(2 ވަނަ ބައިގެ ތެރެއިން)
"އޭތް މަންޖޭ! ހާދަ އަތްމަތި އަވަހޭ ދޯ..؟ އަހަރުންނަށްވުރެ ފަހުން އައި މީހެކޭ ބަލަ އެއީ!" ފިއްޓޭ އާދައިގެ މަތިން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެންނާއި ދިމާކޮށްލިއެވެ.
"މިރޭ އޭނަ ދޯ ސެޓުވީ؟... އާން އޯކޭ އޯކޭ... ކުރިއަށް..! އަހަރުން ތިބޭނަށް ތި ސްޕެގެޓީގަނޑު ގެނެވެންދެން ..ދޯ ފިއްޓޭ؟.."
އައްމަޑޭ މިހެން ބުނުމުން އަހަރެން ވަރަށް ރުޅިއައެވެ. ރުޅިއައިކަން އެންގުމުގެ ގޮތުން އައްމަޑޭ އާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ލޯ އަޅާލީމެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ އެ ޒުވާނާ އައްމަޑޭ އާއި ދިމާލަށް ވަރަށް ރުޅިއައިސްގެންދިޔަތަނެވެ.
++++++++++++++++++++
އަހަރެން އެނބުރި އަންނާނަން! ... (3 ވަނަ ބައި)
" ކަލޭމެން މިތަނަށް އަންނަނީ މިތާ ތިބޭ މުވައްޒަފުންނާ ފޮށެންތަ؟ ކަލެއަކާ ބެހޭ ކަމެއްނޫނޭ އެއީކީ އޭނައާމަށާ ކޮންމެ ކަމެއް ކުރިއަސް! ދެން ނިކަން ކަލޭމެން އޭނައާއި ބެހިބަލަ! ވާގޮތެއް ބަލާލަން!"
މިހެން ބުނުމަށްފަހު އެޒުވާނާ ކައުންޓަރަށް ފައިސާދެއްކުމަށްފަހު ކެފޭއިން ނިމުމެގެން ވަރަށް ބާރަށް ހިނގައްޖެއެވެ.
އަންމަޑޭމެންވެސް އިތުރު އެއްޗެއް ނުބުނެ ފާޑަކަށް ތިއްބެވެ. އަހަރެން އެޒުވާނާ އިން މޭޒު ސާފުކުރަން ދިޔައިރު އޭނާ އޯޑަރުކުރި އަލަނާސި ޖޫސްތަށި ހުރިގޮތަށް ހުއްޓެވެ.
+++++++++++++++++++++++
ކޮންމެއަކަސް މިވީ ކަންތަކުން އަހަރެންނަށް ޙައިރާންކަމެއް ލިބުނެވެ. ސަބަބަކީ މި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އަހަރެންނާއި ދިމާކޮށް ފޮށެ ހަދާ ބަޔާކާއި ދިމާލަށް އަހަރެންގެ ދިފާޢުގައި އެއްޗެކޭ ބުނާނޭ މިހަކު ނުވާތީއެވެ. ކުޑަމިނުން ކެފޭ ބޮޑުމީހާއަށް ވެސް އެކަން އެނގިހުރެމެ، އެއްޗެކޭ ނުބުނާތީއެވެ.
+++++++++++++++++
އޭގެ ހަފްތާއެއްފަހެވެ. އަހަރެންގެ އޮފް ދުވަސްކަމުން ލީޝާ އާއި އެކީ އަހަރެން ފިހާރައަކަށްގޮސް ހުއްޓާ އަހަރެންނަށް ފޯނެއް އައެވެ. ނުދަންނަ ނަންބަރެއް ވިޔަސް ފޯނު ނެގުމަށް އަހަރެންގެ ހިތް އެދުނެވެ.
"ހަލޯ..އިފާތަ؟ އެކޮޅުން ބުންޏެވެ.
" އާން.. އިފާ.. ތީ ކާކު.." އަހެރެން ޙައިރާންކަމާއެކު ބުނީމެވެ.
"މީ.. މީރައްޓެއްސެއް" އެކޮޅުން އަނެއްކާވެސް ބުންޏެވެ.
" އިފާގެ ނުތިބޭނެ ފިރިހެން ރައްޓެހިންނެއް" އަހަރެން ގަޔާނުވާ ކަން ދެއްކުމުގެ ގޮތުން މިހެން ބުނުމަށްފަހު ފޯނު ބޭއްވީމެވެ.
+++++++++++++++
އެރޭއަހަރެންނަށް އެ ފޯނުކުރި މީހާއާއި ދޭތެރޭވިސްނެން ފަށައިފިއެވެ. ކާކުބާއޭ ހިތަށް އެރިއެވެ. ހާދަ ހިތްގައިމު އަޑެކެވެ. އެހާމެ ފިރިހެން ވަންތައެވެ. އަހަރެންގެ ހިތް އެއަޑު އިތުރަށް އަހަން ބޭނުންވިއެވެ. އެހެނަސް، އިސްވެ ފިރިހެންކުދިންނަށް ގުޅާ ނޫޅޭތީ، އެކަންކުރަން އަހަރެން ޖެހިލުންވިއެވެ. މިޒާޖުގެ ގޮތުން އަހަރެންނަކީ މީހުންނާއި މާ ވާހަކަދައްކާ ހަދާ މީހެއްނޫނެވެ. ޚާއްސަކޮށް ނުދަންނަ މީހުންނާއި އިސްވެ، ވާހަކަދައްކާ އަމުދުން ނޫޅެމެވެ.
++++++++++++++++++++
ޖެހިގެން އައިދުވަހު ހަވީރު ޑިއުޓީ ނިންމާފައި އަހަރެން ކެފޭ އިން ނިކުތްއިރު ދޮރުމަތީ އެއްކަލަ ޒުވާނާ ހުއްޓެވެ. މާބޮޑު ސަމާލުކަމެއްނުދީ އަހަރެން ކާރަކަށް ގުޅުމަށް ފޯނުނެގީމެވެ. ދެތިން ޓެކްސީ ސެންޓަރަށް ގުޅުމަށްފަހުވެސް ޓެކްސީއެއް ނުލިބުމުން، މަގުމަތިން ޓެކްސީއެއް ނަގާނަމޭ ހިތާ އަތްދިއްކޮށްލީމެވެ. އިސާހިތަކު ޓެކްސީއެއް ކައިރި ކުރިއެވެ. ނަމަވެސް އަހަރެން އެ ޓެކްސީއަށް އަރަން ބޭނުންނުވިއެވެ. ޓެކްސީވެސް ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ނައްޓާލިއެވެ. އޭގައި އިނީ އަފްސަލްއެވެ. އަހަރެން އެންމެ ނަފްރަތު ކުރާ މީހާއެވެ.
"ކީއްވެ އެޓެކްސީ އައިމަ ނޭރީ؟" އަހަރެން ފަހަތަށް އެނބުރި ބަލައިލީމެވެ. އަހަރެންގެ ފަހަތުގައި ހުރެ އެއްކަލަ ޒުވާނާ އަހަރެންނާއި މުހާތަބުކޮށް ބުންޏެވެ.
އަހަރެންނަށް ކުއްލި ޙައިރާންކަމެއް ލިބުނެވެ. އެއީ ކުރިން ދުވަހު އަންމަޑޭ މެންނާއި ދިމާލަށް އެއްޗެހި ކީ ޒުވާނާއެވެ.
"ކަމެއް ނުވޭ!" އެޒުވާނާ ވާހަކަދެއްކީ އަހަރެންނާއި ކަން އެނގުމުން އަހަރެން ޖަވާބުދިނީމެވެ.
"އަހަރެންނާއި އެކީ ސައިކަލުގައި ދާން ކެރިދާނެތަ؟ ގެއަށް ގެންގޮސް ދީފާނަށް. ޓެކްސީއެއް ފަސޭހައިން ނުލިބޭނެ މި މާލެއަކުން މިހާރަކު...!"
އަހަރެން ދެ ފިކުރެއްގައި، އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހުރީމެވެ. ވެފައިހުރި ވަރުބަލިން އިތުރަށް ޓެކްސީއެއްގެ އިންތިޒާރުގައި ހުންނާނެ ހިތްވަރެއް ނެތުމުން، އަހަރެން އެ ޒުވާނާ އާއެކު ގެއަށް ދާން ނިންމީމެވެ.
އަހަރެން އޭގެ ކުރިން ދުވަހަކުވެސް ފިރިހެން ކުއްޖެއްގެ ސައިކަލަކަށް ނާރަމެވެ. ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވެސް ވިއެވެ. ބާރަށް މޭގަނޑު ތެޅެންފަށާއި ނޭވާވެސް އަވަސް ވާހެން ހީވިއެވެ.
"ހާދާ ހާސްވެފައި ތިހިރީ..؟ އަހަރެން ގޮތެއް ނަހަދާނަމޭ.." އަހަރެންގެ މޫނުމަތިން ހާސްކަން ފެނުމުން އޭނާ ބުންޏެވެ.
އަހަރެން އެކަމާ އެއްބަސް ވާކަށް ބޭނުމެއް ނުވިއެވެ. އަދި ދެބަސް ވާކަށް ވެސް ކޮންމެހެން ބޭނުންކުވާތީ، ވަކިއެއްޗެއް ނުބުނެ އޭނާގެ ސައިކަލް ފަހަތަށް އަހަރެން އެރީމެވެ.
އޭނާ އަހަރެން ގެއަށް ގެންދިޔަ މަގުމަތީ ގެންދަންވީ ހިސާބު ފިޔަވާ، އެހެން އެއްވެސް ވާހަކައެއް ނާހައެވެ.
އަހަރެން އޭނާއާއެކު ސައިކަލްގައި ދަތުރުކުރަމުން ދިޔައިރު އޭނާ ލައިގެންއިން ކަޅު ޓީޝާޓްގައި ވައި އެޅޭމުންދިޔަ އިރު، ދުވި ހިތްގައިމު މީރު ސެންޓުގެ ވަހުން އަހަރެންގެ ހިތްފުރި، ވެފައިވާ ވަރުބަލިކަމަށްވެސް ލުޔެއް ލިބިގެން ދިޔަ ކަމުގެ އިޙްސާސް ކުރެވެވުން ދިޔައެވެ. މުޅި ރޭ އެއްކޮން އެ ގޮތް ނޭނގޭ މީހާގެ ސައިކަލް ފަހަތުގައި އިންނަން އަހަރެން ބޭނުންވިއެވެ.
ދިހަ ވަރަކަށް މިނެޓަށް ފަހު އަހަރެންނަށް ގެއަށް ދެވުނެވެ. އެ ދިހަ މިނެޓްގެ ތެރޭގައި އޭނާ އަހަރެންނާއި އެއްވެސް އިތުރު ވާހަކައެއް އޭނާ ނުދައްކައެވެ. އެކަމުންވެސް އަހަރެންނަށް އިތުރު ޙައިރާންކަމެއް ލިބުނެވެ.
އާންމުކޮށް އަންހެންކުއްޖަކު ސައިކަލެއްގެ ފަހަތަށް އަރާފިނަމަ، މި އުޅޭ ފިރިހެން ކުދިންގެ ފިސާރި ވާހަކަ އޮންނާނެއެވެ. ނަމާއި، ފޯނު ނަންބަރާއި، 'ބަނޑުއޮތް ބިހަށް' ދަންދެން އަހާނެއެވެ، އެއާއި ޚިލާފަށް އެ ޒުވާނާ ވީ ތަފާތު މީހަކަށެވެ.
+++++++++++++++++++++
އަހަރެންނަށް ހަމައަސްލުގަވެސް އެ ޒުވާނާއާއި ދޭތެރޭ ޝައުޤުވެރިކަން އުފެދިއްޖެއެވެ. ވާހަކަ ދައްކާލެވޭނެ ނަމައޭ ހިތަށް އެރިއެވެ. ނަންބަރެއްވެސް އަހަރެންނަކަށް އިނގެނީކީ ނޫނެވެ. އޭނާ ގުޅާލާނެ ނަމައޭ އަހަރެންގެ ހިތަށް ވަރަށް އަރައެވެ. ވިސްނުމެއްގައި އެނދުމަތީ އޮއްވާ ވައިބަރ ކޯލެއް އައެވެ.
"ހަލޯ!... " އެކޮޅުން ބުންޏެވެ.
"ހަލޯ.. " އަހަރެންވެސް ޖަވާބުދިނީމެވެ. ކުޑަކޮށް ހިތް އަވަސް ވާގޮތް ވެހުރެއެވެ.
"އިފާ...ދޯ ؟ ގުޅިމީހާ ޔަޤީން ކޮށްލުމަށް ބުންޏެވެ.
"އާން.. އިފާ..ތީކާކު؟ އަހަރެން ޝައްކުމަތީހުރެ ބުނީމެވެ.
" ނޭނގޭ މީހުންނާ ވާހަކަ ނުދައްކަންދޯ؟... އެކަމު އަހަރެން އެނގޭނެ މިހާރު؟ އެކޮޅުން ބުންޏެވެ.
"އަދި ނޭނގުނު.." އަހަރެން ނޭނގޭ ކަމަށް ހެދުމަށް މަސައްކަތް ކުރީމެވެ.
"މީ ޒައިދާން.. ކުރިންދުވަހު އިފާ ގެއަށް ގެންގޮސް ދިން ..." އެކޮޅުން ބުންޏެވެ.
" އޯ.. އާނ..އެގިއްޖެ... ކުރިން ދުވަހުވެސް ގުޅީ ތީނަ ދޯ؟ ކުޑަކޮށް ރަކިވެފައި ހުރެ، އެހެނަސް ޔަޤީން ކޮށްލަން ބޭނުންވެފައި ހުރުމުން އެސުވާލު ކޮށްލީމެވެ.
"އާން.. އަހަރެން ގުޅީ.. އެދުވަހު ނޭނގޭ މީހުންނާ ވާހަކަ ނުދައްކަމޭ ބުނީމަ، ކުޑަކޮށް އެނގޭވަރު ކޮށްފަ، މިއަދު މިގުޅީ.." ޒައިދާން ބުންޏެވެ.
"އެހެންތަ!.. ދެން ބުނެބަލަ ކިހިނެތް މަގޭނަން ހޯދީ..؟" އަހަރެން ޝައުޤުވެރިކަމާއެކީ އެހީމެވެ.
"ދެން ހޯދަން އުޅޭ މީހަކަށް ހޯދޭނެދޯ؟... ޒައިދާން ސަކަ ރާގަކަށް އެހެން ބުނެލިއެވެ.
އަހަރެންގެ ގާތަށްވެސް ކުޑަކޮށް ހިނިއައެވެ. ހަމައެއާއެކު އުފާވެރިކަމެއްވެސް އިޙްސާސް ވިއެވެ.
"ދެންމި އިނގުނީނު އެކަކު އަނެކަކަށް...؟ އޯކޭ ތަ ދޭތެރެއަކުން އަހަރެން ގުޅާލިޔަސް..؟" ޒައިދާން ހުއްދަ ހޯދާލުމނުގެ ގޮތުން އަހާލިއެވެ.
"އާން.. ގުޅާލުމަކުން މައްސަލައެއް ނޯންނާނެތާދޯ ދެން..! " އަހަރެން ބުނެލީމެވެ.
ޒައިދާންގެ އަޑުގައި ހުރި ހިތްގައިމު ގޮތުން އަހަރެން އިތުރަށް ވެސް ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެނަސް ފުރަތަމަ ކޯލުން އެކަން ހާމަކުރުން އެއީ އެހާ ބުއްދިވެރި ގޮތެއް ކަމުގައި އަހަރެން ނުދެކުނީއެވެ.
+++++++++++++++++++++
އެދުވަހުން ފެށިގެން އަހަރެންނާއި ޒައިދާން އާއި ކޮންމެ ދުވަހަކުވެސް ވާހަކަ ދައްކަމެވެ. ވައިބަރ މެސެޖުންނާއި، ކޯލުންނެވެ. ހޭލެވެނީ ވެސް ޒައިދާންގެ މެސެޖަކުންނެވެ. ނިދުމުގެ ކުރިންވެސް އެންމެ ފަހުން ކިޔަނީ ޒައިދާންގެ މެސެޖެކެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަރެންނަށް ޒައިދާން ކަމުދާން ފެށިއެވެ. ޒައިދާން ދެކިލަން ހިތް އެދެންފެށިއެވެ. ކަޑާގައި ޑިއުޓީ ގައި ހުންނައިރުވެސް ޒައިދާން އެތަނަށް އަންނާނެ ނަމައޭ ބައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ.
ޒައިދާން މަސައްކަތްކުރަނީ ޒައިދާން ބައްޕަގެ ވިޔަފާރީގައިކަމުން ހުސްވަގުތު ވަރަށް ލިބެއެވެ. އަހަރެން ޑިއުޓީ ނިމޭގަޑީ ބަލާ ޒައިދާން އައުން ގިނަވެ، މަޑުމަޑުން އަހަރެމެން ދެމީހުން އެކަކު އަނެކަކު ދަސްކުރަމުން، ގަޔާވަމުން ދިޔައީމެވެ.
ޒައިދާން އަކީ މާލޭގައި މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެންދަރިކަމަށާއި، ޒައިދާން ކުރިން ކައިވެންޏެއްކޮށް، އެ ކައިވެނި ރޫޅުނުތާ ދޮޅު އަހަރުވެފައިވާކަންވެސް އަހަރެންނަށް އެނގުނެވެ. އަދި އެކައިވެންޏަށް ދަރިއަކު ލިބިފައިނުވާ ކަންވެސް އެނގުނެވެ.
އަހަރެންވެސް، އަހަރެންގެ އާއިލާއާއި ބެހޭ ގިނަ ވާހަކަ ޒައިދާންއާއި ޙިއްސާކުރީމެވެ. ތުއްތަމެންގެ ގޭގައި އަހަރެންނަށް ދިމާވި ކަންތަކުގެ ތަފްޞީލުވެސް އަހަރެން ޒައިދާންގާތު ކިޔައިދިނީމެވެ. ޒައިދާން އެކަމާ އަފްސަލްދެކެ ވަރަށް ނަފްރަތު ކުރިއެވެ. އަފްސަލް ފެނިއްޖެއްޔާ 'ހޭއަރުވާލެވިދާނޭ' ވެސް ބުންޏެވެ. ޒައިދާންގެ މިޖުމްލައިން އަހަރެން ދެކެ ޒައިދާން ލޯބިވާވަރާއި، އަހަރެންނަށް އެހެންމީހެއްގެ ގޯނާއާއި އަނިޔާ ލިބެން ބޭނުން ނުވާވަރު އަހަރެންނަށް އެނގި، އަހަރެންގެ އަމިއްލަ ނަފްސަށް އިތުބާރުކުރަން ފުރުސަތު ލިބިގެން ދިޔައެވެ. އަދި އޭގެ އިތުރުން ނުރުހުމުގައި އަންހެންކުދިންނާއި 'ބެހުމާއި' 'ފޮށުމަކީ' ޒައިދާން ވަރަށް ނަފްރަތު ކުރާ ކަންތައްތަކެއް ކަންވެސް އަހަރެންނަށް އެނގުނެވެ. ޒައިދާން އަންމަޑޭމެންނާއި ދިމާލަށް އެދުވަހު އެއްޗެހި ކީވެސް އެހެންވެގެންތާއޭ އަހަރެން ހިތަށް އެރިއެވެ. ޒައިދާންގެ މިސިފައިގެ ސަބަބުން އިތުރަށް ޒައިދާން އަށް އަހަރެންނަށް ކުރާ ޢިހްތިރާމް ބޮޑުވެގެން ދިޔައެވެ.
++++++++++++++++++++
ދުވަސްތައް މާޒީވެގެންގޮސް އަހަރެންނާއި، ޒައިދާންގެ ނަންވެސް ލޯބިވެރިންގެ ލިސްޓުގެ ކުރީ ސަފަށް އަރައިފިއެވެ. ޒައިދާން އަހަރެންނަށްވުރެ ފަސް އަހަރު ދޮށްޓެވެ. އެއި އަހަރެންނަކަށް މައްސަލައެއް ނޫނެވެ. އަހަރެންދެކެ ޒައިދާން ލޯބިވާވަރު.، އަހަރެންނަށް ޒައިދާން އަބަދު ބުނެދެއެވެ. ލޯބި، ކުދި ކުދި ކަންކަމުން ޒައިދާން އަހަރެން ހައިރާންކޮށްލައެވެ. ޒައިދާން އާއި އެކީ އުޅެން ފެށުމުން އަހަރެންނަށް ރައްކާތެރި ކަމާއި ޙިމާޔަތް އިޙްސާސްކުރެވެން ފެށިއެވެ. އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް، ޒައިދާންއަށް އަހަރެން އެނގެއެވެ. އަހަރެންނަށް މީރު ކާއެއްޗެއްސާއި، އަހަރެންނަށް މީރުވަސްދުވާ ސެންޓާއި، އަހަރެން ކުރާ ހިތްވާ ކަންތައްތަކާއި، އަހަރެން ދާހިތްވާ ތަންތަންވެސް ޒައިދާން އަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޒައިދާންގެ ލޯބީގައި އަހަރެން ފިޔަޖަހަމުންދިޔައީމެވެ. ވަޢުދުތަކާއި އަޙުދުތައް ކުރަމުން އަހަރުމެންގެ ލޯބީގެ ދުވަސްތައް ގުނަމުން އުފަލާއެކު ކުރިއަށް ދިޔައީމެވެ.
+++++++++++++++++++++
"އިފާ...އަހަރެން އެބޮތް އިފާކައިރީ ވާހަކައެއް ދަންކަންވެފައި" ޒައިދާން ސައިކަލުގައި އަހަރެން ގޮވައިގެން ބުރެއްޖަހާލަން ދަމުން ބުންޏެވެ.
"އެހެންތަ؟... އަނެއްކާ މާބޮޑު ވާހަކަ އަކީތަ..؟ އަޅެ ތިބުނާ ވާހަކައެއް ދައްކަބަލަ! އަހަރެން ހަމަޖެހިލާފައި ބުނީމެވެ.
"އާން.. ހިނގާ މިތަނުން ކާތަނަކަށް ވަދެލަމާ...އޭރުން ހަމަޖެހިލައިގެން ވާހަކަ ދައްކާލެވޭނެ އެންނު..؟"
ޒައިދާން ޙިޔާލެއް ދިނެވެ.
"އަލަނާސި ފަނި ބޮވައިގަތީދޯ"...އަހަރެން ހެމުން ބުނެލީމެވެ.
"އާން.. އަލަނާސި ފަންޏެއް ބޮވިއްޖެއްޔާ ދެން ވަރަށް ހަމަޖެހިގެން ވާހަކަ ދައްކާލެވޭނެ!" ޒައިދާންވެސް ހެމުން ބުނެލިއެވެ.
ހުޅުމާލެ ބީޗުން ދުއްވަމުން ދަމުން، ބީޗްގައި އިށީނދެވޭ ގޮތަށް ގޮނޑިޖަހާފައި ހުރި ރެސްޓޯރެންޓެއްގައި އަހަރެން ބެއިންދުމަށް ފަހު އަހަރެންގެ ކުރިމަތީ ޒައިދާން އިށީނެވެ.
"މިރޭ ހާދަ ލޯތްބޭ.." ސީދާ އަހަރެންގެ މޫނަށް ނަޒަރުހުއްޓާލައިގެން އިނދެ ޒައިދާން ބުންޏެވެ.
" ހޫން...ތީ ތަ ތި ދައްކަން ތިއައި ވާހަކައަކީ..؟" އަހަރެން ރަކި ނުވާކަމަށް ހެދެމުން ބުނީމެވެ.
"މީވެސް އޭގެ ބައެއް!؟.." ޒައިދާން ލާނެއް ގޮތަކަށް ބުންޏެވެ.
"ދެން ސަކަރާތް ނުގަނެ ބުނެބަލަ! އަހަރެން ޒައިދާން އަތުގައި ހިފާލަމުން ބުނީމެވެ. (ނުނިމޭ)
+++++++++++++++++
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް