އިއްޔެ މާލެއިން ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި މީހުން ރާއްޖޭގެ އެކި ހިސާބުތަކުގައި

އިއްޔެ މާލެއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް ޕޮސިޓިވްވި އަންހެން މީހާ އާއި ގުޅުން ހުރި މީހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާ...

16 Apr 2020 | 14:33

އިއްޔެ މާލެއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް ޕޮސިޓިވްވި އަންހެން މީހާ އާއި ގުޅުން ހުރި މީހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޭސް21 އާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް އެކި ސަރަހައްދުތަކުގައި ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް22 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލޭގެ10 ގެއެއްގެ އެޕާޓްމަންޓުތަކަކާއި ހުޅުމާލޭގެ ހަތް އެޕާޓްމެންޓެކެވެ. ދެން ހިމެނެނީ ހއ. ވަށަފަރު ގެއަކާއި، ކ. ކާށިދޫ އާއި، ތ. މަޑިފުށި އަދި އައްޑޫ ސިޓީ ހިތަދޫ ގެއެކެވެ.

އެމީހާ އާއި ގުޅުން ހުރި207 މީހަކު އެޗްޕީއޭއިން ދެނެގަނެ މޮނީޓާ ކުރަމުން ދާއިރުު އޭގެ ތެރެއިން75 މީހުންނަކީ ރިސްކު ބޮޑު މީހުން ކަމަށް މިއަދު ވަނީ ހާމަކޮށްފައި އެވެ. އަދި މީޑިއަމް ރިސްކުގެ43 މީހަކު އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ނިންމާފައިވަނީ ހައި ރިސްކާއި މީޑިއަމް ރިސްކުގެ އެންމެން ކަރަންޓީން ކުރާށެވެ.

https://twitter.com/HPA_MV/status/1250792353746391040

އެމީހާ ޕޮސިޓިވް ވުމާއި ގުޅިގެން މިހާތަނަށް ގުޅުން ހުރި މީހުންގެ ގޮތުގައި ޓެސްޓު ކޮށްފައިވާ މީހުންގެ ތެރެއިން ދެ މީހަކު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެފައި އެވެ. އޭގެ ތެރޭގައި އެ އަންހެން މީހާގެ ދަރިފުޅުވެސް ހިމެނެ އެވެ.

އިއްޔެ މާލެއިން ފުރަތަމަ ޕޮސިޓިވްވި މީހާ އަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށް، ޕޮސިޓިވްވި މީހަކާ ދިމާވެފައިވާ މީހެއް ނޫންކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. އެހެންވެ އެޗްޕީއޭއިން ވަނީ އެ ކޭސް ފެނުމާއި އެކު ރާއްޖޭގައި އެއްވެސް ގުޅުމެއް ނެތް ގޮތަށް ކޯވިޑް-19 ފެތުރެމުންދާ ކަމަށް އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް