ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުން ކުރާ ގޮތާއި ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ފޮތެއް ނެރެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ކުރި މި ފޮތް ރަސްމީކޮށް ނެރެދެއްވީ މިނިސްޓަރު ޑރ. އައިޝަތުު އަލީ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
"ސައިބާ ސޭފްޓީ" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން މި ފޮތް ތައްޔާރު ކުރީ ފުލުހުންގެ ސައިބާ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓާ ގުޅިގެންނެވެ.
މި ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވީ އިންޓަނެޓް ބޭނުން ކުރުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮޯޮނާ ވައިރަސްއާއި ގުޅިގެން ސްކޫލްތަކުގެ ކިޔަވައިދިނުން އޮންލައިންކޮށް ފަށާއިރު މި ފޮތުގެ ބޭނުން ބެލެނިވެރިންނަށް ވަރަށް މުހިންމު ވާނެ ކަމަށެވެ.
މި ފޮތުގައި ދަރިވަރުން ހޭލުންތެރިކޮށްދޭނެ ގޮތްތައް ބެލެނިވެރިންނަށް އޮޅުންފިލުވައިދީފައިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފައިވާއިރު އެޑިއުކޭޝަނުން ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި އެވެ. އަދި މިހާރު ބައެއް ގްރޭޑުތަކަށް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށާފައި އެވެ.
އެގޮތުން ޔެސް ޓީވީ މެދުވެރިކޮށް "ޓެލިކިލާސް" ގެ ނަމުގައި ގްރޭޑް10 އަދި11 ގެ ދަރިވަރުންނަށް ފިލާވަޅުތައް ދަނީ ނަގައިދެމުންނެވެ. އަދި އެ ފިލާވަޅުތައް ނަގައިދޭ ގަޑީގައި ދަރިވަރުން ޓީވީ ބަލަން ތިބޭތޯ ބެލެނިވެރިން މެދުވެރިކޮށް ޔަގީން ކުރުމަށް މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް