ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ބާވަތްތަކާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް ހިލޭ އެހީގެ ގޮތުގައި ބަންގްލަދޭޝްއިން ހަދިޔާ ކޮށްފިއެވެ.
ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނެއެވެ. އަދި މީގެ އިތުރުން ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ ބައެއް މެޑިކަލް އިކުއިޕްމަންޓްސްވެސް ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރާނެއެވެ.
މި އެހީގެ ޖުމްލަ ބަރުދަން 100 ޓަނަށް އަރައެވެ. އެހީގެ މި ޝިޕްމަންޓް ހިފައިގެން ބަންގްލަދޭޝްގެ ނޭވީގެ މަނަވަރެއް ރާއްޖެއަށް އައުމަށް މިއަދުވަނީ ފުރާފައެވެ.
ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ ގޮތުންނާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިން އަނބުރާ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މިދިޔަ ދެ ހަފްތާ ތެރޭ ދެ ފަހަރެއްގެ މަތިން އެގައުމުގެ ފޮރިން މިނިސްޓަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގުޅުއްވައި މަޝްވަރާކުރައްވާފައިވެއެވެ. މިފަދަ ދަނޑިވަޅެއްގައި ބަންގްލަދޭޝްއިން ފޯރުކޮށްދޭ މި އެހީތެރިކަމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މިއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް