ކޮރޯނާ ވައިރަސް ރާއްޖެ އަތުވެދާނެ ކަމަށް ސިއްހީ މާހިރުން އިންޒާރު ދޭން ފެށުމާއި އެކު ސަރުކާރުން އަޅަންފެށި ފިޔަވަޅުތަކާއި ގުޅިގެން އެންމެ ބޮޑަށް މަލާމާތްކޮށް ފާޑުވިދާޅުވި ބޭފުޅަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
ވަކި ވަކި ރަށްތައް ކަރަންޓީން ކުރާނެ ކަން އިއުލާނު ކުރުމުން ނަޝީދު އެކަމަށް ޖޯކު ޖެއްސެވިއެވެ. ވިދާޅުވީ ރަށްތައް ކަރަންޓީން ކުރަން ނުޖެހޭނެ ކަމަށެވެ. މި ބައްޔަށް ފަރުވާ ދޭން ޖެހޭނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ޕެނަޑޯލް ދީގެން ކަމަށް ވިދާޅުވި އެވެ. ދުނިޔޭގައި އުޅޭ ބައްޔެއް ވިއްޔާ ރާއްޖެ އަންނާނެ ކަމަށް ވިދާޅުވި އެވެ.
މިގޮތަށް ރައްޔިތުން މި ދަނޑިވަޅުގައި އަހަން ބޭނުން ނުވި އެތައް ވާހަކައެއް ނަޝީދު ދެއްކެވި އެވެ.
އެކަމަކު މިއަދު ރާގު ބަދަލު ކުރައްވާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ވައިރަސް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު އެމަނިކުފާނު ރޭ ހޯއްދެވި ކަމަށެވެ.
އެ މައުލޫމާތު ހޯއްދެވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންއެމްޑީއޭ) އާއި ޑަބްލިއުއެޗްއޯގެ އޮފިޝަލުންނާ އެކު، މަޖިލީހުގެ އާއްމު ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި އެ މަނިކުފާނާއި މަޖިލީހުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ނަޝީދު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަނީ އެޕިޑެމިއޮލޮޖިކަލް ސާވޭއެއް ހަދައި، އެ ސާވޭގެ ނަތީޖާ އަށް ބަލައިގެން ކަމަށް ރޭގެ ބައްދަލުވުމުގައި ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވި ކަމަށެވެ. އެގޮތުން، ބަލި ކޮންޓްރޯލް ކުރާނެ ގޮތުގެ ތިން ސިނާރިއޯއެއް މައިމޫނާ ވަނީ ސަރުކާރަށް ހުށަހަޅުއްވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު އަަމަލުކުރާ ގޮތުގެ ބަދަލުގައި، އަނެއް ދެ ސިނާރިއޯގައި ވެސް އޮތީ ކުއްލިއަކަށް ވަރަށް ބާރަށް ބަލި ފެތުރިދާނެ ހާލަތެއް ކަަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުއަށް ބަލީގެ ސީރިއަސްކަން މިއަދު ވިސްނިވަޑައިގެންނެވި އިރު މީގެ ކުރިން ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ގިނަ އާންމުންގެ ފާޑު ކިޔުންވަނީ އެމަނިކުފާނަށް އަމާޒުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން13 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ.
އެހެންވެ އިތުރަށް ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން ގެންދަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް