މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ދަނީ ފެންނަމުންނެވެ. ވައިރަސް ފެތުރުނަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު މި ވައިރަސް ފެތުރޭ ގޮތާއި މެދު އާންމުންގެ މެދުގައި އަދިވެސް ކުރެމުންދާ ސުވާލެއް އެބައޮތެވެ.
މި ބަލި ޖެހެނީ ކޮން އެއްޗެއްގެ ޒަރިއްޔާއިން ހެއްޔެވެ. މި ބަލިން ރައްކާތެރިވުމަށް ކުރަންވީ ކޮން ކަމެއް ހެއްޔެވެ.
މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ކޮރޯނާ ވައިރަސްގެ އާ ވައްތަރުގެ ވައިރަހަކީ ވާލާއި ހަރުފައިން ފެތުރުނު ބައްޔެއް ކަމަށް ގިނަ ސައިންސްވެރިން ބުނެ އެވެ. އެކަމަކު މިކަން އަދި ޔަގީން ކުރެވިފައި ނުވާއިރު މި ބައްޔަށް މިހާތަނަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެ އެވެ.
މުޅި ދުނިޔެއަށް ވައިރަހުގެ ބިރުވެރިކަން ބޮޑުވެ ގައުމުތައް ބަންދު ކުރަމުންދާއިރު ރާއްޖޭގައިވެސް ބަލީގެ ނުރައްކާތެރިކަން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އިއްޔެ އަކީ އެގޮތުން ފާހަގަކޮށްލެވޭ ދުވަހެކެވެ.24 ގަޑިއިރު ތެރޭގައި ތިން މީހަކު ވައިރަހަށް ޕޮސިޓިވްވި އެވެ. އެކަމަކު އެއީ ޓޫރިސްޓުންނެވެ.
އެހެންކަމުން ރައްކާތެރިވުމަށް ދިވެހިންނަށް އޮތް ފުރުސަތު އަދިވެސް ނުގެއްލެ އެވެ.
މި ބަލީގެ އަލާމާތްތަކަކީ ދިވެހިންނަށް އާ އަލާމާތްތަކެއް ނޫނެވެ. ކެއްސާ، ކިނބިހި އެޅުން އަދި ހުން އައުން ފަދަ ކަންކަމަކީ އާންމުކޮށް ރާއްޖޭގައި ފެތުރޭ މުސުމީ ބަލިތަށް ކަމަށް ޑެންގީ އަދި އިންފްލުއެންޒާ ފަދަ ބަލިތައް ޖެހޭ އިރު ފެންނަ އަލާމާތްތަކެވެ. އެހެންވެ މަދިރީގެ ޒަރިއާއިން މި ބަލި ޖެހުމުގެ ކުޑަވެސް ފުރުސަތެއް އެބައޮތްތޯ އަންމުންގެ ތެރެއިން ގިނަ ބަޔަކު ސުވާލު ކުރެ އެވެ.
އެޗްޕީއޭއިން ބުނީ މަދިރީގެ ޒަރިއްޔާއިން ކޮރޯނާ ވައިރަސް ޖެހިދާނެ ކަމުގެ މައުލޫމާތެއް އަދި ހެއްކެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ.
މިހާރު ފެތުރެމުންދާ ކޮރޮނާ ވައިރަސް ޖެހެނީ ނޭވާލާ ނިޒާމަށެވެ. މިބަލި އާންމުކޮށް ފެތުރެނީ ކެއްސާ ކިނބިހި އެޅުމުން އަނގައިން ނުކުންނަ ކުޅުތިއްކަކުން ނުވަތަ އަރިދަފުހުގެ ޒަރިއްޔާއިންނެވެ.
އެހެންވެ މި ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ކެއްސާ ކިނބިހި އަޅާ މީހުންނާއި ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.
https://twitter.com/HPA_MV/status/1239128581541728256
މި ބަލި ރާއްޖެއިން ފެންނަން ފެށި ނަމަވެސް މިހާތަނަށް ގައިން ގަޔަށް އަރާފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓުގައި އެކަންޏެވެ. އެއީ މި ބަލި ފުރަތަމަ ރާއްޖެއިން ފެންނަން ޖެހުނު ސަބަބު ކަމަށްވާ އިޓަލީ މީހާ ފުރައިގެން ދިޔަ ފަހުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވި ކަމަށް އެންގުމުން ގުޅުން ހުރި މީހުން ޓެސްޓު ކުރުމުން ޕޮސިޓިވްވި ބައެކެވެ. އެ ރިސޯޓުން ފަސް މުވައްޒަފަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ.
އެހެން ރިސޯޓުތަކާއި ސަފާރީއެއްގައި ބައްޔަށް ޕޮސިޓިވްވެފައިވަނީ ރާއްޖެއިން ބޭރުން އައިސް ތިބި ޓޫރިސްޓުންނެވެ.
އެހެންވެ ހެލްތް މިނިސްޓްރީން އަދިވެސް ބުނަމުން ދަނީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެހެންކަމުން އާންމު މިވަގުތު ފަރުދީ ޒިންމާ އަދާކޮށް ސިއްހީ ހިދުމަތްތެރިން ދޭ ނަސޭހަތް ގަބޫލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް