މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ކަރަންޓީނުވުމަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ހާލަތްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނީ ރަށުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޯވިޑް19 ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.
އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ އެވެ. އެފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ.
އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ އެވެ.
މި އެންގުމަށް އަމަލުކުރަން ފެށުމާއެކު، ރަށެއްގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޖެހިފައިވާ ރަށްރަށާއި، ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށް ރަށްރަށާއި، ސާމްޕަލްގެ ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށްރަށް، އެޗްޕީއޭ އިން އާންމު ކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖެ ލޮކްޑައުން ކުރިތާ މިއަދަށް އަހަރެއް ވެފައިވާއިރު، ލޮކްޑައުން ކުރި ފަހުން ކަރަންޓީނާ ނުލައި ރަށްރަށަށް ދެވިފައިވަނީ ހަމައެކަނި ހާއްސަ ހުއްދައިގެ ދަށުން ވަކި މުއްދަތަކަށެވެ. އެހެން ނޫން ނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެ އެވެ.
ރަށަކުން މާލެ އައުމަށް ފަހު އެނބުރި ރަށަށް ދިޔަ ނަމަ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް