ކޯވިޑް-19 އަށް މާލެއިން ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ތިން މީހުންކުރެ މީހަކާ ދިމާވެފައިވާ ފަރާތްތަކުން އެކަން 1676 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭއިން އެދިއްޖެއެވެ.
މާލެއިން މީހަކު ޕޮޒިޓިވް ވިކަން އެޗްޕީއޭއިން އެންމެ ފުރަތަމަ އިއުލާނުކުރީ އިއްޔެ ހެނދުނުގެ ވަގުތުގައެވެ. އެމީހަކީ މ. ޖަރީމާގޭގައި ދިރިއުޅޭ އަންހެނެކެވެ. އެއީ ޕޭޝަންޓް21 އެވެ. އެއަށްފަހު ދެން ޕޮޒިޓިވްވެފައިވަނީ އެ އަންހެންމީހާގެ ދަރިފުޅެވެ. އެއީ ޕޭޝަންޓް22 އެވެ. އަދި އެއަށްފަހު ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް23 އަކީ ޕޭޝަންޓް21 އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އޭގެން މީހަކާ ދިމާވެފައިވާނަމަ އެކަން 1676 އަށް ގުޅައިގެން އަދި [email protected] އަށް މެއިލްކޮށްގެންވެސް ހިއްސާ ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު އެޗްޕީއޭއިން ހާމަކުރި މައުލޫމާތަށް ބަލާއިރު ފަސް ދުވަހުގެ ތެރޭގައި ޕޭޝަންޓް21 އާއި ކޮންޓެކްޓްވި 305 މީހަކު ވަނީ އެކަހެރކޮށްފައެވެ. އަދި އެމީހުންގެ ތެރޭގައި ހައި ރިސްކް އަދި މީޑިއަމް ރިސްކްގައި ހިމެނޭ 157 މީހަކު ހިމެނޭ ކަމަށާއި ލޯ ރިސްކް ކެޓަގަރީގައި 71 މީހަކު ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި 89 މީހަކު ގޭގައި އެކަހެރިކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް ވިދާޅުވީ ޕޭޝަންޓް21 އާއި ގިނަ މީހުން ދިމާވެފައިވަނީ މަސް ދަތުރު ދިޔުމާއި ޕާޓީފަދަ ތަންތަނަށް ދިއުމުން ކަމަށެވެ. އަދި ކުރިންވެސް އެ ފަދަ ކަންކަން ކުރިއަށް ނުގެންދިއުމަށް އިލްތިމާސްކޮށްފައިވާނެކަން މަބްރޫކް މިއަދު ފާހަގަކުރިއެވެ.
މާލެއިން ކޯވިޑް-19 ފެނުމާއެކު މާލޭގައި އިއްޔެ ވަނީ 24 ގަޑިއިރަށް ލޮކްޑައުން އިއުލާނުކޮށްފައެވެ. އަދި މިއަދު ވަނީ ލޮކްޑައުންގެ ވަގުތު އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް