ސިލްސިލާ ވާހަކަ: ޒާރާ – ނުވަދިހަވަނަ ބައި

ގޮނޑީގައި އިށީންނަންކަމަށް ހަދާފައި ކޮއްލި ހަރަކާތަކާއެކު މޭޒުމަތީގައި އޮތް ފޯނުގައި ޒާރާގެ އަތުން ޖެހި ވިއްސައިގެން ދިޔައެވެ. އެއީ ޒާރާ ގަސްދުގައި ކުރި ހަރަކާތެއް ނަމަވެސް ފަހުދަށް އެކަން އެނގޭނީ ކިހ...

15 Apr 2021 | 19:53

ގޮނޑީގައި އިށީންނަންކަމަށް ހަދާފައި ކޮއްލި ހަރަކާތަކާއެކު މޭޒުމަތީގައި އޮތް ފޯނުގައި ޒާރާގެ އަތުން ޖެހި ވިއްސައިގެން ދިޔައެވެ. އެއީ ޒާރާ ގަސްދުގައި ކުރި ހަރަކާތެއް ނަމަވެސް ފަހުދަށް އެކަން އެނގޭނީ ކިހިނެތ ހެއްޔެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ފަހުދު ގުދުވީ ފޯނު ނަގާށެވެ.

ފުރުސަތުގެ ބޭނުން ހިފާ ޒާރާ މޭޒުމަތީގައި ހުރި ދެތަށި ކޮފީ ބަދަލު ކޮއްލިއެވެ. މޭޒަށް އެރި ލޮޅުމުގައި ކޮންމެވެސް ވަރަކަށް ދެ ތަށިންވެސް ބޭރަށް އެޅިފައި ހުއްޓެވެ. ފަހުދު ފޯނު ނަގައިގެން ހިންދެމިލި ވަގުތު އިމްރާން އައިސް ހުއްޓުނެވެ. އަތުގައިވާ ހޫނު ކޮފީތަށި ޒާރާގެ ކުރިމަތީގައި ބަހައްލުމަށްފަހު އިށީނދެ ކޮފީ ތަށިން އެތިފޮދެއް ބޯލިއެވެ. ފަހުދު ވެސް ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ސިނގިރެޓެއް ރޯކުރުމަށްފަހު ކޮފީ ތަށިން ކޯވަރެއް ބޯލިއެވެ. ޒާރާގެ ތުންފަތުގައި އެވަގުތު ދުވެލީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

ޒާރާގެ ހަމަހިމޭން ކަމުން އިމްރާނަށް އުނދަގޫވަމުން ދިޔަ ނަމަވެސް ފަހުދު އިނީ ނިކަން ހަމަޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. ފަހުދު ޔަގީންކޮށްގެން އެއިނީ އޭނާ ބުނި ހުރިހާ ގޮތެއް ޒާރާ ހަދާނެ ކަމަށެވެ. އަނެއްކޮޅުން ޒާރާގެ ހަމަހިމޭން ކަމަކީ އޭނާ ގަބޫލު ކުރާގޮތުގައި ދެންމެ އޭނާ ދެއްކި ވާހަކައާ  ގުޅިގެން އައި ހަމަހިމޭން ކަމެކެވެ.

ބައިގަޑިއެއްހާ އިރު ހޭދަވެގެން ހިނގައްޖެއެވެ. ފަހުދުވެސް ކޮފީތަށި ހުސްކޮއްލުމަށްފަހު ފެންތައްޓެއް ބޯލިއެވެ. އޭރުވެސް އިމްރާނު އިނީ ލަސްވެފައެވެ. ޒާރާއާ އެކު ވަގުތު ހޭދަކޮއްލަން ކެތްމަދުވެފައެވެ.

''ކޮބާ ވަންނަންވީދޯ............ '' އިމްރާން ފޯނުގެ ސްކްރީން ދިއްލާލަމުން ގަޑިބަލާލިއެވެ.

''ލަސްވީ ދޯ....... ވާނީވެސް އެހެން......... ތިހާ ރީތި ބާބީއެއް ލިބިފައޮތްނަމަ ....... މަށަށްވެސް ވާނީ ތިވަރު......... ކެތްވަނީކީ ނޫން ދޯ..........ހެހެ........'' ފަހުދު ސަމާސާ ރާގުގައި ހިނިގަޑެއް ޖަހާލިއެވެ. ޒާރާގެ މޫނަށް ކަތިނަޒަރެއް ދޫކޮއްލަމުންނެވެ. ލޮލުން ދިން މެސެޖް ޒާރާއަށް އެނގުނު ނަމަވެސް އެނގޭކަމަށް ހަދާކަށް އޭނާ ބޭނުމެއް ނޫނެވެ.

''އެއްކަލަ ފަހުދު........... ފަހަރި ލަދުގަންނާނެ އިނގޭ......... އެންމެން ނުވާނެ އަހަރެން ހެނެއް...........ދޯ ޒާރާ.........'' އިމްރާން ބަލާލީ ޒާރާގެ މޫނަށެވެ.

''ހެހެ.......... ތެދެއްތަ.......... ފަހަރި ލަދުގަނޭތަ.........ހިޔެއްނުވޭ.........'' ސަމާސާ ރާގެއްގައި ބުނި ނަމަވެސް ޒާރާއަށް ފަހުދު އެ ބުނި އެއްޗެއްގެ މާނަ ވަރަށް ރަނގަޅަށް އެނގުނެވެ.

''އިންމަ ނިންޖެއް ނާދޭތަ؟...........'' ފަހުދަށް ސުވާލު ކޮއްލެވުނެވެ. އޭނާއަށް އެކުރެވުނީ ކުރަން ނުޖެހޭ ސުވާލެއް ކަންވެސް އެނގެއެވެ. އެހެންނަމަވެސް އަހާނުލާ ކެތް ނުވީއެވެ. އިމްރާނުގެ ކިބައިން އޭނާ އުންމީދު ކުރިފަދަ އެއްވެސް އަލާމާތެއް ނުފެންނާތީއެވެ.

''ނިދި އަންނާނީ ފަހުދު..........'' މަޑުމަޑުން އިން ޒާރާ އެބުނި އެއްޗަކުން ފަހުދަށް ތެޅިގަނެވުނެވެ. ފާޑަކަށް ސިހިގެން ދިޔައެވެ. ޒާރާގެ މޫނަށް ފަހުދު ބަލާލިއެވެ. އެ ބެލުމުގައި އެތަކެއް ސުވާލެއް އެކުލެވިފައިވާހެއް ޒާރާއަށް ހީވިއެވެ.

''މިބުނީ ބުރަކޮއް އުޅޭމީހުނޭ އަވަހަށް ނިދިއަންނާނީ.........އެހެންނޫނަސް ތިބާވަތުގެ ކޮފީބުއީމަ ނިދި އަންނާނެ........ ބޮލުގައި ވެސް ރިއްސާނެ........... ނޫންތަ...........'' ފަހުދާ ހަތަރުކަޅި ހަމަކޮއްލަމުން ޒާރާ ހިނިތުންވެލިއެވެ. ކާމިޔާބުގެ ހިނިތުންވުމެކެވެ.

ފަހުދުގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އިންތިހާއަށް ޒާރާ ދެކެ ރުޅިއައެވެ. އެފަދަ އޮޅުވާލުމެއް ޒާރާ އޭނާއަށް އޮޅުވާލަފާނެ ކަމަކަށް ހީކުރެވިފައިވެސްނެތެވެ.

މާ ގިނައިރެއް ނުވިއެވެ. ކުއްލިއަކަށް ފަހުދުގެ ބޮލުގައި ރިއްސަން ފެށިއެވެ. ރިހުން ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިދި އަންނަންފެށިއެވެ. ބޭއިޚްތިޔާރުގައި ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ގައިން ވަރު ދޫވާހެން ހީވަނީއެވެ.

އިންތަނުން ތެދުވުމާއެކު ފަހުދު އަރިއަޅާލިއެވެ. ގާތުގައި ހުރި އިމްރާނު އޭނާގެ ގައިގައި ނުހިފެހެއްޓިނަމަ ވެއްޓުނީސްކަން ނޭނގެއެވެ.

ފަހުދު ވަގުތުން ރުޅިގަދަވިއެވެ. އަތުން ޖަހާ ކޮފީމޭޒުމަތީގައި ހުރި ތަށިތައް ބުރުވާލިއެވެ.

''އޭތް..... ފަހުދު........... ހަމަޖެހިބަލަ......... ކިހިނެތްތަ ތިޔަވަނީ............'' އިމްރާނު ހާސްވެ ކަންބޮޑުވީ ފަހުދުމެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލާ އޭނާގެ ތަބީއަތަށް އައި ބަދަލު ފެނުމުންނެވެ.

''އަހަރެން ކޮޓަރިއަށް ގެންގޮސްދީ......... '' ފަހުދު ނިކަން އުނދަގުލުން ވާހަކަ ދެއްކިއެވެ. އަނގައިގައި އެއްވެސް ވަރެއް ނެތް ކަހަލައެވެ. ހީވަނީ އަމަލުވެފައިވާ މީހެއް ހެނެވެ. އޭރުވެސް އޭނާގެ ދެއަތުން ވަނީ ބޮލުގައި ހިފަހައްޓާލާފައެވެ. ދެލޯ ހުޅުވައިގެން ހުރުން ވަނީ އޭނާއަށް ދަތި ކަމަކަށް ވެފައެވެ.

''އާދޭ ޒާރާ.......... '' ފަހުދު އަތުލަފިކޮއްގެން ހިނގައިގަންނަމުން އިމްރާން ގޮވާލިއެވެ. ޒާރާ ދާން ބޭނުން ނޫނަސް އިތުރު ގޮތެއް ނެތެވެ. ވަގުތާ ހާލަތުގެ ގޮތުން އިމްރާން އެބުނި ބުނުމަށް އިޖާބަ ދިނުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި އޭނާއަށް ގަބޫލު ކުރެވުނެވެ.

ނިކަން އަވަހަށް އިމްރާގެ އެހީތެރިކަމާއެކު ފަހދުގެ ކޮޓަރިއަށް އޭނާ ގެންދިޔައެވެ.

''ޒާރާ މަޑުކުރޭ......... އެބައަންނަން މަންމައަށް ގޮވާފަ.......... ފަހުދު މިހާލުގަ ދޫކޮއްލާކަށް ނުވާނު..........'' އިމްރާން ކޮޓަރިން ނިކުމެގެން ދިޔައެވެ. ވަގުތުން ފަހުދު ލޯ ހުޅުވާލިއެވެ. ގަދަކަމުންނެވެ.

''ޒާރާ .........ކަލޭ ހަ...........ދާން......... ކުރާ........ތި..........  ބަދަލު...... ހިފާނަން........ މިތަ...ނުން........ ނިކު.............'' ފަހުދަށް ބުނެވުނީ އެހިސާބަށެވެ. އޭނާގެ ލޯ މެރިއްޖެއެވެ. އެއްވެސް ހަރަކާތި އެ ހަށިގަނޑު ހަމަހިމޭން ވެއްޖެއެވެ.

ޒާރާއަށް ހުރެވުނީ ފަހުދުގެ މޫނަށް ބަލާށެވެ.

''ތީ ނުބައި ނުލަފާ އިންސާނެއް......... އެހެންމީހުން ވައްޓާލަން ކޮންނަ އަނދަވަޅަށް ތިމާ ވެއްޓުނުލަތް ލަސްތަ........އިރާދަ ކުރެއްވިއްޔާ އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު  އިމްރާނުގެ މައްޗަށް ކަލޭނގެ ނުބައި ހިޔަނިވެސް އެޅުނަކަ ނުދޭނަން.........'' ޒާރާ ހިތާހިތުން ކިޔާލިއެވެ.

މާ ގިނައިރެއް ނުވެ އިމްރާނާއެކު ސަރީފާވެސް ކޮޓަރިތެރެއަށް ވަނެވެ.

''ކިހިނެތްވީ ފަހުދަށް............'' ސަރީފާ ބަލާލީ ޒާރާގެ މޫނަށެވެ. ސަރީފާ ހުރީ ނުހަނު ކަންބޮޑުވެފަކަން އޭނާގެ މޫނު ފެނުނު ކޮންމެ މީހަކަށް ދޭހަވާވަރުވެއެވެ.

''މާބޮޑުކަމެއް ނުވޭ........... ފަހުދު ބޭނުންކުރި ބޭހެއްގެ ސަބަބުންކަމަށް ދެންމެ ބުނީ.......... މާބޮޑަށް ނިދި އައީޔޯ.........'' ޒާރާ ހެދީ ދޮގެކެވެ. އެއީ މަސްލަހަތަށް ވިސްނާފައެވެ. އެކަން ހިނގިގޮތް ބުނެވެން ނެތީމައެވެ.

''އެހެންތަ............ މަންމަ މަޑުކޮއްލާނަން މިކޮޓަރީގަ........... ދަރިފުޅުމެން ދެން ދޭ ނިދާލަން............'' ސަރީފާ ސޯފާގައި އިށީންނަމުން ނުހަނު ލޯބިން ބުނެލިއެވެ.

''މަންމަ ވެސް ދެން ދޭ ނިދަން........... ރަނގަޅުވާނެ މިތާ މަންމަ މަޑު ނުކުރިޔަސް............ ނިދާލާފަ ހޭލާއިރު ފަހުދު ހުންނާނީ ހަމަޔަކަށް އެޅިފަ.............'' ޒާރާ ހިތްވަރު ކޮއްފައި ވާހަކަދެއްކިއެވެ.

''ތެދެއް މަންމާ......... މަންމަވެސް ދޭ ދެން ނިދަން......... ޒާރާއަށްވެސް މިކަލަ ކަންތައްތައް އަލެއް ނުވާނެ އެއްނު ........... މީ ނުލާހިކު މޮޅު ނަރުހެކޭ މަންމާ..........'' އިމްރާން ނުހަނު ލޯބިން ޒާރާ ގާތްކޮއްލަމުން ހިނިތުންވެލިއެވެ. ފަޚުރުވެރި ކަމާއެކުގައެވެ. ނުހަނު އޯގާތެރިކަމާ އިހްތިރާމާ އެކުވެސް މެއެވެ.

********

ޒާރާ އޭނާގެ ލޯބިވާ ފިރިމީހާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލުމަށްފަހު ނިދުނު ވަގުތެއް ޒާރާއަކަށް ނޭގުނެވެ. ހިތާ ހަށިގަނޑަށް ލިބުނު ހިތްހަމަ ޖެހުމާއެކު އިމްރާނުގެ މޭގައި ބޯއަޅާލައިގެން އޮވެ ނުހަނު އަވަހަށް އޭނާއަށް ނިދުނެވެ.

އޭނާ ސިއްސައިގެން ދިޔައީ ފަހުދު އައިސް އޭނާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ. ފަހުދުގެ މޫނު ހުރީ ރުޅީގެ ސަބަބުން ރަތްވެފައެވެ. އެ ދެލޮލުން އަލިފާން ކަނި ބުރަމުން ދާކަހަލައެވެ.

''ކަލޭތީ ހާދަ މަކަރުގަދަ އަންހެނެކޭ ދޯ.......... ތިހެން އިމްރާނު ގާތުގަ ނިދަން އޮންނާކަށް ލަދެއް ނުގަނޭތަ............ އާދޭ މަށާއެކު............'' ފަހުދު ހަޅޭލަވައިގަތެވެ.

ޒާރާގެ އަތުގައި ހިފާ ދަމާ އެނދުން ނެގިއެވެ. ޒާރާއަށް ބަލާލެވުނީ އިމްރާނާ ދިމާއަށެވެ. އޭނާ ނުހަނު އަރާމުގައި ނިދާފައި އޮތެވެ.

''ކަލޭ ހީކުރީ ތިހެން މަށަށް ލަނޑުދީފަ އުފަލާ އަރާމުގަ ނިދަން އޮވެވޭނެ ކަމަށްތަ؟......... މިރޭ ކަލޭ މަރާލާނަން........... ލާހިކެއް ނޫން ދެން އެންމެ ނޭވާއެއްވެސް ލާކަށް........... މަށަށް ޒަހަރު ދީފަ ނުކެރޭނެ ދިރިހުންނާކަށް..............'' ފަހުދު ޒާރާގެ ކަރުގައި ދެއަތުން ހިފިއެވެ. އޭނާގެ އިނގިލިތަކުން ކަރަށް ފިއްތަމުން ދިޔައިރު ޒާރާގެ ނޭވާ ހާސްވަމުން ދިޔައެވެ. ދެލޯބޮޑުވެ ނޭވާނުލެވި ތެޅިފޮޅެން ފެށިއެވެ. ދެއަތުން ފަހުދުގެ އަތް ކަރުން ނައްޓާލެވޭތޯ ޒާރާ ކުރި މަސައްކަތް ދިޔައީ ބޭކާރުވަމުންނެވެ.

----------------------------------------------------------

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 20 އޭޕްރީލް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް