ސިއްހި މާހިރުންގެ މަސައްކަތް ފަނުފުލުން، ބަލި ފެތުރުނީ ޕާޓީ ކުރުމާ މަސްދަތުރަކުން!

ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގެ މުޖުތަމައުގައި ފެތުރިދާނެތީ ބިރުން، ބަލި ރާއްޖެއަށް ފެތުރުނަ ނުދިނުމަށް ސިއްހީ ހިދުމަތްތެރިން ރެއާ ދުވާލު ނުނިދާ މަސައްކަތް ކުރާތާ މިއީ ހަތަރު ވަނަ މަހެވެ. ސިއްހީ...

16 Apr 2020 | 18:12

ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގެ މުޖުތަމައުގައި ފެތުރިދާނެތީ ބިރުން، ބަލި ރާއްޖެއަށް ފެތުރުނަ ނުދިނުމަށް ސިއްހީ ހިދުމަތްތެރިން ރެއާ ދުވާލު ނުނިދާ މަސައްކަތް ކުރާތާ މިއީ ހަތަރު ވަނަ މަހެވެ.

ސިއްހީ ތަޖުރިބާރާކުންގެ ޓީމް ކަމަށްވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބޭނުންވާ ވަރުގަދަ ފިޔަވަޅުތަކެއް ސަރުކާރަށް ޖެހުނީ އަޅައިދޭށެވެ. ޓެގް ގެ އެދުމުގެ މަތިން ސްކޫލްތަކާއި ކޮލެޖު، ޔުނިވަސިޓީތަކުގެ އިތުރުން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި އޮންނަތާ މަހެއް ވަނީ އެވެ.

ބޭނުމަކީ އެންމެ ބޭނުމެކެވެ. ހުރިހާ ކަމަކަށް ގައުމުން ބޭރަށް ބަރޯސާ ވާން ޖެހިފައިވާ މި ކުޑަ ރާއްޖޭގައި ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމެވެ.

އިއްޔެ އާއި ހަމައަށް ބެލެވިފައި އޮތީ ރާއްޖެއަށް ކޯވިޑް-19 އަންނާނީ ޓޫރިސްޓުންގެ ފަރާތުންނާއި ރާއްޖެ އައިސް ކަރަންޓީން މުއްދަތު ހަމަ ކުރަމުންދާ ދިވެހިންގެ ފަރާތުން ކަމަށެވެ. އަދި ކޮންމެސް ވަރަކަށް އެޗްޕީއޭއިން އެކަން ގަބޫލް ކުރާފަދަ ގޮތަކަށް އާންމުންގެ މެދުގައި ބަލި ފެތުރޭތޯ ޔަގީން ކުރުމަށް ދިރާސާއެއް ކުރުމަށް ތައްޔާރުވި އެވެ.

އެކަމަކު އެ ދިރާސާއަށް އެންމެ މީހެއްގެ ސާމްޕަލް ނުނެގިގެން އުޅެނިކޮށް މި ޖެހުނީ މާލެ ތެރެއިން އެއްވެސް ގުޅުމެއް ނެތް މީހަކަށް ވައިރަސް ޖެހި އެމީހާ އާއި ގުޅުން ހުރި އެތައް ބައެއްގެ ސާމްޕަލް ނަގައި ވައިރަހަށް ޓެސްޓު ކުރާށެވެ. އިއްޔެ ފުރަތަމަ ޕޮސިޓިވްވި މިހާ އާއި ގުޅުން ހުރި ދެ މީހަކު ވަނީ މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވް ވެފައި އެވެ. އޭގެ ތެރޭގައި އެ އަންހެން މީހާގެ ކުޑަ ދަރިފުޅުވެސް ހިމެނެ އެވެ.

ހިތާމައިގެ ކޮޅެއް ނެތެވެ. ޓެގް ޓީމާއި ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކަށް ލިބިގެންދިޔައީ ހައިރާން ކަމެކެވެ. މިވަރަށް ދިވެހިން ބުނާ ބަސް ނާހާނެ ކަމަކަށް ގަބޫލް ކުރަން ދަތިވެގެންނެވެ.

މިހާތަނަށް މާލެއިން ފެނުނު ފުރަތަމަ ކޭސް އާއި ގުޅުން ހުރި207 މީހަކު ވަނީ ފާހަގަ ކުރެވިފައި އެވެ. އޭގެ ތެރެއިން75 މީހުންނަކީ ބަލިޖެހިފައިވާ ކަމުގެ ނުރައްކާތެރިކަން ބޮޑު މީހުންގެ ގޮތުގައި އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައި އެވެ.

މީގެ އިތުރުން އެމީހާ އާއި ގުޅުން ހުރި މީހުން ތިބިކަމަށް ބެލެވޭ22 ގެއެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ. އެ ގޭގެއަށް މީހުން ވަދެ ނުކުމެވުމަކީ މަނާ ކަމެކެވެ.

ކޭސް21:

ހައި ރިސްކް ކޮންޓެކްޓްސް: 75 މީހުން

މީޑިއަމް ރިކްސްކް ކޮންޓެކްޓްސް: 43 މީހުން

ލޯ ރިސްކް ކޮންޓެކްޓްސް: 89 މީހުން

ޖުމްލަ: 207

ކޭސް23:

ހައި ރިސްކް: ހަތް މީހުން

މީޑިއަމް ރިސްކް: 28 މީހުން

ޖުމްލަ: 35 މީހުން

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މާލެއިން ޕޮޒިޓިވްވި މީހުންނާ ސީދާ ގުޅުން ހުރި މީހުން އިންތިހާއަށް ގިނަވީ އިރުޝާދުތަކަށް ތަބާނުވެ، ޕާޓީތައް ބޭއްވުމާއި މަސްދަތުރު ދިއުން ފަދަ ކަންތައްތައް ކޮށްފައި ވާތީ ކަމަށެވެ. އެގޮތަށް އަމަލުތައް ނުބަހައްޓައި، އިޖްތިމާއީ ގައިދުރުކަމުގެ އުސޫލުތަކަށް އަމަލުކުރި ނަމަ ކޯވިޑަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި މީހުން އެހާ ގިނަ ނުވީސް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ބެލި ބެލުމުން މާލެއިން ޕޮސިޓިވްވި ފުރަތަމަ މީހާ ކަމަށްވާ ކޭސް21 އާއި23 ވަނީ ޕާޓީތައްކޮށް، މަސްދަތުރެއް ގޮސް، މާލެތެރޭގައި ބުރުޖެހުމުގެ އިތުރުން ގިނަ ގެތަކަކަށް ވޭތުވެދިޔަ ފަސް ވަރަކަށް ޒިޔާރަތް ކޮށްފައި އެވެ.

މީގެ އިތުރުން ކޭސް21 އައި22 ކަމަށްވާ ދަރިފުޅު ބޮޑެތި އެއްވުންތަކަށް މިދިޔަ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ގޮސްފައިވެ އެވެ. އެހެންވެ މިހާރު އެޗްޕީއޭއިން އެދެނީ އެ ތިން މީހުންނާއި އެކު އެއްވެސް ތަނަކަށް މިދިޔަ ދެ ހަފްތާ ތެރޭގައި ދިޔަ މީހުން އެޗްޕީއޭގެ ހޮޓްލައިނަށް ހުޅައި އެންގުމަށެވެ.

ދިވެހިންނަށް ސިއްހީ މާހިރުން ދެއްކި ވާހަަތައް ގަބޫލް ކުރަން ދަތިވީކަން މިއަދު ޔަގީން ވެއްޖެ އެވެ. ހިތާމައަކީ މާލެއިން ބަލި ޖެހުނު މީހާއާއި ގުޅުން ހުރި މީހުންގެ އަދަދަކީ އެޗްޕީއޭއިން އަންދާޒާ ކުރިވަރަށް ވުރެ މާބޮޑު އަދަދެކެވެ.

ދެންވެސް ވިސްނާލާ ގޭގައި މަޑުކޮށްލަން ހިނގާށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވިސްނަންވީ ރާއްޖެއިން ތައްޔާރުވަމުން ދަނިކޮށް ބަލި ފެންނަ ދެ މަހެއްހާ ދުވަސް ނެގި ކަމެވެ. ދެން ވިސްނާލަންވީ ބަލި ފެނުނުތާ40 ދުވަސް ފަހުން އާންމުންގެ ތެރޭގައި ބަލި ފެތުރެން ފެށި ކަމެވެ.

ނުރައްކާތެރި ހާލަތަށް ކޯވިޑް-19 ގައި ރާއްޖެ ނުދަނީސް ފަރުދީ ޒިންމާ އަދާކޮށް، ބަލިން ރައްކާތެރިވުމަސް ފިޔަވަޅު އަޅާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް