ރޯދައިގެ ނަސޭޙަތް 3: ރޯދަ ހިފުމުގެ މައިގަނޑު މަޤުޞަދަކީ ތަޤުވާވެރިވުން

ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ. މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަހުރެމެންނާ ބައްދަލުކޮށްފިއެވެ. މިބަރަކާތްތެރި މައްސަރު ބައްދަލުކުރާހިނދު، އެކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް ރަސޫލުﷲ ޞައްލަ...

16 Apr 2021 | 09:46

ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ. މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަހުރެމެންނާ ބައްދަލުކޮށްފިއެވެ. މިބަރަކާތްތެރި މައްސަރު ބައްދަލުކުރާހިނދު، އެކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާ ބަސްފުޅުތަކުގައި އެކުލެވިގެންވެއެވެ.

"ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. އެމަހުގައި ރޯދަ ހިފުން އެއީ ތިޔަބައިމީހުންގެ މައްޗަށް އޮތް ފަރުޟެއްކަމުގައި ﷲ ލެއްވިއެވެ. އެމަހުގައި ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ލެއްޕޭހުއްޓެވެ. އަދި ޝައިޠާނުން ކަސްތަޅު އެޅުއްވޭހުއްޓެވެ. އެއްހާސް މައްސަރުގެ ހެޔޮކަމަށްވުރެ ގިނަ ހެޔޮކަން އެކުލެވިގެންވާ ރެޔެއް އެމަހުގައި ވެއެވެ. އެރޭގެ ހެޔޮކަމުން މަހުރޫމުވެއްޖެމީހާ އެވަނީ ޔަގީނުންވެސް ހެޔޮކަމުން މަހުރޫމުވެފައެވެ."

ރަމަޟާން މަހު ރޯދަ ހިފުމުގެ މައިގަނޑު މަޤުޞަދަކީ ތަޤުވާވެރިވުންކަމަށްވާއިރު، ތަޤުވާގެ ހަގީގަތަކީ ކޮބައިކަން ކޮންމެ މީހަކަށްވެސް އެނގުން މުހިއްމެވެ. އާނއެކެވެ! އާދައެއްގެގޮތުގައި ކޮންމެ އަހަރަކުވެސް ރޯދަމަހު ދުވާލު ނުކައި ނުބޮއެ ތިބުމާއެކު، އާންމު މަސައްކަތްތަކުން ހިސާބަކަށް ދުރަށް ޖެހިލައި ފަސްވަގުތު މިސްކިތަށް އަރާލައި، ޤުރުއާނުން ތަންކޮޅެއް ކިޔަވާލައި ދުޢާ ޒިކުރުކުރުން އިހުނަށްވުރެ އިތުރުކޮށްލައި، ލިބުނީވިއްޔާ ޞަދަޤާތެއްކޮށްލައި، ކުޅަދާނަވިއްޔާ މީހަކަށް ހެޔޮފޯރުވާލައިދީ، މީހުންނަށް ޒުވާބުދިނުމާއި ނުރަނގަޅު ބަސްތައް ބުނުމުން ދުރުހެލިވެލައި، ކާތަކެތި އެއްކޮށްގެން ތިބެ އިރު ފެނުޖެހޭއިރަށް ލަސްނުކޮށް ރޯދަ ވީއްލައި، ކުޑަވަގުތުކޮޅަކަށްނަމަވެސް ރޭގަނޑުން ބައެއްގައި ހޭލައިހުރެ ހެއްދެވި ފަރާތަށް މުނާޖާ ދަންނަވައި، ލިބުނު އެއްޗަކުން ހާރުކާލައިގެން އަނެއްދުވަހުގެ ރޯދައަށް ތައްޔާރުވުމީ ރޯދަ ހިފުމެވެ. ﷲ ގެ އެންގެވުމަށް ތަބާވުމެވެ.

އެއްވެސް ޝައްކެއްނެތެވެ. ބުނެވިދިޔަ ހުރިހާ ސިފަތަކަކީވެސް ތަޤުވާވެރިންގެ ސިފަތަކެވެ. ތަޤުވާއަކީ އިޚުލާޞްތެރިކަމާއެކު އެންމެ ފުރިހަމަގޮތުގައި ﷲ އަށް ކިޔަމަންތެރިވުމެވެ. އެއީ އެކަލާނގެ ކުރަން އެންގެވި ކަންތައްތައް ކުރުމާއި، ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމެވެ.

ތަޤުވާވެރިވުމަކީ ﷲ ކުރަން އެންގެވި ކަންތައްތައް ކުރުމާއެކު ނަހީކުރެއްވި ކަންތައްތައް މުޅިން ދޫކޮށްލުމެވެ. އަދި ﷲ އަށް އީމާންވެ އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރުމެވެ. ނަމާދު ޤާއިމުކޮށް ރޯދަހިފައި ޒަކާތްދީ، ކުޅަދާނަވާނަމަ ޙައްޖުގެ އަޅުކަންވެސް އަދާކުރުމެވެ. މައިންބަފައިންނަށް ކަމޭހިތައި، އާއިލީ ގުޅުންތައް ދަމެހެއްޓުމެވެ. އަވަށްޓެރީންނާއި، ރައްޓެހިންނާއި، ދަންނަމީހުންނާއި، ނުދަންނަމީހުންނާއި، މުސްލިމުންނާއި، ޣައިރު މުސްލިމުންނާމެދުވެސް ހެޔޮ ގޮތުގައި މުޢާމަލާތްކުރުމެވެ. މީސްތަކުންނާމެދު ހިތް ހެޔޮކޮށް ރުޅިވެރިކަމާއި ހަސަދަވެރިކަމެއް ނުބޭއްވުމެވެ. ދޮގާއި މަކަރު ހެދުމާއި ނެތިމޮށުމާއި ދޮގު މަޢުލޫމާތު ފެތުރުންފަދަ ކަންކަމުން ދުރުހެލިވުމެވެ.

ރޯދަ ފަރުޟުކުރެއްވި މަޤުޞަދަކީ ﷲ އަށް ތަޤުވާވެރިވުންކަމަށްވާތީ، ރޯދަވެރިޔާއަކީ އޭނާގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ހެޔޮ ޢަމަލުތަކެއް ކުރުމާއެކު ނުބައި ކަންތައްތަކުން ދުރުހެލިވެގެން ހުންނަ މީހަކަށް ވާންޖެހޭނެއެވެ. މާތް ﷲ އަންގަވާފައިވާގޮތަށް ފުރިހަމައަށް ރޯދަ ހިފައިފިނަމަ ނަތީޖާއަކަށްވާނީ އެމީހަކީ ތަޤުވާގެ ސިފަ ލިބިފައިވާ މީހަކަށްވުމެވެ. ތަޤުވާގެ މަތިވެރި ސިފަ ލިބިއްޖެނަމަ ނަތީޖާއަކީ ނިކަން ގިނަ ދަރުމައާއި ސަވާބު ލިބި ދެދުނިޔޭގެ ކާމިޔާބު ލިބުމެވެ.

އަހުރެމެން ފުރިހަމަކުރަމުން މިދާ ރޯދައިގެ އަޅުކަން ފަރުޟު ކުރައްވާފައިވަނީ މި މަތިވެރި ސިފަ ލިބިގަތުމަށެވެ. އާނއެކެވެ! ރޯދަ ފަރުޟުކުރެއްވެވީ އޭގައި ހުރިހައި ހެޔޮކަމެއް އެކުލެވިގެންވާ އެންމެ މަޤުޞަދަކަށްޓަކައެވެ. އެއީ ތަޤުވާގެ މަޤުޞަދެވެ. ރޯދަ ހިފަންވާނީ ހުރިހާގޮތަކުންވެސް އެ މަޤުޞަދު ހާސިލުކުރެވޭނެ ގޮތަށެވެ. ރޯދަ ފަރުޟު ކުރެއްވި ފަރާތުން ކަނޑައަޅުއްވާފައިވާ މަޤުޞަދު ހާސިލުނުވާގޮތަށް ހިފާ ރޯދައިން ކުރާނެ ފައިދާއެއްނޯންނާނެއެވެ!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް