ކޯވިޑް-19: ހުރިހާ ސިނަމާތަކާއި ތިއޭޓަރުތައް ބަންދު ކުރަން އަންގައިފި

ރާއްޖޭގައި ހިންގާ ފިލްމު ތިއޭޓަރުތަކާއި ސިނަމާތައް ބަންދު ކުރަން އަންގައިފި އެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގައި މިވަގުތު އޮތީ30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނ...

16 Mar 2020 | 10:04

ރާއްޖޭގައި ހިންގާ ފިލްމު ތިއޭޓަރުތަކާއި ސިނަމާތައް ބަންދު ކުރަން އަންގައިފި އެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގައި މިވަގުތު އޮތީ30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފަ އެވެ.

ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ހުރިހާ ސިނަމާތަކާއި ތިއޭޓަރުތައް ކުރިޔަށް އޮތް ދެ ހަފްތާއަށް ބަންދު ކުރަން އަންގާ ކަމަށެވެ. މި ފިޔަވަޅު އަޅަނީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.

މި އެންގުމަށް ދައުލަތުގެ ހުރިހާ އިދާރާތަކާއި ކަމާ ގުޅުން ހުރި ފަރާތްތަކުން އަމަލު ކުރުމަށް އަންގާފައިވެ އެވެ.

މި އެންގުމަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ34 ވަނަ މާއްދާގެ ދަށުން އެޅި ފިޔަވަޅެކެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މިމަހުގެ12 ވަނަ ދުވަހު އެވެ. އޭގެ ފަހުން ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކެއް އަޅާފައި އެވެ.

އެގޮތުން ޓޫރިސްޓު އެކްސްކާޝަންތައް ހުއްޓާލަން އެންގުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިއުން މަނާ ކުރުމުގެ އިތުރުން މާލޭގެ ގެސްޓު ހައުސްތަކަށް ބިދޭސީން ނުގެނެވޭ ގޮތަށް ވަނީ ހަދާފަ އެވެ. އަދި ސްކޫލްތަކާއި ޔުނިވަސިޓީ އަދި ކޮލެޖުތައް ދެ ހަފްތާއަށް ބަންދު ކުރަން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވާފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިފައިވަނީ13 މީހުންނަށެވެ. އެއީ ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް