނިންމާފައި އެވެ. އަދި ކުރިން ކޮންމެ ތިން ދުވަހަު އެއްދުވަހު ޒަރޫރީ ތަކެތި ގަތުމަށް ބޭރަށް ދިއުމަށް ދޫކުރާ ހުއްދަ ހަފްތާއަކު އެއްފަހަރު ދޭގޮތަށް ނިންމާފައި އެވެ.

ފުލުހުން ބުނީ މި ފިޔަވަޅުތަކަކީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ބާރު އެޅުމުގެ ގޮތުން އެޅި ހަރުދަނާ ފިޔވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް