ކޯވިޑް-19: ގެތަކުން ކުނި ނެގުމުގެ ހިދުމަތް މިއަދު ފަށާނެ

ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް މާލެއިން ފެނުމާއެކު އިއުލާނުކޮށްފައިވާ ލޮކްޑައުންގައި ގޭގެއިން ކުނި ނެގުމުގެ ހިދުމަތް ވަގުތީ ގޮތުން އިއްޔެ މެދުކަނޑާލި ނަމަވެސް މިއަދު އަލުން ހިދުމަތް ފަށާނެ ކަން ވެމް...

16 Apr 2020 | 03:44

ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް މާލެއިން ފެނުމާއެކު އިއުލާނުކޮށްފައިވާ ލޮކްޑައުންގައި ގޭގެއިން ކުނި ނެގުމުގެ ހިދުމަތް ވަގުތީ ގޮތުން އިއްޔެ މެދުކަނޑާލި ނަމަވެސް މިއަދު އަލުން ހިދުމަތް ފަށާނެ ކަން ވެމްކޯއިން ހާމަކޮށްފިއެވެ.

ރާއްޖެ ޓީވީން ކުރިއަށްގެންދާ ކަވަރޭޖަށް ދިން އިންޓަވިއުއެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކުރިން ކާފިއު ހިންގި އިރު ކުނި ނަގަމުންދިޔައީ އޭރު އެކަމަށް ހާއްސަ ހުއްދައެއް އޮތުމުން ކަމަށެވެ. އަދި ލޮކްޑައުންގައި ހިދުމަތްތައް މެދުކަނޑާލީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރިއަށްދާއިރު އެއްގެއިން އަނެއް ގެއަށް ވެމްކޯގެ މުވައްޒަފުން ކުނި ބަލާދިއުމަކީ ރައްކާތެރިގޮތެއް ނޫންކަމަށް ފާހަގަކުރެވޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުނި ނެގުމުގެ ހިދުމަތް މިއަދު އަލުން ފަށާއިރު ވެމްކޯއިން އެދެނީ ކުނި ރެޑީކުރާއިރު ދެ ކޮތަޅަށް ލާ ރަނގަޅަށް ބަންދު ކުރުމަށެވެ.

ގްރޭޓަރ މާލެ ރީޖަންގައި ލޮކްޑައުން އިއުލާނުކުރީ އިއްޔެ މާލެއިން ދިވެއްސަކު ޕޮޒިޓިވް ވުމުންނެވެ. ކޭސް21ގެ ކޯޑް ދީފައިވާ ދިވެހި އެ މީހާއަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް އަދި ކުރިން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެސް ވެފައިނެތް މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމާބެހޭފަރާތްތަކުން ކުރަމުން އަންނައިރު މާލެއިން މިހާރު ވަނީ އިތުރު ދެމީހަކު ޕޮޒިޓިވް ވެފައެވެ. އެއީ ކޭސް 22 އަދި ކޭސް 23 އެވެ. ކޭސް 22 އަކީ ކުޑަކުއްޖެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފަހުން ޕޮޒިޓިވްވި ދެމީހުންވެސް ޕޮޒިޓިވްވީ މާލެއިން ކަމާއި އެ ދެމީހުންނަކީވެސް ކޭޝް 21 އާއި ޑައިރެކްޓް ކޮންޓެކްޓުން ކަމުގައިވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް