ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންނަށް ފަރުވާދިން ބައެއް ނަރުހުން ކަރަންޓީނަށް ފަހު އެނބުރި ޑިއުޓީއަށް ނުކުންނަން ފަށައިފިި އެވެ.
ބަލި ޖެހުނު މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވަނީ އައިޖީއެމްއެޗުން ކަނޑައަޅާ ވަކި މުވައްޒަފުންތަކެކެވެ. އެގޮތުން އެންމެ ފުރަތަމަ ބަލި ޖެހުނު މީހުން ފަރުވާއަށް ފަހު ރަނގަޅުވުމުން އެމީހުންނަށް ފަރުވާ ދިން ނަރުހުން ވަނީ އެނބުރި ޑިއުޓީއަށް ނުކުންނަށް ފަށާފައި އެވެ.
އެ ނަރުހުން ފަރުވާ ދިން މީހުންގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގައި އެންމެ ހާލުބޮޑުވެގެން ފަރުވާ ދިން އިޓަލީގެ އުމުރުން ދުވަސްވީ ދެ ޓޫރިސްޓުން ހިމެނެ އެވެ.
ނަރުހުން އެނބުރި ޑިއުޓީއަށް ނުކުންނަށް ފެށުމުން ހޮސްޕިޓަލް މެނޭޖްމެންޓާއި ޑޮކްޓަރުންނާއި މުވައްޒަފުންގެ ފަރާތުން ވަނީ ހޫނު މަރުހާބާއެއް ކިޔާފައި އެވެ. މީގައި އެންމެ ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެނބުރި މަސައްކަތްތަށް ނުކުތް ނުވަ ނަރުހުންގެ ތެރެއިން ގިނަމީހުންނަކީ ފަހުރުވެރި ދިވެހިންނެވެ.
އެމީހުން އެނބުރި މަސައްކަތަށް ނުކުމެފައިވަނީ ކަރަންޓީންގައި14 ދުވަހު މަޑު ކުރުމަށް ފަހު ކޯވިޑަށް ޓެސްޓުކޮށް ނެގެޓިވް ވުމުންނެވެ. އަދި ބަލި މިހުންނަށް ފަރުވާ ދެމުން ދިޔަ އިރު ކިރިޔާވެސް ބަލީގެ އަލާމާތެއް ފެނިފައިވާ ނަމަ ކޯވިޑަށް ޓެސްޓުކޮށް އައިސޮލޭޓް ކޮށްފައިވެ އެވެ.
އައިޖީއެމްއެޗުން އެމީހުންނަށް ހޫނު މަރުހަބާއެއް ކީކަން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވަނީ އެ ހޮސްޕިޓަލްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ހަގީގީ ހީރޯއިންނަކީ އެއީ އެވެ. ޑރ. މުހައްމަދު އަލީ ވަނީ ނަރުހުންނަށާއި ކޯވިޑް-19 ގެ ފަރުވާގެ ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާ ކުރައްވާފައި އެވެ.
https://twitter.com/Moxamedalu/status/1250105073893388288
ބަލިމަޑުކަމެއްގެ މިފަދަ ދަނޑިވަޅެއްގައި ޑޮކްޓަރުންގެ ބުރަ މަސައްކަތުގެ އިތުރުން އެންމެ ބޮޑަށް ފާހަގަ ވެގެންދަނީ ބަލި މީހާ އާއި އެންމެ ކައިރީގައި އޯގާތެރިކަމާއި އެކު އެހީވާން ތިބޭ ނަރުހުންގެ މަސައްކަތެވެ. ކޮރޯނާ ވައިރަސް ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ރެއާ ދުވާލު ނުނިދާ ތިބެ ކުރަމުންދަނީ ޝުކުރުވެރިވާންޖެހޭ ފަދަ ހިދުމަތްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް