ޓްރެވަލް ކްލިނިކަށް ދިޔަ ދިވެއްސަކު ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްފި

މާލޭގައި ގާއިމްކޮށްފައިވާ ޓްރެވަލް ކްލިނިކަށް މިއަދު ޑޮކްޓަރަށް ދައްކަން ދިޔަ ދިވެއްސެއްގެ ގައިން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެންނަން ހުރުމުން ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓިއަށް ގެންގޮސްފި އެވެ....

16 Mar 2020 | 16:57

މާލޭގައި ގާއިމްކޮށްފައިވާ ޓްރެވަލް ކްލިނިކަށް މިއަދު ޑޮކްޓަރަށް ދައްކަން ދިޔަ ދިވެއްސެއްގެ ގައިން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެންނަން ހުރުމުން ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓިއަށް ގެންގޮސްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އެމީހާ އަކީ މިދިޔަ14 ދުވަސް ތެރޭގައި ސްކޮވޭކިއާއަށް ދަތުރުކޮށްފައިވާ މީހެއް ކަމަށެވެ. އޭނާ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔައީ އަމިއްލައަށް ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރުމާއި ބަލި އުޅޭ ގައުމަކަށް މިދިޔަ ދުވަސްތަކުގެ ތެރޭގައި އެމީހާ ދަތުރުކޮށްފައިވާތީ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރާނެ ކަމަށެވެ. އަދި އޭނާ14 ދުވަހު ކަރަންޓީން ފެސިލިޓީގައި މަޑު ކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖެއިން ބޭރުން އައި ދެ ދިވެއްސަކު މިހާރު ފަރުކޮޅުފުށީ އައިސޮލޭޝަންގައި އެބަތިއްބެވެ. އެއީ މިއަދު ސްޕެއިން އިން އައި މީހަކާއި މި މީހާ އެވެ.

އަދި މިހާތަނަށް ރާއްޖެއިން ބޭރުން އައި މީހުންގެ ތެރެއިން އެކަކުވެސް ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފައެއް ނުވެ އެވެ.

ރާއްޖެއިން13 މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވާއިރު އެއީ ހުސް ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް