އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދިފައިވާ ކަމަށް ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިހު ވިދާޅުވެއްޖެއެވެ.
އަލީ ޞާލިޙު މިހެން ވިދާޅުވީ، ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ވިދާޅުވީ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުނިތަކާއެކު އެކި ގޮތްގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް މިހާރު ގެނެވިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ރޯދަ މަސް ފެށުމާ ހަމައަށް 33 ރުފިޔާ އަށް ހުރި ޖީބީއެއްގެ އަގު މިހާރު މިއަދު ފަސް ރުފިޔާ ބަޔަށް ތިރިވެފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.
"މި ދައްކަނީ 1000 ރުފިޔާ އަށް 30 ޖީބީ ލިބެމުންދިޔަ ބަޔަކަށް، މިއަދު އެބަލިބޭ އެއްކަލަ 1000 ރުފިޔާ އަށް 180 ޖީބީ. މާނައަކީ ފަސް ރުފިޔާ ބަޔަށް ޖީބީއެއް މި ތިރިކުރެވެނީ. ގައުމުތަކާ އަޅާ ކިޔާލަންޖެހޭ، އަޅާކިޔާލާއިރު މިއޮތީ ބޮޑުތަނުން މިއޮތީ ކުރިއެރުން ހޯދިފައި" ހުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި އަލީ ވިދާޅުވިއެވެ.
މީގެއިތުރުން ކޯވިޑް-19ގެ ހާލަތުގައި ސަބްމެރިން ކޭބަލެއް ގެނެވުނު ހަމައެކަނި ގައުމަކީ ވެސް ދިވެހިރާއްޖެ ކަމަށާއި އެގޮތުން ރައްޔިތުންނަށް ހެޔޮ އަގެއް ލިބެން ފަށާއި އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަލީ ވިދާޅުވިއެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ވައުދު ފުއްދިފައިވާ ކަމަށް އަލީ ވިދާޅުވިއިރު، އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް