ލޮކް ޑައުންގައި ޑެލިވަރީ ހިދުމަތަށް "ސުމެއް" މި ނޫން ގޮތެއް ހޯދަން ޖެހިފައި!

މާލެއިން އިއްޔެ ކޯވިޑް-19 އަށް މީހަކު ޕޮސިޓީވް ވުމާއި ގުޅިގެން މާލެ ސަރަހައްދު ބަންދު ކުރުމުގެ ކުރިޔަށް ގިނަ ބަޔަކު ވަނީ ފިހާރަތަކުގައި ކިޔޫ ހަދާފައި އެވެ. ގިނަ ބަޔަކަށް މި ސަރަހައްދުގެ ބަންދު އެންގުނ...

16 Apr 2020 | 10:13

މާލެއިން އިއްޔެ ކޯވިޑް-19 އަށް މީހަކު ޕޮސިޓީވް ވުމާއި ގުޅިގެން މާލެ ސަރަހައްދު ބަންދު ކުރުމުގެ ކުރިޔަށް ގިނަ ބަޔަކު ވަނީ ފިހާރަތަކުގައި ކިޔޫ ހަދާފައި އެވެ.

ގިނަ ބަޔަކަށް މި ސަރަހައްދުގެ ބަންދު އެންގުން ނެރުނު ވަގުތާއި ޖެހެންވީއިރު ގަންނަން ބޭނުންވި ސާމާނު ނުވެސް ގަނެވުނެވެ. ގިނަ ބަޔަކު ގަނޑުކޮށް އެތައް އެއްޗެއް ގެންދިޔަ އެވެ.

އޭރުވެސް ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކުން ދިޔައީ އޮންލައިންކޮށް ވިޔަފާރި ކުރުމަށާއި ޑެލިވަރީ ކޮށްދޭ ފިހާރަތަކުން ތަކެތި ގެއަށް ގެންދިއުމަށް އެދެމުންނެވެ. އެކަމަކު މާލެ ސަރަހައްދު ބަންދު ކުރިތާ24 ގަޑި އިރުވެގެން އިތުރު24 ގަޑިއިރަށް ބަންދު ކުރަން ނިންމި އިރުވެސް އިއްޔެ ފިހާރަތަކަށް ގަންނަން އޯޑަރު ދިން އެއްޗެހި ގެއަށް ނުގެންގޮސްދެވޭ ފިހާރަތައް ގިނަ އެވެ.

އާންމުންގެ ޝަކުވާ މިކަމާ ގުޅިގެން ދަނީ އިތުރުވަމުންނެވެ. ބައެއް މީހުން ބުނާގޮތުގައި އެކަށީގެންވާ ގޮތުގައި ޑެލިވަރީގެ ހިދުމަތް ދެވެނީ އެސްޓީއޯ ސުޕާމާޓަށް އެކަންޏެވެ. އާންމުން ރުޅިގަދަވެ ބައެއް މީހުން މިހާރު ވަނީ ބޭނުންވާ ތަކެތި ގަތުމަށް ސިއްރު ސިއްރުން ބޭރަށް ނުކުންނަން ފަށާފައި އެވެ.

ބައެއް މީހުން ބުނީ ޑެލިވަރީ ކުރަން ގުޅަން ޖެހޭ ނަމްބަރު ގިނަ ފަހަރު ބިޒީވެ ނުވަތަ އޮންނަނީ ނިއްވާލާފައި ކަމަށެވެ. އޯޑަރު ދިނުމަށް ފަހު އޯޑަރުދިން އެއްޗެހި ޔަގީން ކުރަން ގުޅާނަމޭ ބުނާގޮތަށް ނުގުޅާ ފިހާރަތައްވެސް އެބަ ހުއްޓެވެ.

ފިހާރަތަކުން ބުނަމުންދަނީ ޑެލިވަރީ ކުރަން ޖެހޭ ސާމާނު ގިނަވެ އެ މަސައްކަތް ކުރަން ދަތިވަނީ ކަމަށެވެ.

ލޮކްޑައުންގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީން ވަނީ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި މިފަދަ ހާލަތެއްގައި ޑެލިވަރީ ކޮށްދެވޭނެ ފިހާރަތަކުގެ މައުލޫމާތު އެއްކޮށްފައި އެވެ. އެގޮތުން362 ފިިހާރައަކުން ވަނީ ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށް ބުނެފައި އެވެ.

އިއްޔެ މާލޭ ސިޓީ ކައުންސިލުން ވަނީ އެ ފިހާރަތައް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ދީފައި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލިމާލެ އާއި މާލޭގެ ބައެއް ފިހާރަތަކުގައި ދަނީ ޑެލިވަރީ ކޮށްދިނުމުގެ ހުއްދަ ދީފައި އޮންނަ ވަގުތު ފަހަރަކު މީހަކު ފިހާރައަށް އެއްޗެހި ގަންނަން ވަނުމުގެ ފުރުސަތު ދެމުންނެވެ. މިއީ މިވަގުތު ލޮކް ޑައުން ކޮށްފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް އަމަލު ކުރަމުންދާ ގޮތެވެ.

ރައްޔިތުން އެދެމުންދަނީ ބަންދުކޮށްފައިވާ މި ހާލަތުގައި އަސާސީ ތަކެތި ގޭގެއަށް ހޯދުމުގައި މިނޫން ލުއި ގޮތްތަކެއް ހޯދައި ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް